Roadha Mihaaru
އެމްއައިބީން 'އުޖާލާ ދިރިއުޅުން' އިފްތިތާހުކޮށްފި

އިންސްޓޯލްމަންޓަށް މުދާ ގަނެވޭ ޚިދުމަތެއް އެމްއައިބީން ތައާރަފުކޮށްފި

07 މާޗް 2019

އިންސްޓޯލްމަންޓަށް ފައިސާ ދައްކައިގެން މުދާ ގަނެވޭ އާ ޚިދުމަތެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ތައާރަފު ކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންސްޓޯލްމަންޓަށް ފައިސާ ދައްކައިގެން މުދާ ގަނެވޭ އާ ޚިދުމަތެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ތައާރަފު ކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި 'އުޖާލާ ދިރިއުޅުން' ގެ ނަން ދީފައިވާ އެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ އެމްއައިބީގެ ޗީޕް އެކްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު އަބްދުލް އެހްތަޝާމް އަބްދުލް މުހައިމަން އާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

އެމްއައިބީގެ ސީއީއޯ އަދި އެމްޑީ އަބްދުލް އެހްތަޝާމް އަބްދުލް މުހައިމަން ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްއައިބީގެ ސީއީއޯ އަދި އެމްޑީ އަބްދުލް އެހްތަޝާމް އަބްދުލް މުހައިމަން ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްއައިބީން ބުނީ 'އުޖާލާ ދިރިއުޅުން' އެ ހިދުމަތަށް ރަޖިސްޓަރީވާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ފަރުނީޗަރު، ފޯނާއި އެހެނިހެން އިލެކްޓްރޯނިކްސް ސާމާނު، އައުޓްބޯޑު އިންޖީނު، އިމާރާތްކުރުމަށް ގެންގުޅޭ ތަކެތީގެ އިތުރުން ސޯލާ ޕެނަލް ވެސް ގަނެވޭނެ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކުން ބުނީ، އެ ބޭންކުން ކުރިން ފޯރުކޮށްދެމުން އައި 'ކޮންސިއުމާ ގުޑްސް ފައިނޭންސިން' އާ ޚިލާފަށް 'އުޖާލާ ދިރިއުޅުން' މެދުވެރިކޮށް ނަގާ މުދާތަކަށް ފައިސާ ދައްކައި ނިންމަން ޖެހެނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ކިތަންމެ ގިނަ މުދަލެއް ގަތް ނަމަވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.

ނަމަވެސް، ރާއްޖެ އަކީ ބަދަލުވަމުން އަންނަ މޫސުމުން ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމު ކަމަށް ވާތީ، ތިމާވެއްޓާ ރައްޓެހި ތަކެތި ގަންނަ ނަމަ ފައިސާ އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ބަދަލުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ކަމަށް އެމްއައިބީގެ އެމްޑީ އަދި ސީއީއޯ އަބްދުލް އެހްތަޝާމް އަބްދުލް މުހައިމަން ވިދާޅުވި އެވެ.

"އުޖާލާ ދިރިއުޅުން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

"އުޖާލާ ދިރިއުޅުން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މިހާރު ވެސް ވާނީ އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް ހަދާފައި. އައްޑޫގެ އެއްވެސް މީހަކު ސޯލާ ޕެނަލެއް ގަންނަން ބޭނުން ނަމަ ސިޓީ ކައުންސިލަށް ކޯޓޭޝަނެއް ގެންދިއުމުން ވަރަށް ފަސޭހަ އިން އެ ކަން ވާނެ،" އެހްތަޝާމް ވިދާޅުވި އެވެ.

'އުޖާލާ ދިރިއުޅުން' ގެ ޚިދުމަތް ލިބޭނީ އެމްއައިބީން ގަބޫލުކުރާ ތަނެއްގައި ހަ މަސް ދުވަހު ވަޒީފާ އަދާކުރަމުން އަންނަ ނޫނީ އެ ބޭންކުގެ އެކައުންޓަކަށް ހަ މަސް ދުވަހު މުސާރަ ޖަމާކޮށްފައިވާ މީހުންނަށެވެ.

"އަޅުގަނޑުމެން ވާނީ ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޖުޑީޝަރީއާ އެކު އެއްބަސްވުމެއް ހަދާފައި. އެހެންވީމާ ރާއްޖޭގެ ކޮންމެ ރަށެއްގެ ސްކޫލެއްގައި ނުވަތަ ހޮސްޕިޓަލެއް އަދި ސިއްހީ މަރުކަޒެއްގައި ނުވަތަ ކޯޓެއްގައި މަސައްކަތް ކުރާ މީހުންނަށް މި ހިދުމަތް ބޭނުން ކުރެވޭނެ،" އެމްއައިބީގެ ކޮންސިއުމާ އެންޑް ހައުސިންގެ ޔުނިޓް ހެޑް ނާހިދް އިދްރީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުދާތައް ވިއްކާނީ އެމްއައިބީން ގަބޫލްކުރާ ފިހާރައަކުން ކޯޓޭޝަނެއް ގެންދިއުމުންނެވެ. އެފަދަ ތަނަކުން މުދާ ވިއްކާނީ އެމްއައިބީ އަށް މުދާ ގަންނަން ލިބޭ އަގުގެ ތެރެއަށް ފައިދާއެއް ލުމަށް ފަހު އެވެ.

'އުޖާލާ ދިރިއުޅުން' ޕްރޮގްރާމްގައި އުމުރުން 20-60 އަހަރުގެ ދިވެހިންނަށް ބައިވެރިވެވޭނެ އެވެ. އަދި 25،000ރ. އާއި 250،000ރ. ގެ މުދާ ގަނެވޭނެ އެވެ. އެ މީހަކަށް މުދާ ނެގޭ މިންވަރު ކަނޑައަޅާފައި ވަނީ ލިބޭ މުސާރަ އަކަށް ބިނާކޮށެވެ.

އެގޮތުން މަހަކު 6،000ރ. ލިބޭ މީހަކަށް އެންމެ ގިނައިން ނެގޭނީ 80،000ރ. ގެ މުދަލެވެ. މުސާރައިގެ ގޮތުގައި 17،400ރ. ލިބޭ މީހަކަށް 250،000ރ. ގެ މުދާ ނެގޭނެ އެވެ. އަދި އެ މީހަކު ނަގާ މުދާތަކުގެ އަގު ކަނޑާނީ، ލިބޭ މުސާރައިގެ 50 ޕަސެންޓަށް ވުރެ މަދު އަދަދެއް ކަމަށް ނާހިދު ވިދާޅުވި އެވެ.