Roadha Mihaaru
ވެކްސިނަށް ހުރަސް އެޅުމުން ފަވާދުގެ މައްސަލަ ޕޮލިހަށް

ދަރިފުޅަށް ޕޯލިއޯ ވެކްސިން ދޭން ހުރަސްއެޅުމުން ފަވާދު ހާނުގެ މައްސަލައެއް ޕޮލިހަށް

21 ފެބުރުއަރީ 2019

ޕޯލިއޯ ވެކްސިން ދޭ ޓީމްގެ އޮފިޝަލުންނަށް ހުރަސް އަޅައި، ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ދެ އަހަރުގެ އަންހެން ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދި ކަމަށް ބުނާ މައްސަލެއްގައި ފަވާދާއި އާއިލާގެ އިތުރު ބައެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕޯލިއޯ ވެކްސިން ދޭ ޓީމްގެ އޮފިޝަލުންނަށް ހުރަސް އަޅައި، ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ދެ އަހަރުގެ އަންހެން ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދި ކަމަށް ބުނާ މައްސަލެއްގައި ފަވާދާއި އާއިލާގެ އިތުރު ބައެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ފަވާދުގެ އާއިލާ ދިރިއުޅޭ ގެއަށް ޕޯލިއޯ ވެކްސިން ދޭ އޮފިޝަލުން ދިއުމުން، އެކަމަށް އޭނާގެ އަންހެނުންނާއި އިތުރު ބަޔަކު ހުރަސް އެޅި މައްސަލަ ރިޕޯޓްކޮށްފައި ވަނީ ފައިސަލް ޓައުން ޕޮލިސް ސްޓޭޝަނަށެވެ.

ޕާކިސްތާނުގެ ޓީވީ ޗެނެލް ޖިއޯ ނިއުސް އިން ބުނި ގޮތުގައި މިކަމާ ގުޅިގެން ހަ މީހެއްގެ މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި ފަވާދުގެ ޑްރައިވަރު ވެސް ހިމެނެ އެވެ.

އެކަމަކު މިކަމެއް ހިނގި އިރު ފަވާދު ހުރީ ގައުމުން ބޭރުގަ އެވެ.

މީޑިއާތަކުން ބުނީ ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "އޭ ދިލް ހޭ މުޝްކިލް" އާއި "ކަޕޫރް އެންޑް ސަންސް" އަދި "ހޫބްސޫރަތު" ވެސް ކުޅުނު އެކްޓަރު މި ވަގުތު ހުރީ "ޑޭޓް ވިތު ފަވާދު ހާން" ގެ ނަމުގައި ކުރިއަށް ގެންދާ ޓުއާއެއްގައި އެމެރިކާގައި ކަމަށެވެ.

ނަމަވެސް އޭނާގެ މައްސަލަ ރިޕޯޓް ކުރީ ފަވާދަކީ ދަރިފުޅުގެ އިސް ބަލަދުވެރިޔާ ކަމަށްވެފައި، އާއިލާގެ އެންމެ އިސް މީހާ ކަމަށްވާތީ ކަމަށް މީޑިއާތަކުން ބުންޏެވެ.

މިކަމާ ގުޅިގެން ފަވާދުގެ ޕީއާރް ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ޕޯލިއޯއާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތަށް ފަވާދު ސަޕޯޓް ކުރާ ކަމަށާއި ދަރިފުޅަށް ވެކްސިން ދޭން އާއިލާ އިން ހުރަސް ނާޅާ ކަމަށެވެ. އަދި ދަރިފުޅަށް ކުރިން ވެސް ގަވައިދުން ވެކްސިން ދެމުން އަންނަކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެނަވެ.

ޕާކިސްތާނަކީ ވެކްސިން ދިނުމުގެ މައްސަލާގައި ހިޔާލު ތަފާތުވުންތައް ބޮޑު ގައުމެކެވެ.

ޕާކިސްތާނުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި ވަރަށް ގިނަ ބަޔަކު ވަރަށް ރީތި ކަމަށް ބުނާ ފަވާދު، 37، ގެ ތިބެނީ ދެ ދަރިންނެވެ. އެއީ 11 އަހަރުގެ އަޔާން ހާނާއި ދެ އަހަރުގެ އަލޭނާ ފަވާދު ހާނެވެ.