Roadha Mihaaru
ތަހުގީގު ފެށުމުން ލުތުފީ އޮފީހަށް ވަޑައެއް ނުގަންނަވާ!

މަނީ ލޯންޑަރިންގެ ތުހުމަތާ އެކު ލުތުފީ އޮފީހަށް ވަޑައެއް ނުގަންނަވާ!

27 ފެބުރުއަރީ 2019

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ މަނީ ލޯންޑަރިން މައްސަލަ ތަހުގީގުކުރަން ފެށުމުން، އޭނާ އޮފީހަށް ނުނިކުންނަވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ މަނީ ލޯންޑަރިން މައްސަލަ ތަހުގީގުކުރަން ފެށުމުން، އޭނާ އޮފީހަށް ނުނިކުންނަވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގި މާލީ މުއާމާލަތުތަކެއްގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ލުތުފީގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަން އޭސީސީ އަށް ރަސްމީކޮށް އެންގުމުގެ އިތުރުން އެ ތަހުގީގަށް ފުލުހުން އަންނަނީ ބައެއް މީހުން ހާޒިރުކޮށް ސުވާލު ކުރަމުންނެވެ.

ފުލުހުން އެ މައްސަލައިގެ ތަހުގީގު ފެށި އިރު ލުތުފީ ހުންނެވީ ރަސްމީ ޗުއްޓީއެއްގައި މެލޭޝިއާގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ލުތުފީ އޮފީހަށް ވަޑައިނުގަންނަވާ ސަބަބެއް، ފޯނު ނުނަންގަވާތީ ސާފެއް ނުވި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮމިޝަންގެ ރައީސް ހުންނެވީ "ޗުއްޓީއެއް"ގައި ކަމަށެވެ. ޗުއްޓީ ނެގުމަކީ ލުތުފީގެ އަމިއްލަ ކަމަކަށް ވާތީ، ޗުއްޓީ ނެގި މުއްދަތާ ގުޅޭ ގޮތުން ވެސް އޮފިޝަލް އެއްޗެއް ވިދާޅެއް ނުވި އެވެ.

ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެ ދައުވާ އުފުލައި އެމަނިކުފާނު ވަނީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް ލުތުފީ އަމަލުކުރެއްވީ އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި، ކޮރަޕްޝަންގެ ތުހުމަތުތަކުން ޔާމީނަށް ސަލާމަތްވެވޭނެ މަގު ފަހިކޮށްދެއްވުމަށެވެ. އެއް ކަމަކަށް، އޭސީސީ އަށް ގާނޫނީ ބާރު ލިބިގެންވީ ނަމަވެސް އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް، އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރަން އެއްބަސްވުމެއް ހެދުމެވެ.

އެސްކްރޯ އެކައުންޓަކީ ދެ ފަރާތެއްގެ ދެމެދުގައި ކުރާ މުއާމަލާތެއްގައި ހިމެނޭ ފައިސާ ވަކި ޝަރުތުތަކެއްގެ މަތިން ތިން ވަނަ ފަރާތެއްގެ އެކައުންޓުގައި، އެ ފައިސާ ދޫކުރާ ގޮތަށް ބެހެއްޓުމެވެ. ޔާމީނަށް ޚާއްސަކޮށް ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވިއިރު، އޭސީސީން ތަހުގީގު ކުރި އެއްވެސް މައްސަލައެއްގައި މީގެ ކުރިން އެފަދަ އެކައުންޓެއް ހުޅުވާފައެއް ނުވެ އެވެ.

އެސްކްރޯ އެކައުންޓް އާއްމުކޮށް ހުޅުވަނީ، ވިޔަފާރި މުއާމަލާތްތަކުގައި އުފެދޭ މައްސަލަތަކާ ގުޅިގެން، އެ މައްސަލައަކަށް ގާނޫނީ ހައްލެއް ލިބެންދެނެވެ.

ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި، ޔާމީނާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވުމަކީ ގާނޫނީ ގޮތުން އޭސީސީ އަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެ ކޮމިޝަނަށް އޮތް ގާނޫނީ ބާރަކީ، ޔާމީންގެ އެކައުންޓަށް ފައިސާ ވަދެފައި ވަނީ އެސްއޯއެފް އިން ކަން އެނގުމާ އެކު އެ ފައިސާ ފްރީޒް ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މީގެއިތުރުން، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޔާމީންއާ ސުވާލުކޮށް، ބަޔާން ނަގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވީ ނަމަވެސް އެއީ ވެސް އެ ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އުސޫލާ ޚިލާފަށް ނަގާފައިވާ ބަޔާނެކެވެ. ތަހުގީގު ޓީމުން ސުވާލުކުރުމުގެ ބަދަލުގައި، ސުވާލުތައް ފޮނުވައި ޔާމީން ލިއުމުން ޖަވާބު ދެއްވީ އެވެ. އޭސީސީންގެ އާއްމު އުސޫލަކީ ތަހުގީގުތަކުގައި ކުރާ ސުވާލުތައް ވެސް ރެކޯޑު ކުރުމެވެ.