Roadha Mihaaru
ކުއަލްކޮމް އިން އެޕަލް އަށް މަލާމާތުގެ ހަމަލާއެއް

ކުއަލްކޮމްގެ ހަމަލާއެއް: އެޕަލް އަށް އަހަރެމެން ފޯނު ނަންބަރު އެނގޭނެ!

08 އެޕްރީލް 2019

އެޕަލް އަށް 5ޖީ އައިފޯނެއް ނެރެވޭނެ ތާރީޚެއް ބުނަން ނޭނގި، ހަދާނެ ގޮތެއް ނޭނގިގެން އުޅޭތީ ކުއަލްކޮމް އިން މަލާމާތުގެ ރާގުގައި ބަހުގެ ހަމަލާއެއް ދީފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އަށް 5ޖީ އައިފޯނެއް ނެރެވޭނެ ތާރީޚެއް ބުނަން ނޭނގި، ހަދާނެ ގޮތެއް ނޭނގިގެން އުޅޭތީ ކުއަލްކޮމް އިން މަލާމާތުގެ ރާގުގައި ބަހުގެ ހަމަލާއެއް ދީފި އެވެ.

ކުރިން އެޕަލްއާ އެކު ގުޅިގެން މަސައްކަތްކުރި ކުއަލްކޮމް އަށް އެޕަލް އިން ތުހުމަތުކޮށް ގުޅުން ވަނީ ކެނޑިފަ އެވެ.

"އެ މީހުންގެ އަތުގައި އަހަރެމެންގެ ފޯނު ނަންބަރު އޮންނާނެ،" ކުއަލްކޮމް އިން ބުންޏެވެ. "އަހަރެމެން މި ތިބީ ކުރިން ވެސް ތިބި ބިމުގައި،" އެޕަލް އަށް ފެންވަރު އޮޅިގެން އުޅެނީއޭ ބުނާ މޭރުމުން ކުއަލްކޮމް އިން ބުންޏެވެ.

ކުއަލްކޮމް އިން ބުނި ގޮތުގައި، އެއްގަލަކަށް އެރެން ނެތް މައްސަލަތަކެއް ހުރި ނަމަވެސް، އެޕަލްއާ އެކު މަސައްކަތްކުރަން ތައްޔާރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އެޕަލް ބޭނުންވާ ފެންވަރުގެ 5ޖީ އައިފޯނެއް އުފައްދަން އެޕަލް އަށް ހުރި ދަތިތައް ގިނަ އެވެ. އެންމެ ބޮޑު ސަބަބަކީ، އެޕަލް އެދޭ ފެންވަރުގެ 5ޖީ މޯޑެމެއް ލިބެން ނެތުމެވެ.

ސްމާޓްފޯން މާކެޓަށް 5ޖީ ފޯނުތައް ނެރެން ފަށައިފި އެވެ. މި ރޭހުގައި ސެމްސަންގް، ވާވޭ، ވަންޕްލަސް އަދި ޝޮމީ ވަނީ ކިޔޫ ތަރުތީބުކޮށްފަ އެވެ. އެޕަލް އަކީ ބާރުގަދަ ކުންފުންޏެކެވެ. ނަމަވެސް، 5ޖީ މާކެޓުން އެކަމެއް ނުފެނެ އެވެ.

ކުއަލްކޮމް އަކީ އައިފޯނުތަކަށް މޯޑެއް އުފައްދައިދީ އެޕަލްއާ އެކުގައި އަދި ވަރަށް ގުޅިގެން މަސައްކަތްކުރި ކުންފުންޏެކެވެ. ނަމަވެސް، އެއްބަޔެއްގެ ފިކުރީ މުދަލުން އަނެއް ބަޔަކު ވައްކަންކުރި ކަމަށް ބުނެ، ކޯޓަށް މައްސަލަ ހުށަހެޅި ހިސާބުން ވަނީ އެކުވެރިކަން ގެއްލިފަ އެވެ.

އައިފޯނުގައި ކުއަލްކޮމް މޯޑެއް ބޭނުންނުކުރަން ނިންމީ ޚުދު އެޕަލްއިންނެވެ. ދުނިޔެ 5ޖީ އަށް ވަދެންދާއިރު، އެޕަލް އަށް ކަމެއް ނުވެގެން އުޅެނީ އެހެންވެ އެވެ. އެޕަލް އިން އެންމެ ފުރަތަމަ ބުނީ، އައިފޯނުތަކުގައި 5ޖީ ބޭނުންކުރާނީ އެޕަލު އިން އުފައްދާ މޯޑަމަކުން ކަމަށެވެ. ނަމަވެސް، ކުރި އަށް އޮތް ދެ އަހަރެއްހާ ދުވަހު ވެސް، ބާރުގަދަ މޯޑެމެއް އެޕަލް އަށް އުފެއްދޭނެ ކަމަކަށް ނުފެނެ އެވެ.

އެޕަލް އިން ދެން ވިސްނީ އިންޓެލް 5ޖީ މޯޑެމްތައް ބޭނުންކުރުމަށެވެ. މި ކަމުގައި ވެސް އެޕަލް އަށް ކަމުނުދާ އަސާސްތަކެއް ހުރުމުން، އައިފޯނަށް 5ޖީ ނެޓްވޯކް ތައާރުފުކުރުން ލަސްވަނީ އެވެ. އެޕަލް އެދޭ ފެންވަރަށް، އެންމެ ކަމުދާ ގޮތަށް 5ޖީ މޯޑެމް އުފެއްދޭހާ ކުޅެދުންތެރިކަން އިންޓެލް އަށް ލިބިފައެއް ނުވެ އެވެ.

އެޕަލް އަށް ޖެހިފައިވާ ހާލަތާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ކުއަލްކޮމް އިން ދިން ޖަވާބުން ދޭހަވަނީ، އެޕަލްއާ އެކު މަސައްކަތްކުރަން ކުއަލްކޮމް އަދި ވެސް ބޭނުންވާ ކަމެވެ.