Roadha Mihaaru
އީގަލްސް އާއި ސަސް އަށް ނިލަންދޫން ހޫނު މަރުހަބާއެއް

އީގަލްސް އާއި ސަސް އަށް ނިލަންދޫން ހޫނު މަރުހަބާއެއް

11 ފެބުރުއަރީ 2022

އަންނަ އާދިއްތަ ދުވަހު ކުޅޭ މި އަހަރުގެ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވާދަކުރާ ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޒުވާން ޓީމަށް ފ. ނިލަންދޫން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަންނަ އާދިއްތަ ދުވަހު ކުޅޭ މި އަހަރުގެ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވާދަކުރާ ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޒުވާން ޓީމަށް ފ. ނިލަންދޫން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މި އަހަރުގެ ޔޫޗު ޗެމްޕިއަންޝިޕް ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ފ. ނިލަންދޫ ފުޓުބޯޅަ ދަނޑުގަ އެވެ. މިއީ 2011 ވަނަ އަހަރު ފެށި ޔޫތު މުބާރާތުގެ ތާރީހުގައި ވެސް މާލެއިން ބޭރުގައި މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.

ސަސް އާއި އީގަލްސް އަކީ މުބާރާތުގެ ފުރަތަމަ ބުރުގައި އެއް ގުރޫޕެއްގައި ވާދަކުރި ދެ ޓީމެވެ. މި ދެޓީމު ދުރޫޕް ސްޓޭޖުގައި ކުޅުނު މެޗު 1-0 ގެ ހަނި ތަފާތަކުން ކާމިޔާބުކުރީ އީގަލްސް އެވެ. އީގަލްސް ވަނީ އެއް މެޗު އެއްވަރުކޮށް ބާކީ ތިން މެޗު ވެސް ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދައިފަ އެވެ. އީގަލްސް ވަނީ ސެމީގައި ގުރޫޕް ބީގެ ދެވަނަ ހޯދި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށްފަ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ޔޫތު ޓީމް ނިލަންދޫގައި.-- ފޮޓޯ: ނިލަންދޫ ކައުންސިލް

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ޔޫތު ޓީމް ނިލަންދޫގައި.-- ފޮޓޯ: ނިލަންދޫ ކައުންސިލް

މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު، ފުރަތަމަ މެޗުގައި އީގަލްސް އަތުން ބަލިވި ނަމަވެސް ސަސް ވަނީ ގުރޫޕް ސްޓޭޖުގައި ދެން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސް އެޓީމު ވަނީ ޕެނަލްޓީ ޖަހައިގެން، ގުރޫޕް ބީގެ އެއްވަނަ ހޯދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލި ކޮށްފަ އެވެ.

އީގަލްސް އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ މިހާތަނަށް ހަތަރު ފަހަރު ޔޫތު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމުގެ ކުރިން އެޓީމު ވަނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެއީ 2014، 2016 އަދި 2017 ވަނަ އަހަރެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޔޫތު މުބާރާތް ބާއްވައިފައެއް ނުވެ އެވެ.

ސަރުކާރުން ހަދާފައިވާ ނިލަންދޫ ފުޓުބޯޅަ ދަނޑު.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ސަރުކާރުން ހަދާފައިވާ ނިލަންދޫ ފުޓުބޯޅަ ދަނޑު.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ނިލަންދޫ ފުޓުބޯޅަ ކުލަބު ވަނީ މިނިވަން ޗެމްޕިއަންޝިޕް ސެމީ ފައިނަލަށް ހޮވިގެން، 2018 އަދި 2020/19 ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކޮށްފަ އެވެ. ނަމަވެސް ޔޫތު މުބާރާތުގައި އެޓީމުން މިހާތަނަށް ވާދަ ކޮށްފައެއް ނުވެ އެވެ. ނިލަންދޫގައި މެޗު ކުޅުމަށް ހުރި ވަސީލަތްތައް އިންސްޕެކްޓްކޮށް ނިންމައި، ނިލަންދޫ ޓާފް ދަނޑުގައި ފައިނަލް މެޗު ކުޅޭކަން ރަސްމީކޮށް އެފްއޭއެމުން ވަނީ މިއަދު އިއުލާންކޮށްފަ އެވެ.

ނިލަންދޫ ޓާފް ދަނޑަކީ ސަރުކާރުގެ ހަރަދުގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2020 ވަނަ އަހަރުގެ މެއި މަހު ހަދައި ނިންމި ދަނޑެކެވެ. ދަނޑުގެ މަސައްކަތްތަކަށް އެރަށު ކައުންސިލާއި އެރަށުގެ ޑޭލައިޓް ކުލަބުގެ އިތުރުން، ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ދެއްވި އެހީތެރިކަން ޔޫތު މިނިސްޓަރު މަހުލޫފް ވަނީ މީގެ ކުރިން ފާހަގަ ކުރައްވައިފަ އެވެ.

މިދިޔަ މަހު ނިމުނު މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ވެސް ކުޅުނީ މާލޭން ބޭރުގަ އެވެ. އެފްއޭއެމާއި ޔޫތު މިނިސްޓްރީ ގުޅިގެން އެ މެޗު ހޯސްޓު ކުރީ ރ. އަލިފުށީގަ އެވެ.