Roadha Mihaaru
މައުސޫމަކީ ނަޒާހަތްތެރިއެއް، އިތުބާރު އެބައޮތް: ނަޝީދު

މައުސޫމަކީ ނަޒާހަތްތެރިއެއް، އިތުބާރު އެބައޮތް: ނަޝީދު

20 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ރިޕޯޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކުރުމާ އެކު މަގާމުން އެކަހެރިކުރި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމަކީ ނަޒާހަތްތެރި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭނާ ދިފާއު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ރިޕޯޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކުރުމާ އެކު މަގާމުން އެކަހެރިކުރި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމަކީ ނަޒާހަތްތެރި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭނާ ދިފާއު ކުރައްވައިފި އެވެ.

މައުސޫމް ގޭގައި މަޑުކުރަން ރައީސް އޮފީހުން އެންގީ އޭނާގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެސްއޯއެފުން 6.1 މިލިއަން ޑޮލަރު (93.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި އޮތުމުންނެވެ. ދައުލަތުގެ ފައިސާ ވަގަށް ނަގައި މަނީ ލޯންޑަރިން ހިންގި އެސްއޯއެފުން ފައިސާ ޖަމާކުރީ، ރިޕޯޓުގައިވާ ގޮތުން، މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ އާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މައުސޫމަކީ ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަންގެ ނައިބު (މާލީ)ގެ މަގާމް ފުރުއްވި ބޭފުޅެކެވެ.

އޭނާގެ ދިފާއުފައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައުސޫމަށް އިތުބާރު އެބައޮތް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މައުސޫމްގެ ހިއްސާ އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮންނަ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި އޮތަސް މީގެ 20 އަހަރު ކުރިން މައުސޫމް ވަނީ އެ ކުންފުނިން ވަކިވެފަ އެވެ.

މައުސޫމް ދިފާއު ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓް.

ނަޝީދާއި މައުސޫމް އެކުގައި: ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމް މައުސޫމް ފުރުއްވި.

ނަޝީދާއި މައުސޫމް އެކުގައި: ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމް މައުސޫމް ފުރުއްވި.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ސީޖީޓީގައި މައުސޫމްގެ އިތުރުން ހިއްސާ އޮންނަނީ، އަބްދުﷲ ރާފިއު، މއ. ޝޭޑީ ކެބިން އާއި އުމަރު ޖަމާލް، މއ. ތިނަދޫ އާއި އަހްމަދު ޒާހިރު، މާހީ، ސ. ހިތަދޫ، އެވެ. އެމްސީ މޯލްޑިވްސްގެ ހިއްސާދާރުންނަކީ މައުސޫމްގެ އިތުރުން ރާފިއު އާއި މުހައްމަދު ހަމީދު، މއ، ޑޯންލައިންޓް، ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ސީޖީޓީ އަށް ޖުމްލަ 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) އެސްއޯއެފުން ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެއީ، ސީޖީޓީ އަށް 4.9 މިލިއަން ޑޮލަރާއި އެ ކުންފުނީގެ އެއް ހިއްސާދާރު ރާފިއު ސިލޯން ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް 1.6 މިލިއަން ޑޮލަރު (25 މިލިއަން ރުފިޔާ) ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ފައިސާ ސީޖީޓީގެ ބޭނުމަށް ބޭނުންކޮށްފައިވާ އިރު ބަދަލުގައި އެސްއޯއެފަށް ނުވަތަ އެމްއެމްޕީއާރުސީ އަށް އެއްވެސް ފައިސާއެއް ސީޖީޓީ ޕްރައިވެޓް ލިމިޓެޑުން ދެއްކި ކަން އެނގެން ނެތް ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އެސްއޯއެފުން އެމްސީ މޯލްޑިވްސް ކުންފުންޏަށް ޖަމާކުރީ 328،052 ޑޮލަރު ކަމަށާއި ހަމަ އެ ދުވަހު، އެ ފައިސާ، އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ އޮމްނިއާ ސްޓެރެޓެޖީ އަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ އޮމްނިއާ ސްޓްރެޓެޖީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ މޫނު މަތި ރީތި ކުރަން ލަފާ ދިން ކުންފުންޏެވެ. ފޮރިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި އެ ކުންފުނިން ބައިވެރިވެފައިވާ ކަން އޭސީސީގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

އޭސީސީގެ ތަހުގީގަށް ރާފިއު ދިން ބަޔާނުގައިވާ ގޮތުން އެމްސީ ކުންފުނިން އޮމްނިއާ އަށް ފައިސާ ޖަމާކުރީ، އެސްއޯއެފްގެ އެއް ހިއްސާދާރު މުހައްމަދު އަބްދުލް އައްލާމް ލަތީފް (މޮހޯ) އެދިގެންނެވެ. އެއީ ކޮން ބޭނުމަކު ކަން ސާފު ނުކުރާ ކަމަށާއި އެ ފައިސާ ޖަމާކުރީ އިނގިރޭސިވިލާތުގެ ލޯފާމަކަށްކަން އެނގުނީ ރޭޑިއޯ އިން ކަމަށް ރާފިއު ބުނެފައިވެ އެވެ.

އޭނާ މެދުވެރިކޮށް ފައިސާ ޖަމާކުރީ އޮމްނިއާ އަށް ކަން އެނގުމާ އެކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅި ކަމަށް ވެސް ރާފިއުގެ ތަހުގީގު ބަޔާނުގައި ބުނެފައިވެ އެވެ.