27 ފެބުރުއަރީ 2019
ރާއްޖޭގައި އަންހެނުންނަށް ހުރަހެއް ނެތޭ ބުނާ މީހުންނަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފު ދެއްވާ ޖަވާބަކީ، އަންހެނަކަށް ކުރިއެރެނީ "ފިރިހެނަކު ކުރަން ޖެހޭ ވަރަށް ވުރެ 100 ގުނަ އިތުރަށް މަސައްކަތްކޮށްގެން" ކަމެވެ. ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލްވާ މިންވަރު ބޮޑުކުރަން ކޯޓާއެއް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ އެ ސަބަބާ ހެދި އެވެ.
ރާއްޖޭގައި އަންހެނުންނަށް ހުރަހެއް ނެތޭ ބުނާ މީހުންނަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފު ދެއްވާ ޖަވާބަކީ، އަންހެނަކަށް ކުރިއެރެނީ "ފިރިހެނަކު ކުރަން ޖެހޭ ވަރަށް ވުރެ 100 ގުނަ އިތުރަށް މަސައްކަތްކޮށްގެން" ކަމެވެ. ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލްވާ މިންވަރު ބޮޑުކުރަން ކޯޓާއެއް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ އެ ސަބަބާ ހެދި އެވެ.
"ބޭފުޅު އާއިލާއަކަށް ނުވަތަ ބާރުގަދަ އާއިލާއަކަށް ނިސްބަތް ނުވެ، ނުވަތަ ވިޔަފާރިއެއްގެ ބެކިން ނެތި، ރާއްޖޭގައި ކުރިއަށް ދެވިފައި ހުރީ ވަރަށް މަދު އަންހެނަކަށް. އެ ކަމުގައި ހުރަހަކަށް މި ވަނީ އިޖުތިމާއީ، އިގްތިސޯދީ ސަބަބުތައް،" ޝިދާތާ ފާހަގަކުރެއްވި އެވެ.
"ސިޔާސީ ރޭސް އަޅުގަނޑުމެން މި ފަށަނީ، ފިރިހެނުން މާ ކުރީގައި، އަންހެނުން މާ ފަހަތުގައި ތިބެގެން. އެހެންވީމާ ރޭސް ނިމޭ އިރު ވެސް އަންހެނުން ތިބޭނީ ފަހަތުގައިކަން އެބަ އެނގޭ. ކޯޓާ ކަހަލަ އެފަމެޓިވް އެކްޝަންސް މި އަންނަން ޖެހެނީ އެ ތަފާތު ކުޑަކުރަން."
އަންހެނުންނަށް ރައްޔިތުންގެ މަޖިލީހުގެ ވަކި އަދަދެއްގެ ގޮނޑި ހާއްސަކުރަން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ފެއިލްވެފައި ވަނީ ޝިދާތާ އެ ވިދާޅުވި ހަގީގަތް ގިނަ ބަޔަކު ގަބޫލު ނުކުރާތީކަން ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެ ޖިންސުގެ މެމްބަރުން ތަމްސީލްވާ މިންވަރު
ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުން މަދުކަން ރާއްޖެ އިން އެންމެ ބޮޑަށް ފެންނަ އަދި އިހުސާސްކުރެވޭ ތަނަކީ މަޖިލީހެވެ. މިހާރު އޮތް 18 ވަނަ މަޖިލީހުގައި އަންހެނުންގެ ހިއްސާއަކީ އެންމެ 5.9 ޕަސެންޓެވެ. އެއީ 17 ވަނަ މަޖިލީހަށް ވުރެ ވެސް ދަށް އަދަދެކެވެ. ދެން އަންނަން އޮތް މަޖިލީހުން ވެސް މާ ބޮޑު ތަފާތެއް ފެނިދާނެ ކަމަކަށް މާހިރުން ދެކެވަޑައެއް ނުގަންނަވަ އެވެ.
Proportion of seats held by women in national parliaments (%) | Data
Proportion of seats held by women in national parliaments (%) from The World Bank: Data
ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްތަކުގައި އަންހެނުންގެ ހިއްސާ އަށް އައިސްފައިވާ ބަދަލުތައް
އެހެން ގައުމުތަކާ އަޅާބަލާއިރު ވެސް ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލްވާ ނިސްބަތް ވަރަށް ކުޑަ އެވެ. އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ރޭންކިންގައި ހިމެނޭ 193 ގައުމުގެ ތެރޭގައި ރާއްޖެ އޮތީ 178 ވަނައިގަ އެވެ. އެއީ މި ސަރަހައްދުގެ ގިނަ ގައުމުތަކަށް ވުރެ ވެސް ފަހަތެވެ.
Women in Parliaments: World Classification
1 - South Africa: The figures on the distribution of seats in the Upper House do not include the 36 special rotating delegates appointed on an ad hoc basis, and all percentages given are therefore calculated on the basis of the 54 permanent seats.
އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ހިއްސާ
ޝިދާތާ ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ އާބާދީގައި އަންހެނުންގެ ހިއްސާ 50 ޕަސެންޓަށް އަރާ އިރު ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަސް ޕަސެންޓް އަންހެނުން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމަކު އަނެއްކާވެސް މަޖިލީހުގެ އިންތިހާބަކާ މި ކުރިމަތިލަނީ އެ ހާލަތު ބަދަލުކުރުމުގެ ފިޔަވަޅެއް ނެތި އެވެ.
2009، 2014 އަދި 2019ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ފޯމު ހުށަހެޅި މީހުންގެ އަދަދާއި އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީ ބަލައިގަތް އަދި ނަން އަނބުރާ ނުގެންގޮސް ވޭތުވެދިޔަ ދެ އިންތިޚާބުގައި ވާދަކުރި އަދި ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުންގެ އަދަދުތައް، ދެ ޖިންސު ވަކިން، ދައްކައިދޭ ޗާޓެއް.
އާ ގާނޫނުއަސާސީގެ ދަށުން ތިންވަނަ މަޖިލިސް އިންތިހާބުކުރަން ތައްޔާރުވި އިރު، އަންހެން ކެންޑިޑޭޓުންގެ އަދަދު ވަނީ ފަހަރަކަށް ވުރެ ފަހަރެއް އިތުރުވެފަ އެވެ. އެކަމަކު ފިރިހެނުންގެ ނިސްބަތުން އަންހެނުން ކުރިމަތިލާ މިންވަރު އަދިވެސް މަދެވެ. އަދި މަޖިލީހަށް ދާއިރާތައް އިތުރުވަމުންދާ ނިސްބަތުން ބަލާ އިރު ގޮނޑިއަކަށް އެންމެ އަންހެން ކެންޑިޑޭޓެއް ވެސް ނުޖެހެ އެވެ.
(މި އަހަރުގެ އަދަދުތަކަށް އަދި ބަދަލު އަތުވެދާނެ އެވެ. އޭޕްރީލް 6ގެ އިންތިހާބުގައި ވާދަކުރަން ސިޔާސީ ޕާޓީތަކުގެ ޕްރައިމެރީގައި ބައިވެރިވެ، ނާކާމިޔާބުވެފައިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ. އަދި އަމިއްލަ އަށް ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ވެސް، ކެންޑިޑޭޓު ނަމްބަރުގެ ގުރުއަތުލުން ބޭއްވުމާ ހަމައަށް، އޮންނާނެ އެވެ.)
ވަކިވަކި އިންތިޚާބުތަކުގައި ވާދަކުރަން ފޯމު ހުށަހެޅި ދެ ޖިންސުގެ މީހުންގެ އަދަދު، އެ މަޖިލީހެއްގައި ދާއިރާތައް ނުވަތަ ގޮނޑިތައް ހިމެނޭ ނިސްބަތުން. ދާއިރާތަކުގެ އަދަދަށް ބަދަލު އައިސްފައިވާ ގޮތް: 2009ގައި 77، 2014ގައި 85 އަދި 2019ގައި 87.
"އިންތިޚާބުކޮށްފައިވާ މަގާމުތަކުގައި ގިނައިން މި ތިބެނީ ފިރިހެނުން. އެ މީހުން ހިތަކަށް ނާރާ އަންހެނަކު މި ކަހަލަ ކަމަކަށް [އިންތިޚާބަކަށް] ކުރިމަތިލައިގެން އުޅެން ޖެހޭ ހާލެއް."
އަންހެނުންނަށް ރައްޔިތުންގެ މަޖިލީހުގެ ކޯޓާއެއް ކަނޑައެޅޭތޯ މަސައްކަތްކުރައްވައި އެންމެ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލައްވާފައި ވަނީ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކުރީގެ ޖެންޑަ މިނިސްޓަރު އަނީސާ އަހުމަދެވެ. އާ ގާނޫނުއަސާސީގައި އެ ގޮތަށް ލިޔަން ހާއްސަ މަޖިލީހުގައި 2007 ވަނަ އަހަރު ދެ ފަހަރަކު އޭނާ ހުށަހެޅުއްވި އެވެ. ފުރަތަމަ ފަހަރު، މަޖިލީހުގެ 15 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރަން އޭނާ ހުށަހެޅުއްވުމުން ވޯޓުން ފެއިލްވީ އެވެ. ދެވަނަ ފަހަރު އަނީސާ ހުށަހެޅުއްވީ ވަގުތީ ގޮތުން (މަޖިލީހުގެ ދެ ދައުރަކަށް އެކަނި) 10 ގޮނޑި އަންހެނުންނަށް ހަމަޖައްސާށެވެ. އެކަމަކު އެ ހުށަހެޅުން ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އެޖެންޑާއެއް ނުކުރެއްވި އެވެ. އަނީސާ އާއި ދެން ތިއްބެވި އަންހެން މެމްބަރުން ތަކުރާރުކޮށް އިހުތިޖާޖުކުރައްވައިގެން ވެސް އެ ނިންމުން ބަދަލެއް ނުކުރެއްވުނެވެ.
"ގިނަ މެމްބަރުން ވެސް ތިއްބެވީ އަޅުގަނޑުމެންނާ އެއްކޮށެއް ނޫން. އަންހެނުންނަށް ހުރަހެއް އޮތް ކަމަކަށް އެ ބޭފުޅުން ގަބޫލުފުޅެއް ނުކުރައްވާ. ގާނޫނުގައި ނޯވޭތާ، އަންހެނުންނަށް ކުރިމަތި ނުލެވޭނެއެކޭ؟ އެހެންވީމާ ހަމަ އެއްގޮތަކަށް ވެސް އެއްބަސްވެވަޑައިނުގަތީ،" ފެއިލްވި ސަބަބު އަނީސާ ކިޔައިދެއްވި އެވެ.
"އަންހެނުންނަށް ގާނޫނީ ގޮތުން ކިތަންމެ ވަރަކަށް ފުރުސަތު އޮތް ނަމަވެސް އެ މީހުންނަށް ހުރަސް އެޅޭ ކިތަންމެ ސަބަބެއް ހުރޭ."
އެކަމަކު އެކަން ގަބޫލު ނުކޮށް ޚާއްސަ މަޖިލީހުގެ މެމްބަރުން ދެއްކި ބަހަނާތަކަކީ މި މައުލޫއުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ ވިސްނުން ވެސް މިހާތަނަށް ހުރި ގޮތެވެ. އިންތިޚާބީ މަގާމްތަކުގެ ކޯޓާތަކެއް އަންހެނުންނަށް ޚާއްސަކުރަން މި ފަހުގެ އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރެއްވި ހުރިހާ ފަހަރަކު ވެސް އަނީސާ އަށް އިވިވަޑައިގެންފައިވާ ވާހަކައަކީ އަންހެނުންނަށް ގާނޫނީ ހުރަހެއް ނެތް ކަމާއި ކޯޓާ ކަނޑައެޅުމަކީ ތަފާތުކުރުން ކަމެވެ. އާއްމުންގެ ތެރޭގައި ވެސް އެ ވިސްނުން ވަރަށް ބޮޑަށް އޮތްކަން އެކި މީހުންގެ ވާހަކައިން އެނގެ އެވެ.
Women & men should have an equal right to participate fully in all aspects of the political process. But women's share in parliament is just 5%. I urge all political leaders to support women to safeguard minimum 20% of the seats in the upcoming #Majlis elections. #HumanRightsDay
— Shidhatha Shareef (@shidhatha) December 10, 2018
ހިއުމަން ރައިޓްސް ދުވަހު ޖެންޑަ މިނިސްޓަރު ޝިދާތާ ކުރެއްވި ޓްވީޓް
ކުރިއަށް އޮތް އިންތިހާބުގައި މަޖިލީހުން މަދުވެގެން 20 ޕަސެންޓް ގޮނޑި އަންހެނުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދޭން ސިޔާސީ ލީޑަރުންނަށް ގޮވާލައްވާ ކަމަށް ވިދާޅުވެ މިދިޔަ ޑިސެމްބަރު މަހު ޝިދާތާ ޓްވީޓެއް ކުރެއްވުމުން ގިނަ ބަޔަކަށް އެކަން ކަމަކު ނުދިޔަ އެވެ. އެ މީހުންގެ ރައްދަކަށް ވީ އަންހެނުން ވެސް "ކުރިމަތިލައިގެން ހޮވެންވީ. ތަބަކަކަށް ލާފައި ދިނުން އެހާ ރަނގަޅެއް ނޫން" ކަމާއި އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގާނޫނުއަސާސީން އަންހެނުންނަށް ވެސް ލިބިދީފައިވާ ކަމެވެ. ގާނޫނީ ހުރަހެއް ނެތުމުން ބައެއް މީހުންނަށް މި ކަމުގައި އެއްވެސް ސުވާލެއް ނެތެވެ؛ "ކުރިމަތިލައިގެން ހަމަ ހޮވެންވީ" އެވެ.
"މިހާރު ދެ ޖިންސްގެ މީހުންނަށް ހަމަހަމަކަމާ އެކު އިންތިހާބުގައި ވާދަކުރެވޭ. ދެން ތާއީދު ބޮޑު މީހަކު ހޮވެނީ. އެ ވެދާނެ %80 އަންހެނުން ކަމަށް ވެސް. އެންމެ ގާބިލު، މަގުބޫލު މީހާ ގޮނޑީގައި އިންނަނީ،" ޓްވީޓްކުރި އެކަކު ލިޔެފައިވެ އެވެ.
އެކަމަކު ކޯޓާ ކަނޑައެޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ ބޭފުޅުންނަށް، ކަން އޮތީ އެ ބުނާހާ ސާފުސީދާކޮށެއް ނޫނެވެ.
ޝިދާތާ އާއި އަނީސާ ވެސް ފާހަގަކުރައްވާ ގޮތުގައި، ގާނޫނީ ގޮތުން ފުރުސަތު ތަނަވަހަސް ފިރިހެނުންނާ ތަފާތުކޮށް އަންހެނުންނަށް ކުރިމަތިވާ އިޖުތިމާއީ އަދި އިގްތިސޯދީ ގޮންޖެހުންތައް ގިނަ އެވެ. ދަރިން ބެލުމާއި ގޭތެރެ ބެލެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ބެލެވިފައި އޮންނާތީ، ސިޔާސީ ރޭހަކަށް ނުކުތުމަކީ އެ ހުރިހާ މަސައްކަތްތަކަކާ އެއްކޮށް އަދި ބައެއް ފަހަރު ވަޒީފާ ވެސް އަދާކުރަމުން އަންހެނުން އުފުލަން ޖެހޭ ބުރައަކަށް ވުމެވެ. އަންހެނުންނަށް ދިމާވާ މާބަނޑުވުން ފަދަ ތޮބީއީ ކަންކަމާ ގުޅިގެން ބޭނުންވާ ޚާއްސަ އިންތިޒާމުތައް ފުރިހަމަވެފައި ނެތުމެވެ. ކެމްޕެއިނަށް ނުކުންނަ އިރު އަމިއްލަ ސަލާމަތާ މެދު ފިރިހެނުންނަށް ވުރެ މާ ބޮޑަށް ވިސްނަން ޖެހުމެވެ. ފުރައްސާރަ އާއި "ނަފްސާނީ ގޮތުން ބަލިކޮށްލާ" ކަހަލަ "ދުއްތުރާ" ފިރިހެނުންނަށް ވުރެ މާ ބޮޑަށް އަންހެނުންނަށް ކުރިމަތިވުމެވެ. ކެމްޕެއިނަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ އިރު، އަންހެނުންގެ މާލީ މިނިވަންކަމާއި އިގްތިސޯދީ ބާރުވެރިކަން ފިރިހެނުންނަށް ވުރެ މާ ކުޑަ ކަމެވެ.
ކުރީގެ މިނިސްޓަރު އަނީސާ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަނީސާ ވިދާޅުވި ގޮތުގައި އިންތިހާބުކުރާ މަގާމްތަކަށް ކުރިމަތިލާ މީހުންނަށް ފަންޑުކޮށްދޭ މީހުން ވެސް، އަންހެނުންނާއި ފިރިހެނުން ތަފާތުކުރެ އެވެ. އެއް ސަބަބަކީ، ކާމިޔާބުވުމުގެ ފުރުސަތު ފިރިހެނުންނަށް ބޮޑުވުމެވެ. ރާއްޖޭގެ އިންތިޚާބުތަކުގައި އަންހެނުންނަށް ވޯޓު ލާން މީހުން ފަސް ޖެހޭކަން އަދި އެފަދަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނޭކަން ދިރާސާ އިން އެނގެން އޮތްކަން އަނީސާ ފާހަގަކުރެއްވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް ފަންޑުކޮށްދޭން މީހުން ބޭނުން ނުވާ އަނެއް ސަބަބަކީ ނާޖާއިޒު ފައިދާ ނަގަން ބޭނުން ވުމެވެ.
"ކޮރަޕްޝަން އިންޑެކްސް އަށް ބަލާ އިރު މުޅި ދުނިޔެ އިން ވެސް ފެންނަން އޮތީ އަންހެނުންގެ މެދުގައި ކޮރަޕްޝަން މަދުކަން،" އަނީސާ ފާހަގަކުރެއްވި އެވެ.
"ފަންޑުކުރާ މީހާ އުއްމީދުކުރާނީ މި މީހަކު ހޮވިއްޖެއްޔާ އޭނާގެ ފައިދާ ތިމަންނަ އަށް ނެގޭނޭ، ތިމަންނަ ބޭނުންވާ ކަންތައްތަކަށް މަޖިލީހުގައި އޭނާ އަށް މަސައްކަތްކުރެވޭނެއޭ، ނޫނީ ވިއްޔާ މަގާމުގެ ގޮތުން ތިމަންނަ އަށް ބައެއް ކަހަލަ ކަންކަން ފަހިކޮށްދެވޭނެއޭ. އެކަމަކު އަންހެނުން އެކަހަލަ ކަންތައްތަކުގައި ވިސްނާނެ، ބޮޑަށް. އެހެންވީމާ ކެމްޕެއިން ފަންޑިންގައި އަންހެނުންނަށް އިންވެސްޓްކުރާ މީހުން ވެސް ނެތީ."
ބައެއް މީހުންގެ ނަޒަރުގައި އަންހެނުންނަށް ހާއްސަކަން ދިނުމަކީ ތަފާތުކުރުމެކެވެ؛ ބޭއިންސާފުން ފިރިހެނުންގެ ހައްގުތައް ނަގާލުމެވެ.
"މަޖިލީހުގައި %100 އަންހެން މެންބަރުން ވެސް ތިބުމުގެ ފުރުސަތު އެބަ އޮތް! އެ ވަރަށް ތިބުން ވެސް މައްސަލައެއް ނެތް. އެކަމަކު ހަމަހަމަވާން ޖެހޭނީ ވާން ޖެހޭ ގޮތަށް. ޚާއްސަވެގެން ނުވާނެ،" ޓްވިޓާގައި ޚިޔާލުފާޅުކުރި މީހަކު ޝިދާތާ އަށް ރައްދުދީފައިވެ އެވެ.
އަނީސާ ފާހަގަކުރައްވާ ގޮތުގައި ތަފާތު ނުކުރަން ގާނޫނުއަސާސީގައި ބުނެފައި އޮތް މާއްދާގައި ޚާއްސަ ހާލަތުތަކަށް ރިއާޔަތްކޮށް އިސްތިސްނާއެއް އޮންނަނީ މިފަދަ ފިޔަވަޅުތަކަށް މަގުފަހިކޮށްދޭށެވެ. އަދި އެއީ ވަގުތީ ފިޔަވަޅުތަކަކަށް ހެދިދާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ށަވިޔަންޏަށް އަޅުގަނޑުމެން އެ ބައި ގެނައީ ވެސް، ވަލްނެރަބްލް ގްރޫޕްސް އަށް އޮންނަ ފުރުސަތު އިތުރުކުރުމަށްޓަކައި،" އަނީސާ ވިދާޅުވި އެވެ.
ޖެންޑަ މިނިސްޓަރު ޝިދާތާ
ޝިދާތާ ފާހަގަކުރައްވާ ގޮތުގައި ތަފާތުކުރުމަކީ މަޖިލީހުގައި އެކަށީގެންވާ މިންވަރަކަށް އަންހެނުން ތަމްސީލް ނުކުރެވި އޮތް އޮތުމެވެ. "....ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތުކުރުން ބެލެވޭނީ، ޖެންޑާ އަށް ބަލައި ތަފާތުކުރުން" ކަމަށް ޖެންޑަ އީކުއަލިޓީ ގާނޫނު ބުނެ އެވެ. ހަމަހަމަކަން ގެއްލިފައިވާ ނިޒާމަކީ "އިޖްތިމާއީ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، މުޖްތަމައުގައި ވަކި ޖިންސެއްގެ ދައުރާ ބެހޭ ގޮތުން ނުރަނގަޅު ގޮތެއްގައި މީހުން ގަބޫލުކުރާ ކަންކަން ... އެގޮތުގައި ދެމެހެއްޓޭނެ ގޮތަށް ބައްޓަންކުރެވިފައި" އޮތުމެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު ހުރި ތަފާތުކުރުންތަކެއް ކުޑަކުރުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަކީ "ތަފާތުކުރުމެކޭ ނުކިޔާނެ" އެވެ. އަދި އެކަމާ މެދު ފިޔަވަޅު އެޅުމުގެ ބެސްޓް ޕްރެކްޓިސްއަކީ ވެސް ކޯޓާ ކަނޑައެޅުންކަން އެހެން ގައުމުތަކުގެ މިސާލުން އޭނާ ދެއްކެވި އެވެ.
"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބެލިޔަސް، ކޯޓާ ސިސްޓަމަކާ ނުލާ، ޕާލަމެންޓުގައި އަންހެނުންނަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ހާސިލްކުރެވިފައެއް ނެތް. މި ސަރަހައްދުގެ ގައުމުތަކުގައި ވެސް އެބަހުރި އަންހެނުންނަށް އެފަމެޓިވް އެކްޝަންސް ނަގާފައި. ސަބަބަކީ އެ ގައުމުތަކުން ގަބޫލުކުރޭ، އެހެން ނަހަދައެއް މިކަން ހާސިލެއް ނުކުރެވޭނެކަން،" ޝިދާތާ ވިދާޅުވި އެވެ.
މިނިސްޓަރު ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި ޕާކިސްތާނުގެ ނެޝަނަލް ކޮންގްރެސްގެ 342 ގޮނޑީގެ ތެރެއިން 60 ގޮނޑި އަދި ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ 350 ގޮނޑީގެ ތެރެއިން 50 ގޮނޑި ވަނީ އަންހެނުންނަށް ރިޒާވްކޮށްފަ އެވެ. އަފްޣާނިސްތާން، އާޖެންޓީނާ އަދި އުރުދުންގައި ވެސް އަންހެނުންނަށް ގޮނޑިތަކެއް ރިޒާވްކޮށްފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ދައްކަނީ އަޅުގަނޑުމެންގެ ކައިރި އަވައްޓެރި ގައުމުތަކެއްގެ ވާހަކަ. ސަގާފީ ގޮތުން އަޅުގަނޑުމެންނާ ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ގައުމުތަކެއްގެ ވާހަކަ އަދި ހަމަ އިސްލާމީ ގައުމުތަކެއްގެ ވާހަކަ. އެހެންވީމާ އެފަދަ ގައުމުތަކަށް އެކަން އެ ގޮތަށް ހާސިލްވެވިފައިވާ އިރު އަޅުގަނޑުމެންނަކީ މި ސަރަހައްދުގައި ލިޓްރެސީ ރޭޓަށް ބެލި ކަމުގައި ވިޔަސް އެންމެ ކުރީގައި އޮތް އެއް ގައުމު އަދި ޖީޑީޕީގެ ނިސްބަތުން ވެސް އެންމެ ކުރީގައި އޮތް އެއް ގައުމު،" ވީޓީވީގެ ޕްރޮގްރާމެއްގައި ޝިދާތާ ވިދާޅުވެފައިވެ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ތަމްސީލުކުރެވޭ މިންވަރު މާ ކުޑަވުމަކީ ބޮޑު ގެއްލުމެކެވެ. ހުސް ކަމެކެވެ. މަޖިލީހުން ހަދާ ގާނޫނުތަކުންނާއި އެހެނިހެން ކަންކަމުން ވެސް އޭގެ ނޭދެވޭ ނަތީޖާ އާއި އަސަރުތައް ފެނެ އެވެ. އަނީސާ ފާހަގަކުރެއްވި ގޮތުގައި އެ ހުސްކަން ފޫބައްދަން އަންހެނުންގެ ހިއްސާ ބޮޑުކުރުން ކޮންމެހެން މަޖުބޫރެވެ.
"އަންހެނުން މަޖިލިސްގައި ތިބިއްޔާ، ގާނޫނުތައް ހެދެމުންދާ އިރު، އަންހެނުން ކަންބޮޑުވާ ކަންކަން – އެއީ މައިގަނޑު ގޮތެއްގައި އިޖުތިމާއީ ކަންކަން – އެ މީހުން އެ ކަންކަމާ ދޭތެރޭގައި ވިސްނާނެ. ފިރިހެނުންނާއި އަންހެނުން ކޮށްފައި މި ހުންނަނީ ތަފާތު ތަޖުރިބާތަކެއް. އެހެންވީމާ އަންހެނުންނަށް މި ތަޖުރިބާކުރެވޭ ބޮޑެތި މައްސަލަތައް މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް އަންނާނީ އަންހެނުން އިތުރުވެގެން. ދެތިން މީހަކު ތިބެގެނެއް އެއްވެސް ކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަންހެނުން މަދުވުމުގެ މައްސަލަ، ޚާއްސަ ފިޔަވަޅުތަކަކާ ނުލައި ހައްލުކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ނުކުރައްވާ މައިގަނޑު ސަބަބަކީ މިހާރުގެ ހާލަތެވެ.
އަނީސާ ފާހަގަކުރެއްވި ގޮތުގައި އަންހެނުންނަކީ ވަކި ކަހަލަ ކަންތައްތަކެއް ނުކުރެވޭނެ ނުވަތަ ކޮށްގެން ނުވާނެ ބައެއް ކަމަށް ޒަމާނުއްސުރެ ދެކެވިފައި އޮންނާތީ ސިޔާސީ މަގާމްތައް ފަދަ ކަންކަމަށް ނުކުތުމުގެ ހިތްވަރު އަންހެނުންގެ ކިބައިގައި ކުޑަ އެވެ. އަދި ވޯޓު ލާ މީހުންގެ މެދުގައި އަންހެނުންނާ މެދު އިތުބާރު ބޮޑުކުރަން ވެސް ކޯޓާގެ އުސޫލު އެހީތެރިވެދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަބަދުވެސް މި އޮންނަ ޖެންޑަ ސްޓީރިއޯޓައިޕިންއާ ހެދި އަންހެނުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު މި އޮންނަނީ ކުޑަވެފައި. އެހެންވީމާ ކުރިމަތިލާން ޖެހިލުންވަނީ. ހިތަކަށް ނާރާ ފިރިހެނުންނާ ވާދަކޮށްގެން ކުރި ހޯދިދާނެ ކަމަކަށް. ކޯޓާއެއް ކަނޑައެޅީމާ އެ މީހުން ފިރިހެނުންނާ ވާދަކުރާކަށް ނުޖެހޭނެއެއް ނޫންތޯ؟ އަންހެނުންނާ ވާދަކުރާނީ. އެހެންވީމާ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވާނެ،" އަނީސާ ވިދާޅުވި އެވެ.
"އިންތިޚާބު ކުރެވޭ މަގާމަށް އައިސް ޕަފޯމް ކުރެވުނީމާ އަމިއްލަ ނަފްސަށް އެބަ ގަބޫލުކުރެވޭ ތިމަންނަ މި މަގާމަށް އައިމަ ހަމަ ފިރިހެނުންނެކޭ އެއްވަރަށް އެބަ މަސައްކަތްކުރެވޭކަން. އެއީ އިތުރު އަންހެނުން ކުރިމަތިލާން ވެސް ހިތްވަރަކަށް ވާނެ. ހަމަ އެއާއެކީގައި ވޯޓު ލާ މީހުންނަށް ވެސް އެބަ އެނގޭ އަންހެނަކު ހޮވިޔަސް ވަކި ދެރައެއް ނޫންކަން."
މަޖިލީހާއި ލޯކަލް ކައުންސިލްތައް ވެސް ހިމެނޭ ގޮތަށް، އިންތިޚާބީ މަގާމްތަކުގައި އަންހެނުންގެ ހިއްސާ ބޮޑުކުރަން އެކި މަސައްކަތްތައް ކޮށްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކާމިޔާބު ނުވެ އެތައް އަހަރެއް ފާއިތުވީ އެވެ.
އަނީސާ ބައިވެރިވެވަޑައިގެން 2010ގައި އުފެއްދި ހޯޕް ފޯ ވިމެން އިން މަސައްކަތްކޮށްގެން، އަންހެނުންނަށް ފުރުސަތު ބޮޑުކޮށްދިނުމުގެ އިސްލާހެއް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވޭތޯ ވެސް ބެލި އެވެ. އެކަމަކު އެކަމަށް ކޮމިޓީ މަރުހަލާ އިން ވެސް ތާއީދެއް ނުލިބުނެވެ.
އަނީސާ ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ޕާޓީތަކުން މަޖިލީހުގެ އިންތިޚާބަށް ނެރޭ ކެންޑިޑޭޓުންގެ ތެރޭގައި ވަކި އަދަދަކަށް އަންހެނުން ހިމަނަން މަޖުބޫރުކުރުމަކީ ރަނގަޅު ފިޔަވަޅަކަށް ވާނެ އެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ހަމައަކީ އެއްވެސް ޖިންސެއް ތަމްސީލްވާ މިންވަރު 33 ޕަސެންޓަށް ވުރެ ކުޑަނުކުރުން ކަމަށެވެ.
"ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުންގެ ލިސްޓު ހަދާ އިރު ވަކި ޕަސެންޓެއް ޚާއްސަކޮށްފައި ބަހައްޓަންވީ، އަންހެނުންނަށް. އޭގެ މާނައަކީ، އެ މީހުން ނެރޭނެއޭ މަދުވެގެން 33 ޕަސެންޓް ނުވަތަ އެ ކަނޑައަޅާ ޕަސެންޓެއްގެ އަންހެނުން. ގާނޫނުގައި އެހެން ލިޔުނީމާ ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް މަޖުބޫރުވާނެ އެކަން ކުރަން،" އަނީސާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޕާޓީތަކުގެ ބާރުވެރިކަމާއި މާލީ އެހީތެރިކަން ލިބިގެން އަންހެން ކެންޑިޑޭޓުންނަށް ވާދަކުރެވޭ މިންވަރު އޭރުން އިތުރުވެގެންދާނެ އެވެ.
https://jazeeraraajje.org/wp-content/uploads/2018/09/manifesto_official.pdf
"ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި، އަންހެނުން ބާރުވެރިކުރުމުގެ އެއް ފިޔަވަޅަކީ އިންތިޚާބީ މަގާމުތަކަށް ކޯޓާތަކެއް ކަނޑައެޅުން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އަންހެނުންނަށް ކޯޓާ ކަނޑައެޅުމުގެ ވައުދަކާ އެކުގަ އެވެ. "އަންހެނުން އިންތިޚާބީ މަގާމުތަކަށް އައުމަށް ވަކި މުއްދަތަކަށް ކޯޓާތަކެއް ކަނޑައަޅޭނެ" ކަމަށް، އެމަނިކުފާނު ވެރިކަމަށް ގެނައި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ލިޔެފައި ވެސް އެބަ އޮތެވެ.
އެ ސިޔާސަތުގެ ދަށުން މިކަން ހާސިލްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ތާއީދު ހޯދަން ސަރުކާރަށް މަސައްކަތްކުރެވެން އެބައޮތްކަން ޝިދާތާ ގަބޫލުކުރައްވަ އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ސަރުކާރަށެވެ. އެކަމަކު އޭނާ ވިދާޅުވީ މިކަން ކޮށްދިނުމުގެ ރޫހެއް މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ނެތް ކަމަށެވެ.
"އަޅުގަނޑު މި ވާހަކަ ދެއްކީމާ އައި ރިއެކްޝަންތަކަށް ބަލާ އިރު ވެސް އެހާ ވަރުގެ މޯޓިވްއެއް ނެތް. މަޖިލީހުގައި ކޯލިޝަނަށް ތާއީދުކުރާ މެމްބަރުން ތިއްބަސް، މި ކަމަކަށް މާ ބޮޑު ފޯރިއެއް ނެތް، އެ މީހުންގެ ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
އަނީސާ ކުރެއްވި ތަޖުރިބާއަކީ ވެސް އެއީ އެވެ.
"އިންތިޚާބުކޮށްފައިވާ މަގާމުތަކުގައި ގިނައިން މި ތިބެނީ ފިރިހެނުން. އެ މީހުން ހިތަކަށް ނާރާ އަންހެނަކު މި ކަހަލަ ކަމަކަށް [އިންތިޚާބަކަށް] ކުރިމަތިލައިގެން އުޅެން ޖެހޭ ހާލެއް،" އަނީސާ ވިދާޅުވި އެވެ.
ޝިދާތާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނީ އިތުރު ފިޔަވަޅެއް ނުގެނެސް ވެސް މިކަން ހާސިލްކުރެވިދާނެ އެވެ؛ ޖެންޑަ އީކުއަލިޓީ ގާނޫނުގައި އޮތް ގޮތަށް ސިޔާސީ ޕާޓީތަކުން އަމަލުކުރަން ފަށަންވީ އެވެ.
ސިޔާސީ މައިދާނުގައި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ ޒިންމާ އެ ގާނޫނުން ޕާޓީތަކާ މަތިކޮށްފައި އޮތްކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ. އެކަމާ ބެހޭ މާއްދާ އޮންނަ ގޮތުން "ސިޔާސީ މައިދާނުގެ ހުރިހާ ފަންތިއެއްގައި ފިރިހެނުންނާ އެއްހަމަ ފުރުސަތުތަކެއް އަންހެނުންނަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ ދައުލަތާއި ސިޔާސީ ޕާޓީތަކުގެ ޒިންމާއެކެވެ."
"ޖެންޑަ އީކުއަލިޓީ ގާނޫނުގައި އެބަ އޮތް، ޕާޓީތަކުގެ ދައުރު. ހަމައެކަނި ކުރަން މި ޖެހޭ ކަމަކީ އެކަން ތަންފީޒުކުރުން. އެ ވަރުން މި ކަން ކުރެވެން ޖެހޭނެ. އެ ވަރަށް އަޒުމް ހަމަ ނާންނަނީ،" ޝިދާތާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި އަންހެނުންގެ ހިއްސާ ބޮޑު އިރު ވެސް ޕާޓީތަކުގެ އިސް ސަފުގައި އަންހެނުން މަދުވުމަކީ މި މައްސަލައިގެ ބައެކެވެ.
"ޕާޓީތަކުގެ މުހިއްމު ކޮމިޓީތައް ހެދުމުގަ އާއި ލީޑަޝިޕްގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުވީމަ، އިންތިޚާބުތަކުން ވެސް އެ މަންޒަރު ފެންނާނީ،" ޝިދާތާ ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ އަންހެނުންގެ އަދަދު، ގޮނޑީގެ ނިސްބަތުން، ކުރީ ދެ ފަހަރު އެއްވަރެއްގައި ހުރެފައި މި ފަހަރު ވަނީ އިތުރުވެފަ އެވެ. މި އަހަރު ކުރިމަތިލީ އަންހެން ކެންޑިޑޭޓުންގެ އަދަދު "ޕޮޒިޓިވް" ކަމަށް އަނީސާ ގަބޫލުކުރައްވަ އެވެ. އެކަމަކު މި ފަހަރު ވެސް މާ ގިނަ އަންހެން ކެންޑިޑޭޓުންތަކަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.
"ގޮންޖެހުންތައް ހުރި ގޮތަށް ހުރީ. އަންހެނުން ނެރޭކަށް އެއްވެސް ޕާޓީއަކުން އިތުރު މަސައްކަތްތަކެއް ވެސް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
ޝިދާތާ ވެސް ވިދާޅުވީ މަޖިލީހުގައި އަނެއްކާވެސް އެންމެ ފަސް ޕަސެންޓް އަންހެނުން ތިބޭ މަންޒަރު ދެކެން ބޭނުންވެވަޑައި ނުގަތަސް، ކަން ހިނގުން ގާތީ އެ ގޮތަށް ކަމަށެވެ. ޕާޓީތަކުން ނެރުނު އަންހެން ކެންޑިޑޭޓުން މަދުކަމާއި އަންހެން ކެންޑިޑޭޓުންގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުންކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
"ކޮންމެވެސް ވަރަކަށް [19 ވަނަ މަޖިލީހުގައި އަންހެނުންގެ] އަދަދު އިތުރުވެދާނެ ކަމަށް ބެލިދާނެ. އެކަމަކު ސިގްނިފިކަންޓް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި އަންހެނުންނާއި ފިރިހެނުންގެ މަޖިލީސް
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް
އަންހެނުންގެ ދައުރު މަޖިލީހުގައި ބޮޑުކުރަންޖެހޭ: ގާސިމް
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟
މުޣުނީ އަށް އެމްޑީޕީން އަލުން ތާއީދުކޮށްފި
ނަޝީދު ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މުޣުނީ
މަޖިލީހުގެ އިދާރާއަށް އަންހެން ސެކިއުރިޓީން ހޯދަނީ