Roadha Mihaaru
ބަކާ އާއި ނައްޓޭ ނުހިމަނައި ސްކޮޑް އިއުލާންކޮށްފި

ބަކާ އާއި ނައްޓޭ ނުހިމަނައި ގައުމީ ސްކޮޑް އިއުލާންކޮށްފި

27 އޯގަސްޓް 2016

ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) ނުހިމަނައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ތިން މެޗަށް މިއަދު ސްކޮޑް އިއުލާންކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) ނުހިމަނައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ތިން މެޗަށް މިއަދު ސްކޮޑް އިއުލާންކޮށްފި އެވެ.

އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ފުރަތަމަ ފަހަރަށް ސްކޮޑް މި އެކުލަވާލީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާ ދެކޮޅަށް ހޯމަ ދުވަހުގެރޭ ކުޅޭ މެޗާއި އެކުވެރިކަމުގެ މެޗެއްގައި އަންނަ މަހުގެ 1 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން އަދި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ 7 ވަނަ ދުވަހު ލާއޮސްއާ ދެކޮޅަށް ކުޅޭށެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ގައުމީ ޓީމުގައި މިދިޔަ އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކުރި ބަކާ އަށް ކުރީގެ ކޯޗު ނިއު ޒީލެންޑުގެ ރިކީ ހާބަޓް ވެސް އޭނާގެ ފަހު މެޗުތަކުގައި ފުރުސަތު ނުދެ އެވެ. ވެލެންސިއާ އަށް ކުޅޭ ބަކާ އަށް ފުރުސަތު ނުދޭން ފެށީ، ސާފް ޗެމްޕިއަންޝިޕަށް ފަހު ކޯޗަށް ފާޑުކިޔާފައިވަނިކޮށެވެ.

ސާފް ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދެއްކި ދުވެލި ބާރު ކުޅުންތެރިޔާ އަށް ނައްޓޭގެ އިތުރުން، މާޒިޔާގެ ޒުވާން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް ވެސް މި ފަހަރު ފުރުސަތު ނުލިބެ އެވެ. އޭނާ އަކީ ހާބަޓުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިއެކެވެ. އެކަމަކު އޭނާގެ ބޭބެ މާޒިޔާގެ ގާސިމް ސައްމާމް (ސައްމޭ) ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ.

މި ފަހަރު މުޅިން އަލަށް ގައުމީ ޓީމުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ހަމްދާން އިބްރާހިމާއީ އެ ޓީމުގެ ހުސެއިން ސިފާއު ޔޫސުފް ހިމެނެ އެވެ. އަދި މެދުކެނޑުމަކަށް ފަހު އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އަށް ވަނީ ފުރުސަތު ލިިބިފަ އެވެ.

ސްކޮޑުގައި، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާގެ 11 ކުޅުންތެރިން ހިމެނޭއިރު ދެން އެންމެ ގިނައިން ހިމެނެނީ ފަސް ކުޅުންތެރިން ހިމެނޭ ކްލަބް އީގަލްސް އިންނެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ހަތަރު ކުޅުންތެރިން އަދި ވެލެންސިއާ އިން ތިން ކުޅުންތެރިން ހިމެނޭއިރު ނިއު ރޭޑިއަންޓުން ފުރުސަތު ލިބުނީ ދެ ކުޅުންތެރިންނަށެވެ. ވިކްޓަރީގެ އެއްވެސް ކުޅުންތެރިޔަކު ނުހިމެނެ އެވެ.

ގައުމީ ސްކޮޑް:

މާޒިޔާ: އިމްރާން މުހައްމަދު، އަމްދާން އަލީ (އެންޑީ)، އަހުމަދު އިމާޒް (އާއްކޮ)، އަސަދުﷲ އަބްދުﷲ، އަލީ އަޝްފާގް (ދަގަނޑޭ)، އަސްހަދު އަލީ (އަޑޭ)، މުހައްމަދު އުމެއިރު، ޔަސްފާދު ހަބީބް (މުލަކޭ)، ގާސިމް ސައްމާމް (ސައްމޭ)، އިސްމާއިލް އީސާ، ހުސެއިން ނިޔާޒް (ބޮކުރީ).

ކްލަބް އީގަލްސް: ހުސެއިން ސިފާއު ޔޫސުފް، އިމްރާން ނަޝީދު، އަހުމަދު ރިޒްވާން (ރިޒޭ)، ހަމްދާން އިބްރާހިމް، އަހުމަދު ޒާދު.

ޓީސީ ސްޕޯޓްސް ކްލަބް: އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިމްރާން.

ކްލަބް ވެލެންސިއާ: ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ފައިސަލް، ހިސާމް ސަލީމް.

ނިއު ރޭޑިއަންޓް: ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ).