Roadha Mihaaru
ގެލަކްސީ ނޯޓް 20 އަލްޓްރާ: އަޅާކިޔާނީ ކޮން ފޯނަކާ؟

ގެލަކްސީ ނޯޓް 20 އަލްޓްރާ: އަޅާކިޔާނީ ކޮން ފޯނަކާ؟

27 އޯގަސްޓް 2020

ސެމްސަންގް ގެލަކްސީ ނޯޓް 20 އަލްޓްރާގައި ދެން ހުރި ހުރިހާ ފީޗާތަކެއް މި ވަގުތަށް ބަހައްޓާށެވެ. ޝައުގުވެރިވެގެން މިއުޅެނީ ނޯޓް 20 އަލްޓްރާގެ ފަހަތާއި ކުރިމަތީ ބިއްލޫގަނޑަށެވެ. އެއީ ކޯނިން "ގޮރިއްލާ ގްލާސް ވިކްޓަސް" އެވެ. ސްމާޓްފޯނެއްގައި މި އަށް ވުރެ ވަކިން ގަދަފަދަ ބިއްލޫރިއެއް ބޭނުންކޮށްފައި ހުރިކަން އަހަންނަކަށް ނޭނގެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޮރިއްލާ ގްލާސް ވިކްޓަސް އަކީ، ކޯނިން އިން ބުނާ ގޮތުގައި، ސްމާޓް ޑިވައިސްތަކަށް ޚާއްސަކުރެވިފައި ހުރި އެންމެ ގަދަފަދަ ބިއްލޫރި އެވެ. އެއްޗެއްގެ ވަރުގަދަކަން ދޭހަކޮށްދިނުމަށް ބޭނުންވާ އެންމެ މަތީ ދަރަޖަ، ވިކްޓަސް އަށް މި އޮތީ ލިބިފަ އެވެ.

ގެލަކްސީ ނޯޓް 20 އުފެއްދުމުގެ މަރުހަލާގައި، ކަން ހިނގަމުން ދާ ގޮތް އާންމުންނަށް އެނގުމުގެ ކުރިން، ކޯނިން އިން އާ ޚަބަރެއް އިއްވި އެވެ. އެއީ ގޮރިއްލާ ގްލާސް ވިކްޓަސް އެންމެ ފުރަތަމަ ބޭނުންކުރެވޭ ޑިވައިސްއަކަށް ނޯޓް 20 ވާނެ ވާހަކަ އެވެ. އެއީ ގެލަކްސީ ނޯޓް 20 އަލްޓްރާ އަދި ނޯޓް 20 އަލްޓްރާ 5ޖީ އެވެ.

ސްމާޓްފޯން މާކެޓްގައި ފޯނުތައް އަޅާކިޔުމަކީ ވެސް ބަޔަކު ސްޕޮންސާކޮށްގެން ކުރެވޭ ޝައުގުވެރި ކަމެކެވެ. ސެމްސަންގް ގެލަކްސީ ނޯޓް 20 އަލްޓްރާ އާ އަޅާކިޔާނެ ފޯނެއް މާކެޓްގައި ނެތް ކަމަށް ބުނެވޭއިރު، ހަމައެކަނި ސަބަބަކީ ނޯޓް 20 އަލްޓްރާ ވަށައިގެން ގޮރިއްލާ ގްލާސް ވިކްޓަސް އަޅުވާފައި ހުރުމެވެ. އިތުރު ދެން ކޮން ކަމެއްހެއްޔެވެ؟

ގެލަކްސީ ނޯޓް 20 އަލްޓްރާ ވަށައިގެން ވިކްޓަސް ބިއްލޫރި އަޅުވާފައި އެ ހުރީ މާކެޓްގައި ދެން ހުރި ފޯނުތަކުގައި ހުރި ބަލިކަށިކަން ދެއްކުމަކަށް ނޫނެވެ. ސްމާޓްފޯނުތައް އުފައްދާ އެހެން ކުންފުނިތަކުން ވެސް ވިކްޓަސް ބިއްލޫރި އަދި ބޭނުންކުރާނެ އެވެ.

އެޕަލް އަކީ ހަމަ ކަށަވަރުން ވެސް ގޮރިއްލާ ގްލާސް ވިކްޓަސް އަށް އެދޭ ކުންފުންޏެކެވެ. އެޕަލް އިން އައިފޯން 12 ގައި ވިކްޓަސް ބޭނުންކުރުމަކީ ސަޕޯޓަރުން އެދޭ ކަމެއް ވެސް މެ އެވެ. އެހެން ނަމަވެސް، "ޑްރޮޕް ޓެސްޓް" ހެދުމަށް ނޯޓް 20 އާ އަޅާ ކިޔުމަށް "އައިފޯން 11 ޕްރޮ މެކްސް" ބޭނުންކުރުމަކީ ކިހާ ބޮޑު ނާއިންސާފެއް ހެއްޔެވެ. އައިފޯނެއްގައި އަދި ވިކްޓަސް ނާޅުވަ އެވެ. އިހަށް މަޑުކޮށްލާށެވެ.