Roadha Mihaaru
އީގަލްސްގައި ތަފާތު ދެއްކީ ހަންނަ!

އީގަލްސްގައި ތަފާތު ދެއްކީ ހަންނަ!

22 ފެބުރުއަރީ 2019

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދިއިރު، މި ކާމިޔާބީގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިޔަކީ ޓީމުގެ ކެޕްޓަން ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަންނަ ވަނީ ޖުމްލަކޮށް ހުރިހާ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދިއިރު، މި ކާމިޔާބީގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިޔަކީ ޓީމުގެ ކެޕްޓަން ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަންނަ ވަނީ ޖުމްލަކޮށް ހުރިހާ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސް އިން ވަނީ މިހާތަނަށް ޔޫތު ޗެމްޕިއަންޝިޕް ހަތަރު ފަހަރެއްގެ މަތިން ހޯދައިފަ އެވެ. އުމުރުން 20 އަހަރުގެ ހަންނަ ވަނީ އީގަލްސްއާ އެކު މި މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. މި ފަހަރު ހާއްސަ ވަނީ އޭނާގެ ކެޕްޓަންކަމުގައި އީގަލްސް އިން މި މުބާރާތް ކާމިޔާބު ކުރުމުންނެވެ. އަދި އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަންނަ އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ހަ ލަނޑު ޖަހައި އެހެން ކުޅުންތެރިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"މިއީ އަސްލު މި ޓީމު އެކުވެގެން ކުރި މަސައްކަތް. މިއީ އަހަރެން ހުރެގެން ނެގި ތިން ވަނަ ފަހަރު އެހެންވެ ވަރަށް އުފާވޭ،" ޔޫތު ޗެމްޕިއަންޝިޕްގެ މި ފަަހަރުގެ ކާމިޔާބީއާ ބެހޭގޮތުން ހަންނަ "މިހާރަ"ށް ބުންޏެވެ.

އީގަލްސް އިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2014، 2016 އަދި 2017 ވަނަ އަހަރު އެވެ. އީގަލްސް އިން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. އަދި މި މުބާރާތް 21 އަހަރުން ދަށަށް ހާއްސަކޮށްގެން ބޭއްވި އެންމެ ފަހު ހަތަރު މުބާރާތުގެ ތަށި އުފުލާލީ ވެސް އީގަލްސް އިންނެވެ. މިދިޔަ އަހަރުގެ މުބާރާތް 19 އަހަރުން ދަށަށް ބޭއްވިއިރު، ޗެމްޕިއަންކަން ހޯދީ ގްރީން ސްޓްރީޓްސް އިންނެވެ.

މި މުބާރާތުގައި އީގަލްސްގެ ކާމިޔާބީ ދެމެހެއްޓެނީ ޒުވާން ކުޅުންތެރިންނަށް ދޭ އަހައްމިއްޔަތު ބޮޑުކަމުންނެވެ. އަދި މި މުބާރާތުގައި މޮޅަށް ކުޅޭ ކުޅުންތެރިންނަށް ސީނިއާ ޓީމުން ވެސް ފުރުސަތު ދޭތީ އެވެ. މި ފަހަރު އީގަލްސްގެ ކޯޗެއްގެ ގޮތުގައި ފެނުނު އިބްރާހިމް ސައީދު (ކަކާ) ވެސް ބުނީ އީގަލްސް އަކީ ހަމައެކަނި ޔޫތުގައި ޒުވާން ކުޅުންތެރިންތަކެއް ބައިވެރިކޮށްލުމުގެ ބަދަލުގައި ޓީމެއް ބިނާކޮށް ކުޅުންތެރިން ތަރައްގީ ކުރާ ޓީމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ހަންނަ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިދިޔަ އަހަރުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ހަންނަ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަންނަ ބުނީ މި ފަހަރު ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން މުސްތަގުބަލުގައި ސީނިއާ ޓީމުން ފެންނާނެ ކަމަށެވެ.

"މީގެ ގިނަ ކުޅުންތެރިން ސީނިއާ ޓީމަށް ކުޅޭނެ ކަމަށް ބެލެވެނީ. އެއީ މި ކުޅުންތެރިންނަށް މެޗު އެކްސްޕީރިއަންސް ލިބޭ ވަރަކަށް ރަނގަޅުވާނެ،" ހަންނަ ބުންޏެވެ.

އީގަލްސް އަށް ހަންނަގެ ކުޅުން ފެނުނީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އޭނާގެ އުފަން ރަށް ކަމަށްވާ ހިތަދޫގެ ޓީމަށް ކުޅެނިކޮށެވެ. އީގަލްސް އިން އެ ފަހަރު ހަންނަ ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމަކު ޖެހިގެން އައި 2016 ވަނަ އަހަރު ހަންނަ ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ޓަރަޔަލްގައި ބައިވެރިވެފަ އެވެ. އެހެން ނަމަވެސް އޭނާ ފަހުން ނިންމީ އީގަލްސް އަށް ސޮއިކުރާށެވެ. އޭރު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަށް ހަންނަގެ ކުޅުން ކަމުދިޔުމުން އެ ޓީމުގެ މެނޭޖްމަންޓުން ވަނީ އޭނާއާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.

މިދިޔަ އަހަރު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ހަންނަ ދެއްކި މޮޅު ކުޅުމާ އެކު ސާފް ސުޒުކީ ކަޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނި ހަންނަ ވަނީ ގަތަރު ޓްރެއިނިން ކޭމްޕްގައި ވެސް ބައިވެރިވެފަ އެވެ. އެކަމަކު މުބާރާތުގެ ފައިނަލް ސްކޮޑުން ފުރުސަތު ނުލިބުނެވެ. އެކަމަކު އަންނަ މަހު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ޒުވާން ގައުމީ ޓީމުގައި ހަންނަ ވަނީ ހިމަނައިފަ އެވެ. މިއީ ގައުމީ ޖޯޒީގައި ކުރިއަށް ދިއުމަށް ހަންނަ އަށް ލިބޭނެ ބޮޑު ފުރުސަތެވެ.