Roadha Mihaaru
ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބީއެމްއެލްގެ މުވައްޒަފުން މަހަށް

09 މާޗް 2019

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "ދިވެހި މަސްވެރިން" ޖަމިއްޔާ އާ ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން "ދިވެހި މަސްވެރިން" ޖަމިއްޔާ އާ ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

މި ހަރަކާތުގައި ބޭންކުގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 އަންހެނުން ވަނީ ބައިވެރިވެެފަ އެވެ.

އިޖްތިމާއީ އެކި ހަރަކާތްތަކުގައި އަންހެނުން ބައިވެރިކޮށް އަންހެނުން ބާރުވެރިކުރުވައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި ހަމަހަމަ ކަން ގާއިމް ކުރުމަށް ބީއެމްއެލުން އަންނަނީ ގިނަ މަސައްކަތް ކުރަމުންނެވެ.

މި ހަރަކާތް ފަށާފައި ވަނީ އިއްޔެ ހަވީރެވެ. ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފީނުމާއި، އެންދެމުމެވެ. އެންދެމުމަށްފަހު މަސް ބޭނުމަށްޓަކައި މިއަދު ފަތިހު ދަތުރު ފަށައި، ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި ވަނީ 300 ކިލޯގެ މަސް ބާނައިފަ އެވެ. މަސްބާނައިގެން އެނބުރި ރަށަށް އައުމަށްފަހު، މަސް ކެނޑުމާއި އެ މަހުން ރިހާކުރު ކެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މަސްވެރިކަން ކުރާ ގޮތް މި ފަދަ ހަރަކާތެއް މެދުވެރިކޮށް އަންހެނުން ދައްކުވައިދީ މީހުންނަށް މިފަދަ ފުރުސަތެއް ހޯދައިދެވުނުކަމީ ލިބޭ އުފަލެއް ކަމަށެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހަމަޖެއްސުމާއި އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް ފައިސާގެ އެހިތެރިކަންވަނީ ފޯރުކޮށްދީފަ އެވެ. އެ ޖަމިއްޔާތައް ކަމަށްވާ 'ފެމިލީ ލީގަލް ކްލިނިކް' އާއި 'ވިމެން އިން ޓެކް' އަށް ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.