Roadha Mihaaru

ޑިސްކޯ ކުނޑި މަނާކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ

ގްލިޓާޒް ނުވަތަ ޑިސްކޯ ކުނޑީގައި ޕްލާސްޓިކް ހުންނާތީ އޭގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވާ ކަމަށް ބުނެ އިނގިރޭސިވިލާތުގައި އެ މަނާކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ޑިސްކޯ ކުނޑި މަނާކުރަން ގޮވާލައި ޕެޓިޝަނެއް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

26 މާޗް 2019

ގްލިޓާޒް ނުވަތަ ޑިސްކޯ ކުނޑީގައި ޕްލާސްޓިކް ހުންނާތީ އޭގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވާ ކަމަށް ބުނެ އިނގިރޭސިވިލާތުގައި އެ މަނާކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އިނގިރޭސި އެންވަޔަރަމަންޓް ސެކްރެޓަރީ މައިކަލް ގޯވް އަށް އެޑްރެސްކޮށް، ތިމާވެއްޓަށް މަސައްކަތްކުރާ ކެމްޕޭނިން ގްރޫޕް "38 ޑިގްރީޒް" ގެ ޕެޓިޝަނުގައި ބުނީ ޑިސްކޯ ކުނޑިއާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ޑިސްކޯ ކުނޑި އާއި ލަސްޓާ އަކީ ތިމާވެށްޓަށް ގެއްލުންދޭ ބާވްތަތަކެކެވެ.

އެހެންވެ ޑިސްކޯ ކުނޑި އެކުލެވޭ އުފެއްދުންތައް އިނގިރޭސިވިލާތުގެ ފިހާރަތަކުގައި ވިއްކުން މަނާ ކުރަން ގޮވާލައިފަ އެވެ.

ތިމާވެއްޓަށް މަސައްކަތްކުރާ އެކްޓިވިސްޓް/ޕްރޮފެސަރު ރިޗަޑް ތޮމްޕްސަން ހަދާފައިވާ ދިރާސާއަކަށް އިޝާރާތްކޮށް ޕެޓިޝަނުގައި ބުނީ ނޯތު ސީގެ މަސްމަހާމެހީގެ ތިންބައިކުޅަ އެއްބަޔަކީ ޑިސްކޯ ކުނޑި ކަހަލަ މައިކްރޯޕްލާސްޓިކް ޕާޓިކަލްސްގެ އަސަރުކޮށްފައިވާ އެއްޗެހި ކަމަށެވެ. އެހެންވެ ކަނޑުގެ ދިރުންތަކުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ވެސް ޑިސްކޯ ކުނޑި މަނާކުރަން ޖެހޭ ކަމަށް ބުންޏެވެ.

ޑިސްކޯ ކުނޑީގެ ނުރައްކާތަކާ ގުޅިިގެން މިދިޔަ އަހަރު ވަނީ އިނގިރޭސިވިލާތެ 61 މިއުޒިކް ފެސްޓިވަލެއްގައި ޑިސްކޯ ކުނޑި އެކުލެވޭ އެއްވެސް އުފެއްދުމެއް ބޭނުން ކުރުން ވެސް މަނާކޮށްފަ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑެތި ބައެއް ސުޕަމާޓްތަކުން ވެސް އަންނަ އަހަރުން ފެށިގެން، ޑިސްކޯ ކުނޑި އެކުލެވޭ އުފެއްދުންތައް ވިއްކުން ހުއްޓައިލާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ގްލިޓާޒްއަކީ ބަލައިލަން ރީތި އަދި ހިތަށް އުފާވެރިކަން ގެނެސްދޭ އެއްޗަކަށް ވިޔަސް އެއީ ހަގީގަތުގައި ތިމާވެއްޓަށް ހުރި ބޮޑު ނުރައްކަލެއް. އެހެންވެ އެންމެން ގުޅިގެން ގްލިޓާޒްއާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ،" 38 ޑިގްރީޒުން ވާހަކަ ދެއްކި ޑޭވިޑް އިނެޒް ގާޑިއަން ބުންޏެވެ.

މީގެ ކުރިން ބައެއް ސައިންސްވެރިން ވެސް ޑިސްކޯ ކުނޑި މަނާކުރަން ގޮވާލައިފައިވެ އެވެ.