Roadha Mihaaru
ޚާޝުގްޖީގެ މަރާ ގުޅުންހުރި 16 މީހަކު އެމެރިކާއަށް ވަނުން މަނާ

ޚާޝުގްޖީގެ މަރާ ގުޅުން ހުރި 16 މީހަކު އެމެރިކާ އަށް ވަނުން މަނާކޮށްފި

09 އެޕްރީލް 2019

ވޮޝިންޓަން (އެޕްރިލް 9) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅުން ހުރި 16 މީހަކު އެމެރިކާ އަށް ވަނުން ސްޓޭޓް ޑިޕާޓްމަންޓުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރިލް 9) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅުން ހުރި 16 މީހަކު އެމެރިކާ އަށް ވަނުން ސްޓޭޓް ޑިޕާޓްމަންޓުން މަނާކޮށްފި އެވެ.

އެމެރިކާގެ ނިންމުން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިއުލާން ކުރެއްވި އިރު ޚާޝުގްޖީގެ މަރާ ގުޅިގެން އެމެރިކާ އިން ފިޔަވަޅު އެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރަށް ކޮންގްރެސް އިން ވެސް ދިޔައީ ޕްރެޝަރު ކުރަމުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން މީގެ ކުރިން ވަނީ ޚާޝުގްޖީގެ މަރާ ގުޅިގެން، ސައުދީގެ 12 މީހެއްގެ ވިސާ ބާތިލްކޮށް 17 މީހެއްގެ މުދާ ހިފަހައްޓައިފަ އެވެ.

އެމެރިކާ އަށް ވަނުން މަނާކުރި މީހުންގެ ތެރޭގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ސައުދު އަލް ގަހްތާނީ އާއި ޚާޝުގްޖީ މަރާލި ކަމަށް ބެލެވޭ ޓީމުގެ އިސް ލީޑަރަކަށް ހުރި ކަމަށް ތުހުމަތު ކުރެވޭ މާހިރު މުތުރިބް ހިމެނެ އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ މަރާލީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. ތުރުކީން ތުހުމަތު ކުރަނީ ޚާޝުގްޖީ މަރާލީ އެ ދުވަހު ސައުދީން ދިޔަ 15 މީހުންގެ ޓީމަކުން ކަމަށެވެ. ޚާޝުގްޖީގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެ އެވެ.