Roadha Mihaaru
ބެންކޮކަށް ފުރި ދިވެހިން ލަންކާ އެއާޕޯޓުގައި ތާށިވެފައި

ބެންކޮކް ބޯޓުގައި މައްސަލަ ޖެހި ދިވެހިން ލަންކާ އެއާޕޯޓުގައި ތާށިވެފައި!

22 ފެބުރުއަރީ 2019

ބެންކޮކް އެއާވޭސްގެ މަތިންދާބޯޓެއްގައި މާލެ އިން ފުރައިގެން ތައިލެންޑަށް ދަތުރުކުރި ވިއްސަކަށް ދިވެހިން، އެ ބޯޓަށް ޖެހުނު މައްސަލައަކާ ހެދި، އެ ގައުމަށް ނުދެވި ސްރީ ލަންކާ އެއާޕޯޓުގައި މިއަދު ތާށިވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބެންކޮކް އެއާވޭސްގެ މަތިންދާބޯޓެއްގައި މާލެ އިން ފުރައިގެން ތައިލެންޑަށް ދަތުރުކުރި ވިއްސަކަށް ދިވެހިން، އެ ބޯޓަށް ޖެހުނު މައްސަލައަކާ ހެދި، އެ ގައުމަށް ނުދެވި ސްރީ ލަންކާ އެއާޕޯޓުގައި މިއަދު ތާށިވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ދިވެހި ދަތުރުވެރިއަކު ބުނީ މިއަދު މެންދުރު 12:45 ގައި ބެންކޮކް އެއާވޭސްގެ ފްލައިޓް ޕީޖީ 712 މާލެ އިން ފުރައިގެން ބެންކޮކަށް ދަތުރު ކުރަމުން ދަނިކޮށް، ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށް ބުނެ، މަތިންދާބޯޓު ލަންކާ އެއާޕޯޓުގައި ޖެއްސިތާ ފަސް ގަޑިއިރު ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޑިމާންޑް ކުރިން ބޯޓަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވައި ދޭން. އެކަމާ ގުޅިގެން އެއާލައިނުން އެއްވެސް ވާހަކައެއް ދައްކަން ވަނީ ދެކޮޅު ހަދާފައި،" ބޯޓުގައި އިން ދަތުރުވެރިޔާ ބުންޏެވެ.

އޭނާ ބުނީ ބޯޓުގައި ތިބޭތާ މިހާރު ފަސް ގަޑިއިރު ވެފައިވާ އިރު، ބޯޓުން ނުކުތުމުގެ ހުއްދަ އެއާލައިނުން މިހާތަނަށް ދީފައި ނުވާ ކަމަށެވެ. ދިވެހިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އެއާލައިނުން އެއްވެސް ކާ އެއްޗެއް ނުދޭ ކަމަށް އޭނާ ބުންޏެެވެ.

"ބޯޓުގައި އެބަތިބި މާބަނޑު އަންހެނުން ވެސް. އެމީހުންނަށް ކެވޭނެ ގޮތެއް ނެތް،" ދަތުރުވެރިޔާ ބުންޏެވެ.

"އެއާލައިނުން މިހާރު އަންގަނީ ލަންކާގައި މިރޭ އެއްކޮށް މަޑުކުރަން ޖެހޭނެ ކަމަށް."

ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ބޯޓު ތެރޭގައި ދަތުރުވެރިންނެއް ނުބޭތިއްބޭނެ އެވެ. އަދި ބޯޓުގައި ދެ ގަޑިއިރު ވެއްޖެ ނަމަ ކާން ދޭން ޖެހެ އެވެ.

ބެންކޮކް އެއާވޭސްގެ މަތިންދާބޯޓަށް މިހާރު ދިމާވެފައިވާ ހާލަތުގައި އިތުރު މަތިންދާބޯޓެއް ހަމަޖެހެންދެން ހުރިހާ ދަތުރުވެރިންގެ އެކޮމަޑޭޝަނާއި ކެއުން ދޭން ޖެހޭނީ އެ އެއާލައިނުންނެވެ.