11 އެޕްރީލް 2019
ކޮންމެ ރިޔާސީ އިންތިޚާބެއް ނިމުމަށް ފަހު ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ބޯމަތިވުމާ އެކު ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. ސަރުކާރު ހިންގާ ޕާޓީއަކުން އަބަދުވެސް ބުނަނީ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ. އިދިކޮޅު ޕާޓީން ވިސްނައިދޭން މަސައްކަތް ކުރާނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ދީގެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ. މިއީ ވޭތުވެދިޔަ 10 އަހަރު މަޖިލިސް އިންތިޚާބު ބޯމަތިވުމުން އަބަދުވެސް އިވުނު ވާހަކަތަކެވެ. ހަމައެކަނި ބަދަލުވާނީ އެއިރެއްގައި އެ ވާހަކަ ދައްކާ ޕާޓީތަކެވެ.
ކޮންމެ ރިޔާސީ އިންތިޚާބެއް ނިމުމަށް ފަހު ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ބޯމަތިވުމާ އެކު ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. ސަރުކާރު ހިންގާ ޕާޓީއަކުން އަބަދުވެސް ބުނަނީ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ. އިދިކޮޅު ޕާޓީން ވިސްނައިދޭން މަސައްކަތް ކުރާނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ދީގެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ. މިއީ ވޭތުވެދިޔަ 10 އަހަރު މަޖިލިސް އިންތިޚާބު ބޯމަތިވުމުން އަބަދުވެސް އިވުނު ވާހަކަތަކެވެ. ހަމައެކަނި ބަދަލުވާނީ އެއިރެއްގައި އެ ވާހަކަ ދައްކާ ޕާޓީތަކެވެ.
ނިމިދިޔަ މަޖިލިސްގެ އިންތިޚާބުގައި ވެސް އިވުނީ އެ ވާހަކަތަކެވެ. އެކަމަކު އެހެން ފަހަރުތަކާ ޚިލާފަށް، މިފަހަރުގެ އިންތިޚާބުގައި ނުކުތީ ގިނަ ބަޔަކު ހައިރާންކޮށްލި ނަތީޖާއެކެވެ. ވެރިކަމުގައި އޮތް އެމްޑީޕީން އެކަނި 65 ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގީ އެވެ. އެއީ ސަރުކާރު ކޯލިޝަންގައި ތިބި އެހެން ޕާޓީތަކާއި އިދިކޮޅުން ވެސް އުއްމީދުކުރި ކަހަލަ ނަތީޖާއެއް ނޫނެވެ.
އެމްޑީޕީއަށް ލިބުނު ބޮޑު އަޣުލަބިއްޔަތަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ރާއްޖޭގެ ތާރީޚުގައި ވެސް އެއް ޕާޓީއަކުން މަޖިލިސްގެ ކޮންޓްރޯލް މިހާ ބޮޑަށް ނެގި ފުރަތަމަ ފަހަރެވެ. ސަރުކާރު ހިންގާ ޕާޓީއަކުން ވެސް އޭގެ ކުރިން އެހާ ބޮޑު އަޣުލަބިއްޔަތެއް ނަގާފައެއް ނުވެ އެވެ. އަނެއްކޮޅުން، އިދިކޮޅު ޕާޓީތަކަށް ލިބުނީ، އަމިއްލަ ގޮތުން ހޮވުނު މެމްބަރުން ހިމަނައިގެން މަޖިލީހުގެ ކޯރަމް ކިރިޔާ ހަމަކުރެވޭ ވަރުގެ އަދަދެކެވެ. އެހެންވެ އިދިކޮޅުގެ އަޑު މަޖިލީހުގައި ދެން ނޯންނާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.
ބޮޑު ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގެ ތެރެއިން ބޭނުން ކަމެއް ނިންމާލުމުގެ ބާރު އެމްޑީޕީއަށް މިހާރު އެ އޮތީ ލިބިފަ އެވެ. ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ފަދަ ބޮޑެތި ގާނޫނުތަކުގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުން ވެސް، އެހެން ޕާޓީއެއް ނުވަތަ މެމްބަރެއްގެ އެހީއާ ނުލައި، އެމްޑީޕީއަށް އެހާ ފަސޭހަވާނެ އެވެ.
ކިރިޔާ ވެސް ހުރަހެއް މިހާރު އޮންނާނީ ރައްޔިތުންގެ ސީދާ ވޯޓަކަށް ދާން ޖެހޭ ކަންކަމުގައި ރައްޔިތުން ސީދާ ނިންމާ ގޮތެކެވެ.
އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީގެ އަސްލަކީ ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެ ޕާޓީން ކުރި މަސައްކަތާއި މިހާރުގެ ރައީސް މުހައްމަދު އިބްރާހިމް ސޯލިހަށް އޮތް އިތުބާރެވެ. އެކަމަކު ކުރީގެ ތަޖުރިބާއަށް ބަލާއިރު، ސަރުކާރު ހިންގާ ޕާޓީއަށް އެހާ ބޮޑު ސުޕަ މެޖޯރިޓީއެއް ދިނުމުގެ ނަތީޖާ ރަނގަޅު ވެދާނެތޯ ސުވާލުކުރެވެން އެބަ އޮތެވެ.
މާޒީން މިސާލު ނެގުމަކީ އެންމެންގެ ވެސް އާދައެކެވެ. އެހެންކަމުން މީގެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލަމާ ހިނގާށެވެ. މުޅި މަޖިލީހުގެ މެޖޯރިޓީ އޮތީ އޭރު ސަރުކާރު ހިންގި ޕީޕީއެމް ކޯލިޝަނަށެވެ. ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނާ އެކު ސަރުކާރުން މަޖިލީހުގެ ތެރެއިން ކުރަން ބޭނުންވި ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ލިބުނެވެ. އޭރު މަޖިލީހުން ރައްޔިތުންނާ ގުޅޭ މުހިންމު ބައެއް ބިލްތައް ފާސްކުރިޔަސް، އޭރު އޮތް ބޮޑު އަޣުލަބިއްޔަތުގެ ބޭނުން ހިފީ ރަނގަޅަކަށް ނޫނެވެ. ރަައްޔިތުންގެ އަސާސީ ހައްގުތައް ހަނިކޮށް، ގާނޫނުތަކަށް ބަދަލުގެނައުމާއި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ހުރަސް އަޅަން ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރުން ފަދަ އެތައް ކަމެއް އޭރުގެ މެޖޯރިޓީ އޮތް މެމްބަރުން ކުރި އެވެ.
އިދިކޮޅުގައި އޮތް އެމްޑީޕީގެ އަޑެއް މަޖިލީހުގައި ނުހިނގި އެވެ. ސަރުކާރުން ބޭނުންވިހާ ގޮތަކަށް ގާނޫނުތަކަށް އަވަސް އަރުވާލައިގެން ބަދަލުތައް ގެންނަމުން ދިޔައިރު، އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެއްވެސް ކަމަކަށް މަޖިލީހުގެ ތެރެއިން ފުރުސަތެއް ނެތެވެ. އެންމެ ކުޑަމިނުން، ވަޒީރެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކާ ގުޅޭ ގޮތުން ސުވާލެއް ކުރަން އިދިކޮޅު މެމްބަރުން ހުށަހެޅި ގިނަ ހުށަހެޅުންތައް ވެސް ދިޔައީ ވަށިގަނޑަށެވެ. މިނިވަން މުއައްސަސާތަކަށް ފާރަވެރިވުމެއް ނެތެވެ. އެހެންވެ، އޭރު ގިނަ ބަޔަކު މަޖިލިސް ސިފަކޮށްފައި އޮތީ ހަމައެކަނި ސަރުކާރުން ބޭނުން ގޮތަކަށް ސްޓޭމްޕް ޖަހާ ތަނެއްގެ ގޮތުގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އޭރު ސަރުކާރަށް ލިބިފައި އޮތް އެ ބޮޑު އަޣުބިއްޔަތު އެހެން މީހުންނަށް ވެފައި އޮތީ ހިތި އެއްޗަކަށެވެ.
ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ޕީޕީއެމް ދޫކޮށް ނުކުތުމުން އެ މެމްބަރުން ކަސްތޮޅު އަޅުވަން ވެސް މަސައްކަތްކުރީ މަޖިލީހުގެ ތެރެއިންނެވެ. ސަރުކާރު ކޯލިޝަންގައި ތިބުމަށް ފަހު އިދިކޮޅާ ގުޅުނު 12 މެމްބަރަކު މަޖިލީހަށް ވެންނެވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމެންދެން އޮތީ ހުއްޓުވައިފަ އެވެ. ބަައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ 12 މެމްބަރުންނާ މެދު ސަރުކާރުންނާއި މަޖިލިސް އަދި ސުޕްރީމް ކޯޓުން ކަން ކުރި ގޮތަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ވެއްޓުމެކެވެ.
އެމްޑީޕީގެ ޖަލްސާއެއްގައި ރައީސާއި ކުރީގެ ރައީސް ނަޝީދު --ފޮޓޯ/މިހާރު
އެ ތަޖުރިބާއަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެމްޑީޕީއަށް އެއަށް ވުރެ ބޮޑު ސުޕަ މެޖޯރިޓީއެއް ރައްޔިތުން ދިން ސަބަބުތަކެއް ވެސް ހުއްޓެވެ. މަޖިލިސް އިންތިޚާބަށް ބޮޑު އަދި މުހިންމު މެނިފެސްޓޯއަކާ އެކު ނިކުތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީ އެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދަން މިހާރު އޮތް މަޖިލީހަށް ހުށަހެޅި މުހިންމު ބައެއް ބިލްތައް އެކި ބަހަނާތައް ދެއްކުމަށް ފަހު މަޖިލީހުގެ ތެރެއިން ތާށިކޮށްލުމަކީ ވެސް ސަބަބެކެވެ.
ކޮންމެ ބާރެއް ވެސް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިން ކަމަށް ވާތީ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ނުވަތަ އެއިރެއްގައި އޮންނަ ސަރުކާރަކަށް ލިބުމަކީ ނުވަތަ ނެތުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އެއީ ރައްޔިތުންގެ ނިންމުމެވެ. ރިޔާސީ ނިޒާމު އޮންނަ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮވެ އެވެ. އެކަމަކު މައްސަލައަކަށް ވަނީ މަޖިލީހަށް ގާނޫނު އަސާސީން މަތިކުރާ ޒިންމާތައް އަދާކުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން ހާސިލްކުރަން ބޭނުންވާ އެޖެންޑާތައް ކުރިއަށް ނެރޭ ހިސާބެވެ. ކުރިން ވެސް ދިމާވީ އެ މައްސަލަ އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުން މަޖިލީހުގެ ތެރެއިން ސުޕަ މެޖޯރިޓީއެއް ސަރުކާރަށް އޮތުން މުހިންމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވެސް ވިދާޅުވަނީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު، ސުޕަ މެޖޯރިޓީއެއް ސަރުކާރަށް ލިބިއްޖެ ނަމަ، މުއައްސަސާތައް ޖަވާބުދާރީ ނުކުރެވޭނެ ފަދަ ގޮތަށް މަޖިލީހުގެ ކަންކަން ދިއުމުގެ ފުރުސަތު އޮތުމެވެ.
"މި އައި ދެ މަޖިލިސް [އަޅާބެލުމަށް] ފަހު، ދެ އެކްސްޓްރީމަށް އަޅުގަނޑުމެންނަށް ދެވުނީ. އެމްޑީޕީ ސަރުކާރު އައިސްފައި އެ ސަރުކާރު ދައުރުގެ މެދުން ނިމިގެން ދާން ޖެހުމުގެ އެންމެ ބޮޑު އެއް އަސްލަކީ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ އެމްޑީޕީއަށް ނުލިބުން. އެއީ ހިތާމަހުރި ކަމެއް،" ކެމްޕެއިން ޖަލްސާއެއްގައި އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
"ދެން އަޅުގަނޑުމެންނަށް އައީ ހަމަ ރަނގަޅަށް ފެށިގެން އައި ވެރިކަމެއް. އޭގައި ވެސް އެ މަގަށް ދިއުމުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ ސުޕަ މެޖޯރިޓީއެއް ދީގެން އުޅުން."
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ސަރުކާރަށް މަޖިލީހުގެ ތެރެއިން ލިބެން ޖެހޭނީ ވައުދުތައް ފުއްދޭ މިންވަރުގެ ސިމްޕަލް މެޖޯރިޓީއެކެވެ. އަދި މަޖިލީހުގައި ސަރުކާރު ނޫން ޕާޓީތަކާއި މެމްބަރުންނަށް ވެސް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަގައިމު ވެސް ދިވެހިރާއްޖޭގައި މިވީ 10 އަހަރުގެ ތަޖުރިބާގައި ބޭނުމެއް ނޫން ހުސް ރަބަރު ސްޓޭމްޕް ޖަހާ މަޖިލީހެއް. ހަމަ އެގޮތަށް އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެން ޖަވާބުދާރީ ނުވާ މަޖިލީހެއް ވެސް. ހަމަ އެގޮތަށް އަޅުގަނޑުމެން ބޭނުމެއް ނޫން ސަރުކާރުން ތަރައްގީއަށް ކުރާ ކަންކަމަށް ހުރަސްއަޅާ މަޖިލީހެއް ވެސް،" ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އެކަމަކު ކެމްޕޭން ތެރޭގައި އެމްޑީޕީއަށް ބޮޑަށް ތާއީދުކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.
އެކަމަކު ނަޝީދު ވަނީ ރަައްޔިތުންނަށް އެހެން ޔަގީންކަމެއް ދެއްވައިފަ އެވެ. މައްޗަށްގޮޅީ މެދު ދާއިރާ ކާމިޔާބުކުރައްވައިގެން ކުރިއަށް އޮތް މަޖިލިހަށް ހޮވިވަޑައިގެންފައިވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުން ހިފާ ގޮތް ތަފާތު ވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ބޮޑު އަޣުލަބިއްޔަތެއް އޮތަސް، އެ ޕާޓީން އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ނުހިފާނެ އެވެ. ސަރުކާރުގެ ވަޒީރުންނާއި އަދި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމާ އެކު، އިދިކޮޅު މެމްބަރުންގެ އަދަދު ކިތަންމެ މަދުވިޔަސް، ފާޑު ކިޔުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން އިދިކޮޅަށް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހަޅާ ބިލަކާ ގުޅޭ ގޮތުން އެ ބޭފުޅުންނަށް ވާހަކަ ދެއްކެވޭނެ. އަޅުގަނޑުމެން އެއްވެސް މިންވަރަކަށް އެ ވާހަކައަށް ހުއްޓުމެއް ގެންނާކަށް ބޭނުމެއް ނުވާނެ. އަދި އަޅުގަނޑުމެން އިންތިހާއަށް އެ ވާހަކަ އަޑުއަހަން ބޭނުންވާނެ. އަޅުގަނޑުމެން އަޅުގަނޑުމެންނަށް ލިބިފައި އޮތް އަޣުލަބިއްޔަތު ބޭނުން ކުރާނީ ޒިންމާދާރުކަމާ އެކީގައި،" ދާދި ފަހުން، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުން ވެސް ސަރުކާރުގެ ކަންކަމާ މެދު ގަވާއިދުން ފާރަވެރިވަމުންދޭތޯ މަޖިލީހުން އަބަދުވެސް ބަލަމުންދާނެ އެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަން މަޖިލީހުގެ ކޮމެޓީއަށް ގެންނާނީ ގޯހެއް ހެދީމައެއް ނޫން. ކޮންމެ ދުވަހަކު ވެސް، ނުވަތަ ހަފުތާއަކު އެއްފަހަރު ނުވަތަ ދެ ފަހަރަށް. ކީއްހޭ މިހާރު ތި ކުރަނީ؟ ކޮން ކޮން މައްސަލަތަކެއްހޭ ހުރީ؟ އެ މީހުންގެ އަމިއްލަ އިސްނެގުމުގައި ބަލަނީ ކޮން ކަމެއްތޯ؟ ހަގީގަތުގައި ރައީސުލް ޖުމްހޫރިއްޔާ ވެސް އަޅުގަނޑު ވެސް އެދޭ ގޮތަކީ ސަރުކާރުގެ ކޮންމެ ޕްރޮޖެކްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ގެންދިއުން،" ނަޝީދު ވިދާޅުވި އެވެ.
މިހާރު ކޮންމެ ބަޔަކު ވެސް ދައްކާނީ ވާހަކަ އެވެ. ކަަން ވަަމުން ދާ ގޮތް ފެންނާނީ ސުޕަ މެޖޯރިޓީއަކާ އެކު އާ މަޖިލިސް ހުވާކޮށް، މަސައްކަތްތައް ފަށައިގަތުމުންނެވެ. ރައްޔިތުންގެ މަޖިލިހަށް ސަރުކާރުގެ މެޖޯރިޓީ ދިނުމުގެ ތަޖްރިބާ ރަނގަޅު ނޫނަސް، މިފަހަރު އަނެއްކާވެސް އެފަދަ ބާރެއް އެއް ޕާޓީއަކަށް ރައްޔިތުން މި ދިނީ މި ސަރުކާރު ވައުދުތައް ފުއްދުމާއި ބޮޑު މެނިފެސްޓޯއެއް ތަންފީޒު ކުރުމުގެ ޒިންމާއަކާ އެކު ކަމަށް ބަލަން ޖެހެ އެވެ.
އިންތިހާބުން ފެނުނު ނަތީޖާ އަސްލު ވަރަށް ސާފެވެ؛ މިހާރުގެ މަޖިލިހުގައި ގާނޫނުތައް މުގުރި އަދި ވިކުނު ގާތްގަނޑަކަށް ހުރިހާ މެމްބަރުންހެން އެ ތިއްބެވީ ވޯޓުން ނާކާމިޔާބުވެފަ އެވެ. އެހެންކަމުން ރައްޔިތުންނާ ހަމައަށް އަލުން ވޯޓަކާ ހަމައަށް ވަޑައިގަންނަވާ އިރު، މަޖިލިހުގައި މަސައްކަތްކުރެއްވި ގޮތް އަދަބަކަށް ވެދާނެކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.
ނިޒާމާ ބެހޭ ކަންކަން ނިންމަވާނީ ރައީސް: ނަޝީދު
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ
އެމްޑީޕީ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖުގައި
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ރީތިގޮތަކީ ނަޝީދު އަމިއްލައަށް މަގާމުން ދުރުވުން: އެމްޑީޕީ
ނަޝީދު ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕް ނެރެފި
ނަޝީދު ވަކިކުރުން: މަޖިލިސްގައި އަނެއްކާ މަރުތަޅެއް؟