ރާއްޖެ އަށް ހަމަޖެހުން ގާއިމު ކުރަން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރަށް އަޣުލަބިއްޔަތ ލިބެން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
30 މާޗް 2019
ރާއްޖެ އަށް ހަމަޖެހުން ގާއިމު ކުރަން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރަށް އަޣުލަބިއްޔަތ ލިބެން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ހަމަޖެހުން އޮތުމަށް، އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް "ސުޕަ މެޖޯރިޓީ" ދޭން ޖެހޭ ކަމަށް ބުނާ އަޑު އިވިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް، ރައްޔިތުން ތިބީކީ އިދިކޮޅު ފަރާތްތަކަށް ސުޕަ މެޖޯރިޓީ ދޭ ގޮތަކަށް ނޫން ކަމަށާއި ރައްޔިތުންނަކީ ވިސްނުން ތޫނު، ކުރިއަރައިގެން ދާން ބޭނުންވާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުންނަކީ ފަހަތަށް ފިޔަވަޅު އަޅާނެ ބައެއް ނޫން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް އެގޮތަށް ވިދާޅުވި އިރު، ރާއްޖެ އަށް ހަމަޖެހުމެއް ގެނެވެން އޮތީ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ.
އިސްކަންދަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ފައިސަލް އާއި މައުމޫނާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޖުމްހޫރީ ޕާޓީ އަކީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓީ އެވެ. އެކަމަކު، ކޯލިޝަންގެ ޕާޓީތަކުގެ މެދު މަޖިލިސް އިންތިޚާބަށް ގޮނޑިތައް ބަހަން އެއްބަސްވި ގޮތާ އެމްޑީޕީން ޚިލާފުވެފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރައްވައިފަ އެވެ.
މަޖިލިސް އިންތިޚާބަށް ކޯލިޝަންގެ ޕާޓީތަކުން ގޮނޑިތައް ބަހާނެ ގޮތަކާ މެދު އެއްބަސްވެފައިވީ ނަމަވެސް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން އެކަން ގާސިމަށް ގަބޫލެއް ނުކުރައްވަ އެވެ. އެހެންވެ، ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ދަނީ ބަހުގެ ހަމަލަތަކެއް ބަދަލުކުރައްވަމުންނެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ އޭރުގެ ސަރުކާރުން އަނިޔާވެރިކަން އިސް ކުރިއިރު، ހުރިހާ މުއައްސަސާއެއް އޮތީ "މުށުތެރޭގައި" ކަމަށެވެ. އަދި ރައްޔިތުން އެ ފަހަރު ސުޕަ މެޖޯރިޓީއެއް ސަރުކާރަށް ދިން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެކަމަކު އޭގެ ބޭނުން ނަހަނަ ގޮތުގައި ހިފީ ކަމަށް ވިދާޅުވި އެވެ.
"އާރާއި ބާރު ދުނިޔޭގެ ވެރިއަކަށް ނުލިބޭ ވަރަށް ލިބުނު. ބޭނުން ކޮންމެ ކަމެއް، އެއީ ފަތިހުގެ ވަގުތެއް ވިޔަސް، މެންދަމުގެ ވަގުތެއް ވިޔަސް، ކޮންމެ ވަގުތެއް ވިޔަސް، ފަސް ޖެހުމެއް ނެތި ކުރަމުން ދިޔައީ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު، ޔާމީނަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރުގައި ތިބީ އަނިޔާވެރި، ހެޔޮ ގޮތުގައި ކުރާ ވިޔަފާރިތައް ނައްތާލައި، އިސްލާހަށް މަސައްކަތް ކުރާ މީހުންގެ ދުވަސް ދުއްވާލުމަށް މަސައްކަތް ކުރި ބައެކެވެ.
ނައިބު ރައީސް ފައިސަލް ނަސީމް، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރާއްޖޭގެ ހާލަތު ދަށު ދަރަޖައެއްގައި އޮތީ ރާއްޖެ އަށް ލިބުނު މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުން ކުރީމަ ކަމަށާއި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ލަދުވެތި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަން ކުރި މީހުން ސިޔާސީ މައިދާނުން ދުރަށް ދާން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރަނީ އެ މެމްބަރެއްގެ އަމިއްލަ އެޖެންޑާ ކުރިއަށް ނެރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ހާސިލް ކުރާކަށް ނޫނެވެ. އެކަމަކު، ރައްޔިތުންނަކީ ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންވާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތެރެއިން ކޮންމެ މީހަކީ ވެސް މުއްސަނދި ކަން ބޭނުންވާ މީހެއް. ހަމަޖެހޭ ދިރިއުޅުމެއް ބޭނުންވާ މީހެއް. އުފަލާ އެކު އާއިލާއާ އެކުގައި އުޅެން ވެސް ބޭނުންވާ ބައެއް،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.
ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އައްބާސް އާއި މަޝްހޫރު ފިލްމް ޕްރޮޑިއުސަރު/ ޑައިރެކްޓަރު ފާތުމަތު ނަހުލާ މަޝްވަރާއެއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފާރިސް އަށް ތާއީދު އޮތް ކަން ހާމަކުރައްވައި ނައިބު ރައީސް ވިދާޅުވީ މަޖިލިހަކީ ވަރަށް ކަރާމާތްތެރި، ވަރަށް ޝަރަފްވެރި ތަނަކަށް ވާން ޖެހޭ ކަމަށެވެ. މަޖިލިހަށް އިންތިޚާބު ކުރާ އިރު، އިސްލާމް ދީނުގައިވާ ގޮތުގެ މަތިން ތެދުވެރި، ގާބިލް، ނަޒާހަތްތެރި، ހިތްހެޔޮ، އަމާނާތްތެރި ބައެއް ހޮވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފާރިސް އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މައްޗަންގޮޅި އުތުރު ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ފާރިސް ކަމަށެވެ. ފާރިސް އަކީ ދާއިރާ އަށް ލިބޭނެ ބޮޑު "ރައުސްމާލެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝާ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައި ދިނުމަށެވެ. ކޯލިޝަނެއް ހަދައިގެން ސަރުކާރު ބަދަލު ކުރުމުގެ މަގްސަދަކީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައި ދިނުން ކަމަށާއި ދިވެހިން ބޭނުންވަނީ ކޯލިޝަންގެ ކެންޑިޑޭޓުން ހޮވަން ކަމަށް އޭނާ ވިދާޅުވި އެވެ.
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
ފިޝަރީޒް މިނިސްޓަރު އިސްތިއުފާ ދެއްވާ: މެމްބަރު ޝަހީމް
ކޯލިޝަންގެ ބައިވެރިންނަށް އަނދުން ހުސެއިންގެ އިންޒާރެއް
ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް
ރައްޔިތުންނަށް އަނެއްކާވެސް ފުރުސަތެއް!
"ޖޭޕީ އޮތީ ކޯލިޝަންގައި، ގޮތެއް ހޯދީ މަޖުބޫރުވެގެން"
އިންތިޚާބު ފަސް ކުރަން ޕީޕީއެމުން އެބައުޅޭ: ރައީސް
މަޖިލިހަށް ދާންވީ ވިޔަފާރި ފުޅާކުރާކަށް ނޫން: ފައިސަލް