Roadha Mihaaru
އުމަރު ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް:ސަރުކާރު

އިންޑިއާއާ ބެހޭ ގޮތުން އުމަރު ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް:ސަރުކާރު

18 މާޗް 2019

އައްޑޫގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން މަސައްކަތްކުރާ ކަމަށާއި އެކަން އެކަމަށް އެއްބަސްވެފައިވާކަން ދިވެހި ސިފައިންނަށް އެނގޭނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރައްވާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އައްޑޫގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން މަސައްކަތްކުރާ ކަމަށާއި އެކަން އެކަމަށް އެއްބަސްވެފައިވާކަން ދިވެހި ސިފައިންނަށް އެނގޭނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރައްވާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި އިއްޔެ ރޭ އުމަރު ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާގެ "ފުލް ފްލެޖްޑް މިލިޓަރީ ބޭސް"އެއް އައްޑޫގައި ގާއިމުކުރަން އިންޑިއާ އިން އަންނަނީ ދަނީމަސައްކަތް ކުރަމުންނެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، އެއީ ރާއްޖެ އިންޑިއާގެ ދަށަށް ގެންދަން އެ ގައުމުން ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވައްސެވެ.

އުމަރުގެ ވާހަކަ ދޮގު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ އެ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އުމަރު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް އެމްއެންޑީއެފުން ކޮމެންޓް ނުކުރާނެ ކަމަށެވެ.

އިންޑިއާގެ މިލިޓަރީ ބޭސްއެއް ހަދަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް އުމަރު، އެ ޕްރޮގްރާމްގައި ތުހުމަތު ކުރެއްވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އުމަރު އޭނާގެ ސަޕޯޓަރަކާ ބައްދާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އުމަރު އޭނާގެ ސަޕޯޓަރަކާ ބައްދާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިވަރު ނޭނގި އިނގޭތޯ ރައީސް ނަޝީދުމެން މި ގެންދަނީ އިންޑިއާއާ އެކު ސިއްރު ޑީލް ހަދަމުން، އެތަނުގައި [އައްޑޫގައި] މިލިޓަރީ ބޭސްއެއް ހަދަމުން މިއީ އަޅުގަނޑަށް އެނގިފައި ހުރި މައުލޫމާތު. ދިވެހި ސިފައިންނަށް ވެސް އިނގޭނެ މި މައުލޫމާތު. ދިވެހި ސިފައިންގެ އިންޓެލިޖެންސް ޔުނިޓަށް އިނގޭނެ ނަޝީދު އޮތީ އެއްބަސްވެފައިކަން އިންޑިއާގެ މިލިޓަރީ ބޭސްއެއް އައްޑު އަތޮޅުގައި ހަދަން،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރުގެ ބޭނުމަކީ ވެސް އޮޅުވާލުމެއްގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖޭގައި ގެންގުޅުން ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގައި ދިވެހި ސަރުކާރަށް ކޮންޓްރޯލް ނޯންނަ ކަމަށެވެ. އިންޑިއާއިން ރާއްޖޭގައި ބަހައްޓަމުން އަންނަ ރާޑަރުތައް ބެލެހެއްޓުމުގެ ނަމުގައި ވެސް އިންޑިއާގެ އިތުރު ސިފައިން އަންނާނެ ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރިން ވިދާޅުވެފައި ވަނީ ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުތަކުގެ ކޮންޓްރޯލް ދިވެހި ސިފައިންނަށް ނޯންނަ ކަމަށް ކުރީގެ ތިން ޑިފެންސް މިނިސްޓަރަކު އޭނާ އަރިހު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު އެދިވަޑައިގަތުމުން ވެސް ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ބައެއް ފަހަރު ދެކޮޅު ހަދާފައިވާ ކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ.

"އެ ދަނީ އިނގޭތޯ އުދުއްސައިގަނެގެން އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރަށް ނޭނގި. އަޅުގަނޑުމެންގެ ޗީފް އޮފް ސްޓާފަށް ނޭނގި. ހަމަ ހެލިކޮޕްޓަރު އަމިއްލަ އަށް އުދުއްސައިގަނެގެން އެ ދަނީ ދާނެ ތަނަކަށް. ގޮސް އުޅޭނެ ތަނެއްގައި އުޅެފައި އައިސް އެ ޖައްސަނީ އިނގޭތޯ. އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރު، އުދުއްސައިގަނެގެން މިވެނި ތަނަކަށް ދޭބަލާށޭ ބުނީމާ އެ ބުނަނީ ދިއްލީން [އިންޑިއާ ސަރުކާރުން] ހުއްދަ ދިނީމައޭ ދެވޭނީ،" އުމަރު ވިދާޅުވި އެވެ.

ދެން އޭނާ ތަކުރާރުކޮށް ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ކަންތައްތައް އޮތީ އޭނާ އެ ތުހުމަތު ކުރައްވާ ގޮތަށްކަން ދިވެހި ސިފައިންނަށް އެނގޭނެ ކަމަށެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އުމަރު އޭނާގެ ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އުމަރު އޭނާގެ ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެހެންވީމާ އަޅުގަނޑުމެންގެ ކޮމާންޑެއް ކޮންޓްރޯލެއް އޮތް އެއްޗެއް ނޫން މިއަކީ އެއްގޮތަކަށް ވެސް. މިކަމަށް ހެކިވާނެ އެމްއެންޑީއެފުން. އެބޭފުުޅުންނަށް އެނގޭނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު މިފަދަ ތުހުމަތުތަކެއް ކުރެއްވި އިރު ޗީފް އޮފް ޑިފެންސް ފޯމް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަމުން އަންނަނީ ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން ކަމަށެވެ.

ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރު ދުއްވަނީ ދިވެހިން ނޫން ނަމަވެސް އޮޕަރޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ.

"...އެ މީހުން މަސައްކަތް ކުރަނީ އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްގެ ދަށުން. އެހެންވީމާ ޓެކްނިކަލްކޮށް ބުނާ ނަމަ ހެލިކޮޕްޓަރު ޕޮއިންޓް އޭ އިން ޕޮއިންޓް ބީއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑްގެ ދަށުން،" ދިވެހި ޕައިލެޓުން ތަމްރީނުކުރަން އެދިވަޑައިގަންނަވާނެކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވި އެވެ.

އުމަރު ތުހުމަތު ކުރެއްވި ގޮތުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގުމުން ވެސް އެ މީހުން ނުފައިބައި ތިބީ އެވެ. އެ ދެ ހެލިކޮޕްޓަރަކީ ޗައިނާ އަށް ފާރަލާން ރާއްޖޭގައި ބާއްވާފައި އޮތް ދެ އުޅަނދު ކަމަށާއި ބަލިމީހުން އުފުލުމަކީ ބަހަނާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެލިކޮޕްޓަރުތައް އުފުލަން ދިވެހި ސިފައިން ތަމްރީނު ނުކުރީ ވެސް ގަސްދުގައި ކަމަށް އުމަރު ވިދާޅުވި އެވެ.

"ހަމަ ގަސްދުގައި ނުކުރީ. އަދި ނުވެސް ކޮށްދޭނެ. ކޮށްދިނަސް ހުންގާނެއް ނުދޭނެ ދިވެހިން އަތަކަށް،" އޭނާ ވިދާޅުވި އެވެ. އުމަރު ކުރައްވާ ތުހުމަތުތައް ދޮގުކުރާ ފަރާތްތަކަށް އޭނާ ފަހުން ފަސް ސުވާލެއް ވެސް އާންމު ކުރެއްވި އެވެ. އެއީ: 1- އިންޑިއާ ސިފައިން ރާއްޖޭގައި ވަނީ އިތުރުހޭ ނޫނީ މަދުހޭ؟ 2- އިންޑިއާގެ މިލިޓަރީ އާލާތްތައް ރާއްޖެ އަށް އިތުރު ކުރަނީހޭ، މަދު ކުރަނީހޭ؟ 3- ދިވެހި ސިފައިންގެ ގައިގައި ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލްކަން ނެތް ކަމަށް ގަބޫލުކުރަނީ ހޭ؟ 4- ރާއްޖެ އަށް ދެ ހެލިކޮޕްޓަރު ބޭނުންވަނީ ހޭ؟ 5- ހެލިކޮޕްޓަރުތައް ދިވެހި ސިފައިންނާ ހަވާލުކޮށްފިއްޔާ ބަލި މީހުން ނޫފުލޭނީ ހޭ؟ އުމަރު ކުރެއްވި ސުވާލުތަކަށް އޭނާ އަމިއްލަ އަށް ޖަވާބު ވެސް ދެއްވި އެވެ. ހުރިހާ ސުވާލަކަށް ވެސް ދެއްވީ އޭނާ ކުރައްވާ ތުހުމަތަށް ބާރު ލިބޭ ޖަވާބުތަކެކެވެ.

އުމަރު މި ވާހަކަ ދައްކަވާފައި މި ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގަތުމާ ދިމާކޮށެވެ. އުމަރު ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި ހަރަކާތްތަކެއް ވެސް ފަށައިފަ އެވެ.