Roadha Mihaaru
7،000 ފްލެޓް މައްސަލައިގައި މިނިސްޓަރާ މާދަމާ ސުވާލުކުރަނީ

7،000 ފްލެޓް ކަށަވަރުވޭތޯ ބަލަން މިނިސްޓަރު މާދަމާ މަޖިލީހަށް

04 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުން 7،000 ފްލެޓް ލިބުނު ކަމުގެ ލިއުން ދީފައިވާ މީހުންނަށް އެ ފްލެޓްތައް ކަށަވަރުވާނެތޯ އޮޅުންފިލުވަން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މާދަމާ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުން 7،000 ފްލެޓް ލިބުނު ކަމުގެ ލިއުން ދީފައިވާ މީހުންނަށް އެ ފްލެޓްތައް ކަށަވަރުވާނެތޯ އޮޅުންފިލުވަން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މާދަމާ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ރިފާއު ހުށަހެޅުއްވި މައްސަލައިގައި ވަނީ، ރައީސް ޔާމީންގެ ސަރުކާރުން އަޅަން ފަށައި ހައްގުވެރިން ކަނޑައަޅާފައިވާ ފްލެޓްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދާ ހަވާލާ ދެއްވައި މީޑިއާގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ، ދެ ކޮޓަރީގެ 7،000 ފްލެޓާއި މަސައްކަތް ނުފަށާ ހުރި ދެ ކޮޓަރީގެ 2،500 ފްލެޓެވެ.

ރިފާއު އެދިވަޑައިގަތީ، އެ ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަން ސާފުކޮށްދެއްވުމަށެވެ. އަދި އެ ފްލެޓްތަކުގެ ހައްގުވެރިންނަށް ވާނެ ގޮތެއް ވެސް އޮޅުންފިލުއްވައި ދެއްވަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ބަދަލު ގެންނަނީ، އެއީ ދިވެހިންނާ ގުޅޭ ގޮތަށް އިމާރާތް ކުރާ ތަންތަނަށް ނުވާތީ އެވެ. އެ ފްލެޓްތަކުގެ ތެރޭގައި ކުރީގެ ސަރުކާރުން މުޅިން ވެސް ހިމަނާފައި ވަނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަނެވެ. ދެ ކޮޓަރީގެ ފްލެޓެއްގެ ބޮޑުމިނަކީ 550 އަކަފޫޓެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިހާރު ނިންމާފައި ވަނީ އޭގެ ތެރެއިން ބައެއް ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރުމަށެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ 20،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތުހަމަވެ ފްލެޓް ލިބުނު މީހުން ގެޒެޓްކޮށް ބައެއް މީހުންނާ ވަނީ ލިއުން ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގައި ފްލެޓް ދޫކުރީ، ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއެކޭ އެއްގޮތަށް ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ.

އެ ތުހުމަތުތައް ބަލައި، އެންމެ ހައްގުވެރިންނަށް ފްލެޓް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ހިޔާ މަޝްރޫއުން ފްލެޓް ލިބުނީ ހައްގުވެރިންނަށްތޯ ކަނޑައެޅުމާއި ބޭއިންސާފުން ފްލެޓް ދޫކުރި މީހުން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ އެ ކޮމެޓީއާ އެވެ.