Roadha Mihaaru
މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާކުރެވޭނެ: މޫސަ

މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާކުރެވޭނެ: މޫސަ

08 އެޕްރީލް 2019

ކުޅިވަރުގެ ސިޔާސަތު ބައްޓަންކުރަން ޖެހޭނީ މުޅި ރާއްޖޭގެ ބައިވެރިވުން އެންމެ ބޮޑަށް އޮންނަ ގޮތަކަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެޑްމިންޓަން ފުޅާކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުޅިވަރުގެ ސިޔާސަތު ބައްޓަންކުރަން ޖެހޭނީ މުޅި ރާއްޖޭގެ ބައިވެރިވުން އެންމެ ބޮޑަށް އޮންނަ ގޮތަކަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެޑްމިންޓަން ފުޅާކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ވަރަށް ކުރިއްސުރެ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ބެޑްމިންޓަން ކުރިއަރުވަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން ޑިވެލޮޕްމަންޓް ކޮމިޓީތައް އެކުލަވާލައި ތަފާތު ގިނަ ޕްރޮގްރާމްތައް ވެސް ވަނީ ހިންގައިފަ އެވެ. އެކަން ރާއްޖޭގައި ބާއްވާ ބެޑްމިންޓަން މުބާރާތްތަކުން ވެސް އަންނަނީ ފެންނަމުންނެވެ.

މި އަހަރު ވަނީ ރާއްޖޭގައި ބެޑްމިންޓަނުގެ ބަައިނަލްއަގްވާމީ ތިން މުބާރާތެއް ބާއްވަން ކަލަންޑަރުގައި ހިމަނައިފަ އެވެ. އެއީ ސެޕްޓެމްބަރު 17 އިން 22 އަށް ތާވަލުކޮށްފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި ސެޕްޓެމްބަރު 24 އިން 29 އަށް ބާއްވަން ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް އަދި އޮކްޓޫބަރު 1 އިން 7 އަށް ބާއްވާ ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެވެ.

މީގެ ތެރެއިން ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އައްޑޫގަ އެވެ. މިދިޔަ ދެ އަހަރުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ މި މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މި ފަހަރު ރާއްޖޭގެ އެއް ސަރަހައްދެއްގައި މި މުބާރާތް ބާއްވަން ނިންމި ނަމަވެސް މުސްތަގުބަލުގައި އެކި ސަރަހައްދުތަކުގައި މި ފެންވަރުގެ މުބާރާތްތައް ބޭއްވުމުގެ ވިސްނުން ބެޑްމިންޓަން އެސޯސިއޭޝަނުން ގެންގުޅެ އެވެ.

މޫސަ "މިހާރަ"ށް ވިދާޅުވީ 1995 ވަނަ އަހަރުން ފެށިގެން ކުޅިވަރު މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުން އެކި ފަރާތްތަކުން ގެންގުޅުނު ކަމަށާއި އޭރު އެކަން ގިނަ މީހުންނަށް ގަބޫލުނުކުރެވުނު ކަމަށެވެ. އެކަމަކު މިހާރު މި އޮތް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއީ ކުރެވޭނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވާ ކަމަށާއި އައްޑޫގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތަކީ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވި އެވެ.

"ސާކް މުބާރާތް އައްޑޫގައި ބާއްވަން ވިސްނީ އެއީ އެންމެ ކުރިއްސުރެއް ވެސް އެންމެ ރަނގަޅުކޮށް އޮތް އެއް ސެންޓަރު. އަނެއްކޮޅުން ވަރަށް ރަނގަޅު ބެޑްމިންޓަން ކްރައުޑެއް އޮތް ސަރަހައްދެއް އައްޑޫއަކީ. ދެން ވަސީލަތްތަކާއި އެހެނިހެން ގޮތްގޮތުން ވެސް ބަލާފައި އެ ގޮތަށް ނިންމީ،" މޫސަ ވިދާޅުވި އެވެ. "އައްޑޫ އަކީ ފެށުމެއް. މުސްތަގުބަލުގައި މި ފަދަ މުބާރާތްތައް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދާނެ."

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ. މަރާމާތަށް ފަހު އެކުވެނި ބެޑްމިންޓަން ކޯޓު އަލުން ބޭނުންކުރި ނަމަވެސް އަދިވެސް ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަން އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ހައްލެއް ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ސަރުކާރާ އެކު މަޝްވަރާކުރަމުންނެވެ.

މޫސަ ވިދާޅުވީ ސަރުކާރާ ގުޅިގެން މުބާރާތް ބޭއްވޭނެ ފެންވަރަށް އެކުވެނީގެ މަރާމާތުތައް ކުރެވޭނެ ކަމަށާއި މި އަންނަ އަހަރު މާޗް މަހުގެ ކުރިން ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ޖެހޭ ކަމަށެވެ. އެ ގޮތުން އައްޑޫ އާއި މާލޭގައި ކުރަން ހުރި މަރާމާތުތައް ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް މިނިސްޓްރީގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

"މީގެ ރާއްޖޭގެ ބެޑްމިންޓަންގެ ލެވެލް ހިފަހައްޓަން އަންނަ އަހަރު މާޗްގެ ކުރިން އެބަޖެހޭ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން. އެއީ ހަމައެކަނި ބޭރުގެ މުބާރާތްތަކުގެ ބައިވެރިވެގެން ނޫނީ ކުޅުންތެރިން ޓްރެއިން ކޮށްގެން ދުނިޔޭގެ ލެވެލްގައި ރާއްޖޭގެ ބެޑްމިންޓަނުގެ ސްޓޭޓަސް ހިފެހެއްޓޭކަށެއް ނެތް. އެބަޖެހޭ މުބާރާތް މިތަނުގައި ބާއްވަން. ޑިވެލޮޕްމަންޓްގެ ގިނަ މަސައްކަތްތަކެއް ކުރަން. އެހެން ގޮސްގެން ބެޑްމިންޓަން އެންމެ މަތީ ލެވެލްގައި ބޭއްވޭނީ." ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ މޫސަ ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން އަންނަ މޫސަ ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގެ އެންމެ މުހިއްމު ސަބަބަކީ ކުޅުންތެރިންނަށް ކާމިޔާބީއާ ހަމައަށް ދިއުމުގެ ފުރުސަތު އިތުރުކުރުން ކަމަށެވެ.

"އަސްލު މިހާރު ތަޖުރިބާ ހޯދުމުގެ ޓްރެންޑް މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. މިހާރު ދަނީ ތަޖުރިބާ ހޯދާކަށެއް ނޫން. ވަނަ ހޯދަން. އެ މިސްރާބުގައި ބެޑްމިންޓަން މި އޮތީ. ކުޅިވަރު ދަންނަ ފަރާތްތަކުން މިހާރު ގަބޫލުކުރާނީ ތަޖުރިބާ ހޯދުމެއް ނޫނޭ މިހާރު އޮތީ. ޖެހޭނީ ވަނަ ހޯދާށޭ. ހަގީގަތުގައި އެ ގޮތަށް ކަންތައް ބަދަލުކުރާއިރު އެބަޖެހޭ ވީހާ ވެސް ގިނައިން ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތް ބާއްވައި ކުޅުންތެރިން އަމިއްލަ ގައުމުގައި ކުޅެ ކާމިޔާބީ ހޯދައިދީ ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްދޭން،" މޫސަ ވިދާޅުވި އެވެ.

ބެޑްމިންޓަން މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ގޮތުން އެންމެ ރަނގަޅު ބިންގަލެއް އެޅޭނެ އެއް ކަަމަކީ އިންޓަ ސްކޫލް މުބާރާތްތައް އެކި ހިސާބުތަކުގައި ބޭއްވުން ކަމަށާއި އެ ގޮތުން މި އަހަރު ތިން ސަރަހައްދެއްގައި އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ބާއްވަން ނިންމާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"މި ފަހަރު އަޅުގަނޑުމެން އިންޓަ ސްކޫލް ތިން ސަރަހައްދަކަށް ބޭއްވިޔަސް މުސްތަގުބަލުގައި އެ އަދަދު އިތުރުވާނެ. އެ ގޮތުން އިރާދަކުރެއްވިއްޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ހަ ޒޯނުގައި އަންނަ އަހަރު މުބާރާތް ބޭއްވޭނެ،" މޫސަ ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދުމުގެ އަމާޒުގައި މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަމުން އަންނައިރު، ގައުމީ ޓީމުގެ ކުޅުންތެރިން ވެސް އަންނަނީ އެ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ.