Roadha Mihaaru
އެމްއައިބީން ހަފުތާއަކު ތިން ދުވަހު ޚިދުމަތް ދޭނެ

އެމްއައިބީން ހަފުތާއަކު ތިން ދުވަހު ޚިދުމަތް ދޭނެ

30 މެއި 2020

ލޮކްޑައުން އަށް ދިން ލުއިތަކާ އެކު މާދަމާ އިން ފެށިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ވެސް ހަފުތާއަކު ތިން ދުވަހު ޚިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލޮކްޑައުން އަށް ދިން ލުއިތަކާ އެކު މާދަމާ އިން ފެށިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ވެސް ހަފުތާއަކު ތިން ދުވަހު ޚިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއައިބީން އިއުލާންކޮށްފައިވާ ގޮތުގައި އެ ބޭންކުގެ ޚިދުމަތްތައް ހޯދަން އެޕޮއިންޓްމެންޓް ހަދަން ޖެހެ އެވެ. އެގޮތުން ގިނަ އަދަދެއްގެ ފައިސާ ޑިޕޮސިޓް ކުރުމާއި ނެގުމުގެ މަސައްކަތް ކުރަން ވެސް ދުރާލައި އެޕޮއިންޓްމެންޓް ހައްދަން ޖެހޭ ކަމަށް ބޭންކުން ބުންޏެވެ.

އެޕޮއިންޓްމެންޓް ހެދުމަށް މެއިން ބްރާންޗްގެ އީމެއިލް އެޑްރެސް ކަމުގައިވާ malebranch@mib.com.mv އަށް އަދި ހުޅުމާލޭ ބްރާންޗަށް ނަމަ hulhumale.branch@mib.com.mv އީމެއިލް ކުރެވޭނެ އެވެ. މީގެ އިތުރުން ހިދުމަތް ދޭ ވަގުތުތަކުގައި އިތުރު އެހީ ބޭނުން ނަމަ މެއިން ބްރާންޗަށް ނަމަ 3011104 އަށް އަދި ހުޅުމާލޭގެ ބްރާންޗަށް ނަމަ 3011115 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

އެމްއައިބީގެ ބޭންކް ހިދުމަތްތައް ދޭނީ ހެނދުނު 9:30 ން މެންދުރު 2:00 އަށެވެ. މިފެށޭ ހަފުތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތީގައި ވެސް ހިދުމަތް ދިނުމަށް ވަނީ ނިންމައިފަ އެވެ.

މަދުން ފައިސާ ޖަމާކުރަން ބޭނުންވާ ކަސްޓަމަރުންނަށް މެއިން ބްރާންޗާ ޖެހިގެން ހުންނަ އޭޓީއެމް މެޝިން މެދުވެރިކޮށް ޗެކަށް ފައިސާ ވެސް ޖަމާކުރެވޭނެ އެވެ. ކަސްޓަމަރުންގެ ތެރެއިން 20،000ރ. އަށް ވުރެ މަދު އަދދެއްގެ ނަގަން ބޭނުންވާ ކަސްޓަމަރުން އޭޓީއެމް ބޭނުން ކުރުމަށް ވެސް އެމްއައިބީން އެދެ އެވެ.

އެމްއައިބީ މެދުވެރިކޮށް މުސާރަ ޖަމާ ކުރަން ބޭނުންވާ މީހުންނަށް، އެކަމާ ގުޅޭ ޑޮކިއުމެންޓްތައް އެމްއައިބީގެ މެއިން ބްރާންޗްގެ އީމެއިލަށް ފޮނުވައިގެން ޕްރޮސެސް ކުރެވޭނެ އެވެ. މީގެ އިތުރުން ޓީޓީ އާއި އެލްސީ ރިކުއެސްޓްތައް އިންޓަނެޓް ބޭންކިން އާއި އީމެއިލް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އީމެއިލް ކުރަން ޖެހޭނީ tradefinance@mib.com.mv އަށެވެ.

ހިދުމަތްތައް ހޯދަން އަންނަ ކަސްޓަމަރުންގެ ތެރެއިން އެމްއައިބީގެ އޮފީހަށް ވަދެވޭނީ ކުރިއާލައި އެޕޮއިންޓްމެންޓް ހައްދާ ކަސްޓަމަރުންނަށެވެ. މިގޮތަށް އެޕޮއިންޓްމެންޓް ހައްދައިގެން އަންނަ ކަސްޓަމަރުން ވެސް ރައްކާތެރިވުމުގެ ގޮތުން ފޭސްކް މާސްކް އަޅައިގެން އައުމަށް އެބޭންކުން އިލްތިމާސްކުރެ އެވެ.