Roadha Mihaaru
މަޖިލިސް އިންތިޚާބަށް ފާރަވެރިވާން ޖެހޭ: ޔާމީން

މަޖިލިސް އިންތިޚާބަށް ފާރަވެރިވާން ޖެހޭ: ޔާމީން

03 އެޕްރީލް 2019

އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ރައްޔިތުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ރައްޔިތުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އާންމު އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފައިސަލް ކެމްޕެއިނަށް އެ އަވަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރާއްޖޭގައި ޖަރީމާތަކާއި ސިޔާސީ ބޮޑެތި ނުބައިތައް ހިނގަމުންދާ ކަމަށެވެ.

އޭގެ ފަހުން، ބޭއްވީ އޮޅުވާލާފައިވާ ރިޔާސީ އިންތިޚާބެއް ކަމަށާއި ރައްޔިތުން އިންތިޚާބާ ދޭތެރޭގައި ޝައްކު ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް މަޖިލިހުގައި އިދިކޮޅު ގިނަ މެމްބަރުން ތިއްބަވަންވީ މިފަދަ ކަންކަން ވިޔަ ނުދިނުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމީ އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެކަމަކު، އިންތިޚާބާ ގުޅޭ ޝަކުވާތައް މިނިވަން މުއައްސަސާތަކަށް ހުށަހަޅައި، އެ ތަންތަނުން ތަހުގީގު ކުރުމަށް ހުރަހެއް ނެތް ކަމަށް ކޯޓުގެ ހުކުމްގައިވެ އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ފައިސަލްގެ ކެމްޕެއިން ޖަލްސާގައި، އޭނާގެ ބައްޕަ، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭގައި ރޭ ބޭއްވި ފައިސަލްގެ ކެމްޕެއިން ޖަލްސާގައި، އޭނާގެ ބައްޕަ، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން މައްސަލަ ނިމިގެން ދިޔަ އިރު، ތަހުގީގެއް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބުނުތޯ ސުވާލު ކުރައްވައިފަ އެވެ. ކޯޓުން ތަހުގީގަށް ފުރުސަތު ދީފައި އޮއްވައި، ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ހުރިހާ ކަރުދާސްތަކެއް ނައްތާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، މި ކަންކަމާ މެދު ފިޔަވަޅު އަޅަން އިދިކޮޅު މެމްބަރުން މަޖިލިހުގައި ތިއްބަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިފަހަރުގެ އިންތިޚާބަކީ ހުރިހާ ރައްޔިތުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް. މިފަހަރުގެ އިންތިޚާބަކީ ކެންޑިޑޭޓުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް، މަންދޫބުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް،" އެމަނިކުފާނުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވައި ޔާމީން ވިދާޅުވި އެވެ.

ވެއިތުވެދިޔަ ފަސް އަހަރު ރާއްޖެ އަށް ތަރައްގީ އައިސްފައި އޮތް އިރު، މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. މިއީ، ދިވެހިން ފަހުރުވެރިވާން ޖެހޭ، ދިވެހިންގެ ހޮސްޕިޓަލެއް ކަމަށް ވިދާޅުވެ، އެ ހޮސްޕިޓަލަށް ޔާމީން ތައުރީފް ކުރެއްވި އެވެ.

އެއަށް ފަހު، ހުޅުމާލެ އިން މިސާލު ނަންގަވައި، ޔާމީން ވިދާޅުވީ، އެ އަވަށުގެ ވަށައިގެން ހުރިހާ ސަރަހައްދަކަށް ބެލި ކަމުގައިވިޔަސް، ފެންނަނީ އެމަނިކުފާނު ގެންނެވި ތަރައްގީ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކަށް ހުޅުމާލޭގައި ކުރެވުނު ކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ހުޅުމާލެއަކީ ދިވެހިންނަށް ހިތްފަސޭހަ ތަނަކަށް ބަދަލުވެގެން ދިޔައީ. މާލެއިން ހުރިހާ ޒުވާނުން ހަވީރުވީމަ، އެ ހުސް ވަނީ ހުޅުމާލެ އަށް. ނިދާލަން އެ ދަނީ ގެއަށް،" މާލެ އާއި ހުޅުމާލެ ގުޅުވައިލުމަށް އެމަނިކުފާނުގެ ސަރުކާރުގައި ހެދި ސިނަމާލެ ބްރިޖަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރު ޒިންމާދާރު ކުރެވޭނީ، އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް މަޖިލިހުގެ ތިއްބަވައިގެންނެވެ. އަދި ރާއްޖޭގެ ކަންކަން އަމާންކަމާ އެކީގައި ކުރިއަށް ގެންދިއުމަށާއި ތަރައްގީ ދަމަހައްޓަން ބޭނުން ނަމަ، އެކަން ކުރެއްވުމަށް ޔާމީން އެދިވަޑައިގެންނެވި އެވެ.