Roadha Mihaaru
ގެލަކްސީ ފޯނުތަކާ އެކު ޗާޖަރު ނުދޭން ވިސްނަނީ

ސެމްސަންގް ގެލަކްސީ ފޯނުތަކާ އެކު ޗާޖަރު ނުދޭން ވިސްނަނީ

26 ޖުލައި 2020

ގެލަކްސީ ސްމާޓްފޯނުތަކާ އެކު ޗާޖަރު ސަޕްލައިނުކުރަން ސެމްސަންގުން އެބަ ވިސްނަ އެވެ. ބުނެވޭ ގޮތުގައި، މިއަންނަ އަހަރުގެ ކުރީކޮޅު ނެރެން ތާވަލްކޮށްފައިވާ، ގެލަކްސީ އެސް21ގެ ފޮށީގައި ޗާޖަރެއް ނޯންނާނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގެލަކްސީ ސްމާޓްފޯނުތަކާ އެކު ޗާޖަރު ސަޕްލައިނުކުރަން ސެމްސަންގުން އެބަ ވިސްނަ އެވެ. ބުނެވޭ ގޮތުގައި، މިއަންނަ އަހަރުގެ ކުރީކޮޅު ނެރެން ތާވަލްކޮށްފައިވާ، ގެލަކްސީ އެސް21ގެ ފޮށީގައި ޗާޖަރެއް ނޯންނާނެ އެވެ.

އެޕަލް އިން މި އަހަރު އައިފޯން 12 ނެރޭއިރު، ފޯނާ އެކު ޗާޖަރު ނުދޭން ނިންމާފައިވާ ކަމަށް ވެސް ވެ އެވެ. މިހެން ކަން ވެއްޖެ ނަމަ، ފޯނާ އެކު ޗާޖަރު ސަޕްލައިކުރުން، އެންމެ ފުރަތަމަ ހުއްޓާލި ކުންފުންނަކަށް އެޕަލް ވާނެ އެވެ.

އެޕަލް އަކީ މި ކަހަލަ، އިޚުތިޔާރުކުރަން ދަތި ކަންކަން ހަމައަކަށް އެޅުވުމަށް ކުޅަދާނަ ކުންފުންޏެކެވެ. އައިފޯނުން 3.5އެމްއެމް ހެޑްފޯން ޖެކް އުނިކުރުން ވެފައި ވަނީ އެޕަލް އިން ސިނާއަތަށް ކުރި ހަދިޔާއަކަށެވެ. އެ އަށް ފަހު ވާދަވެރިން ވެސް ވަނީ އެޕަލް ކަން ކުރި ގޮތަށް، 3.5އެމްއެމް ހެޑްފޯން ޖެކް ނައްތާލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ނިންމައި، އެކަން ކޮށްފަ އެވެ.

ސެމްސަންގް ގެލަކްސީ ފޯނުތަކުގައި ޗާޖަރު ނުހިމަނާ ގޮތަށް ހަމަޖެއްސި ނަމަވެސް، މި އަހަރު ނެރޭ ގެލަކްސީ ނޯޓް 20 މަރުކާގެ ފޯނުތަކާ އެކު ޗާޖަރު ހިމަނާނެ ކަމަށް ވެ އެވެ. އެއީ ސެމްސަންގުން އުފައްދާ އެންމެ ބާރުގަދަ ޗާޖަރު، "45 ވޮޓް" ޗާޖަރު ނޫން ކަމަށް ބުނެވެ އެވެ. ނޯޓް 20 އަދި "ނޯޓް 20 އަލްޓްރާ"އާ އެކު ސަޕްލައިކުރަން ހަމަޖައްސާފައި ވަނީ "25 ވޮޓް" ޗާޖަރު ކަމަށް ވެ އެވެ.

ސެމްސަންގް ޗާޖިން ޓެކްނޮލޮޖީއާ ބެހޭ ގޮތުން ބުނެވެނީ، އެޕަލް އަށް ވުރެ ބާރުގަދަ ކަމަށެވެ. ސެމްސަންގުން ސަޕްލައިކުރާ ޗާޖަރުތަކުން، އެޕަލް ޗާޖަރުތަކަށް ވުރެ އަވަހަށް ފޯނުތައް ޗާޖުކުރެވޭ ކަމަށް ވެ އެވެ.

ގެލަކްސީ ނޯޓް 20 މަރުކާގެ ފޯނުތަކުގައި ހިމަނާ ބެޓެރީއާ ބެހޭ ގޮތުން ބުނެވެނީ، ނޯޓް 20ގެ ބެޓެރީގައި 4،300އެމްއޭއެޗް އަދި ނޯޓް 20 އަލްޓްރާގައި 4،500އެމްއޭއެޗް ބެޓެރީއެއް ހިމަނާނެ ކަމަށެވެ. މި ފޯނުތައް "ސުޕާފާސްޓް"ކޮށް ޗާޖްކުރަން އެދޭ ނަމަ 45 ވޮޓް ޗާޖަރެއް ކޮންމެހެން ވެސް ހޯދަންޖެހެ އެވެ.