Roadha Mihaaru

ބޮންޑް ގާލްއަކަށް ލުޕީޓާ ނިއޮންގޯ ވެދާނެ

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ބަތަލާއަކަށް އޮސްކާ ހާސިލުކޮށްފައިވާ ކަޅު ބަތަލާ ލުޕީޓާ ނިއޮންގޯ ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮންޑް ގާލްއަކަށް ލުޕީޓާ ވެދާނެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

07 މާޗް 2019

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ބަތަލާއަކަށް އޮސްކާ ހާސިލުކޮށްފައިވާ ކަޅު ބަތަލާ ލުޕީޓާ ނިއޮންގޯ ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި "12 އިޔާޒް އޮފް އަ ސްލޭވް" އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އޮސްކާ 2013 ގައި ހޯދި 36 އަހަރުގެ ބަތަލާއަށް ބޮންޑްގެ ޓީމުން ވަނީ ބޮންޑްގެ ބަތަލާގެ ރޯލް ދޭން ނިންމައިފަ އެވެ.

ނަމަވެސް އޭނާގެ ޕީއާރް ޓީމާ ހަވާލާދީ ޑެޑްލައިނުން ބުނީ ލުޕީޓާ އެހެން ޕްރޮޖެކްޓްތަކަށް ވެސް ސޮއިކޮށްފައި އޮތުމުން އޭނާގެ ޝެޑިއުލް ވަރަށް ތާށިކޮށް އުޅޭތީ ބޮންޑް ފިލްމަށް ވަގުތު ދެވޭނެކަމާ މެދު ޝައްކު ކަމަށެވެ.

ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަހު ފިލްމުގެ ޝޫޓިން އަންނަ މަހުގެ 6 ވަނަ ދުވަހު އިޓަލީގައި ފަށަން ނިންމާފައިވާ އިރު، ފިލްމުގެ ވާކިން ޓައިޓްލްއަކަށް "ޝެޓަލޭންޑް" ހަމަޖައްސާފައިވާ ކަމަށް ޕްރޮޑަކްޝަން ވީކްލީން ބުންޏެވެ.

އަދި ފިލްމުގެ ވިލަންގެ ރޯލަށް މި އަހަރު "ބޮހީމިއަން ރާޕްސޮޑީ" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޯދި ރަމީ މާލިކަށް ވަނީ ހުށަހަޅައިފަ އެވެ.

ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓް ކުރާ ބޮންޑްގެ 25 ވަނަ ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް، 8، 2020 ގަ އެވެ.

ދެހާސް ފަނަރައިގައި ރިލީޒް ކުރި ބޮންޑްގެ އެންމެ ފަހުގެ ފިލްމު "ސްޕެކްޓާ" ގައި ޑެނިއަލްއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ މޮނިކާ ބެލޫޗީ އެވެ.

މިދިޔަ އަހަރު "ބްލެކް ޕެންތާ" އިން ފެނިގެން ދިޔަ ލުޕީޓާގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ ބިރުވެރި ފިލްމު "އަޒް" އާއި "ސްޓާ ވޯސް: އެޕިސޯޑް 9" އެވެ.