Roadha Mihaaru
ބީއެމްއެލް ވާއު ކިޑްސް ރަން މިމަހު 27 ގައި

ބީއެމްއެލް ވާއު ކިޑްސް ރަން މިމަހު 27 ގައި

02 އެޕްރީލް 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) އިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ އެކު ކުރިއަށްގެންދާ ވާއު ކިޑްސް ރަން މިމަހު 27 ގައި ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) އިން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ އެކު ކުރިއަށްގެންދާ ވާއު ކިޑްސް ރަން މިމަހު 27 ގައި ބާއްވަން ނިންމައިފި އެވެ.

ޓީއެފްޖީގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، މި އަހަރުގެ ވާއު ކިޑްސް ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށާއި މި އަހަރުގެ ރަން ގައި ބައިވެރިވެވޭ އޭޖް ގްރޫޕްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އިތުރު އޭޖް ގްރޫޕަކަށް މި އަހަރު ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ ރަންއާ އެކު ރަންގައި ބައިވެރިވާ ކުދިންނަށް ފަންޑް ރެއިސް ކުރެވޭ ގޮތައް ބައްޓަން ކުރީ. މި އަހަރު ވެސް ރަޖިސްޓްރޭޝަނާ އެކު ފަންޑް ރެއިޒިން ޕްލެޓްފޯމެއް ގާއިމް ކުރެވޭނެ. މި އަހަރު އަމާޒު ކުރެވެނީ އާކް އާއި ބީއެމްއެލްއާ ގުޅިގެން މުޅި ރާއްޖެ ހިމެނޭ ގޮތަށް އެންޓި ބުލިއިންނަށް މި ހާއްސަ ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ދިމާވާ އިޖްތިމާއީ މައްސަލަތަކަށް ބަލާއިރު ވަރަށް ބޮޑަށް ހޭލުންތެރި ކުރަންޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާނު ވިދާޅުވީ، ރަޖިސްޓްރޭޝަނަށް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އެގޮތުން run.mv އަށް ދިޔުމުން ރޭހުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރަޖިސްޓްރޭޝަން އޯޕަން ކުރުމަށް ހާއްސަ ކައުންޑައުނެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ ރޭހުގައި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ގްރޫޕާއި ހަ އަހަރާއި އަށް އަހަރާ ދެމެދުގެ ގުރޫޕާއި އަށް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީ ބެލެނިވެރިންނާ އެކު އެވެ. ނަމަވެސް އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން ދުވާނީ ބެލެނިވެރިން ނުލަ އެވެ. އުމުރުން 4-6 އަހަރާއި 6-8 އަހަރާ ދެމެދުގެ ކުދިން ބައިވެރިވާނީ ދެ ކިލޯމީޓަރުގެ ދުވުމުގަ އެވެ. އުމުރިން 8-10 އަހަރާ ދެމެދުގެ ކުދިން ބައިވެރިވާނީ ތިން ކިލޯމީޓަރު ދުވުމުގަ އެވެ. އުމުރުން 10-13 އަހަރާ ދެމެދުގެ ކެޓަގަރީގެ ކުދިން ބައިވެރިވާނީ ހަތަރު ކިލޯމީޓަރަށެވެ.

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާނު ވާހަކަދައްކަވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާނު ވާހަކަދައްކަވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މި ރޭސް ބައްޓަންކޮށްފައި ވަނީ ހަތަރު އަހަރުން ފެށިގެން 13 އަހަރަށް ކޮންމެ އަހަރަކު ވެސް ދުވުމުގެ ހާއްސަ ރޭހެއްގައި ބައިވެރިވެވޭނެ ގޮތަށް. ތޭރަ އަހަރުވީމަ އަޅުގަނޑުމެން މިބަލަނީ ބޮޑެތި ރޭސްތަކުގައި ބައިވެރިވޭނެ ކަމަށް،" ޒިނާނު ވިދާޅުވި އެވެ.

މިފަހަރުގެ ރޭހުގައި 1000 ކުދިންނަށް ބައިވެރިވެވޭނެ އެވެ. މިދިޔަ އަހަރުގެ ފަންޑް ރެއިޒް ކުރުމުގެ ހަރަކާތުގައި އެއް ލައްކަ ރުފިޔާ ލިބިފައިވާ އިރު މިއަހަރުވެސް އެވަރުގެ ބޮޑު އަދަދެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޓީއެފްޖީން ބުނެފައިވެ އެވެ.

މިއީ ވާއު ކިޑްސް ރަން ބާއްވާ ހަތަރު ވަނަ ފަހަރެވެ.