11 މާޗް 2021
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ލަސް ކަމަށާއި އެ ތަހުގީގުގައި މި ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބެލުމަކީ ހަމަހަމަ ކަމާއި އިންސާފުން ބޭރުވުން ކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިފާއުވެވަޑައިގެން "ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެ" ކަމަށް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ލަސް ކަމަށާއި އެ ތަހުގީގުގައި މި ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބެލުމަކީ ހަމަހަމަ ކަމާއި އިންސާފުން ބޭރުވުން ކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިފާއުވެވަޑައިގެން "ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެ" ކަމަށް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތެވެ. މީގެ ހަ އަހަރު ކުރިން 2015 ގައި ފަޅާއެރި، މުޅި ދައުލަތް ހިމެނޭ ގޮތަށް ހިންގާފައިވާ އެ ޚިޔާނާތް އެކަށީގެންވާ ގޮތެއްގައި ބަލާނެ ކަމުގެ ވައުދާ އެކު މި ވެރިކަމުގެ އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިނިވަން ކޮމިޝަނެއް އުފެއްދި އެވެ.
އެކަމަކު ކޮމިޝަނާއި ތަހުގީގު އިދާރާތަކުން މި މައްސަލައިގައި ކޮށްފައިވާ މަސައްކަތަށް ބަލައި އެކަށީގެންވާ ނަތީޖާއެއް މިހާތަނަށް ނެރެވިފައި ނުވާ ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވިދާޅުވެ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތް އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މި ސަރުކާރުގެ ހަމައެކަނި އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންތޯ އިދިކޮޅުން ސުވާލު އުފައްދަ އެވެ. ސަބަބަކީ ވެރިކަން ދެބައި ވި އިރު ވެސް އެމަނިކުފާނު އެކަނި މި ޚިޔާނާތުގައި ޖަލަށް ލާފައި ވުމެވެ. އެމަނިކުފާނަށް ޖަލު ހުކުމްތަކެއް އަތުވެދާނެ އިތުރު ދައުވާތަކެއް ވެސް އުފުލައި ޝަރީއަތް އެބަދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލްސާއެއްގައި.
ޚިޔާނާތް ރާވައި އަމަލީ ގޮތުން އެކަމުގައި އުޅުނު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު "މިނިވަންކަމުގަ" އެވެ. އެ ދެ މީހުން ގޭ ބަންދަށް ބަދަލުކުރި ހުއްޖަތަކަށް ދައްކަނީ ޑޮކްޓަރުގެ ލިއުމެއް އޮތުމެވެ. ޔާމީން ގޭގައި ހުންނަވަން ޖެހޭ ކަމަށް ޑޮކްޓަރުގެ އެފަދަ ލިއުމެއް ނެތުމަކީ އެ މަނިކުފާނު ޖަލުގައި ހުންނެވި ސަބަބު ކަމަށް ދޭހަވާ ވަރަށް ރައީސް އިއްޔެ އަދީބާއި ޒިޔަތުގެ ގޭބަންދަށް ބަދަލުކުރި ގޮތް ތަފްސީލްކޮށްދެއްވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި މި ސަރުކާރުން ހަމަހަމަ ކަމާއި އިންސާފުވެރިކަން ނުފެންނަނީ ކީއްވެތޯ އާއި ޚިޔާނާތް ބަލައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އުފެއްދި ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ތަކުރާރު ކުރެއްވީ އެ މަނިކުފާނުގެ ހުރިހާ ޕްރެސް ކޮންފަރެންސްތަކުގައި ވެސް ގާތްގަނޑަކަށް ދެއްވަމުން ގެންދެވި ޖަވާބެވެ.
މި ދައްކަނީކީއެއް ކުޑަކަމެއްގެ ވާހަކައެއް ނޫން. ވަރަށް ބުރަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަނީ. މިގޮތުން އެ މަސައްކަތް ކުރާއިރުގައި އަޅުގަނޑު ހިތުން މީގައި ނުފެތޭ މީހުން ކުށްވެރި ނުވާނެ މީހުން ވެސް އެބަ ސަލާމަތްވާން ޖެހޭ: ރައީސް
އެ މަނިކުފާނު ވިދާޅުވީ "އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެ ކޮމިޝަނުން އެ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި" ކަމަށެވެ. މި ޖަވާބާ ވިއްދައި ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައަކީ ވަރަށް ބޮޑެތި ހިޔާނާތްތަކެއް ހިނގާފައި އޮތް ކަމެއް ކަން ސަރުކާރަށް އެނގެ އެވެ.
ރައީސް ވިދާޅުވީ 37 ރަށާއި 12 ފަޅު ގާނޫނާ ޚިލާފަށް ދޫކޮށްފައިވާ ކަމަށެވެ. މި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ވަންނަން ޖެހޭ 76 މިލިއަން ޑޮލަރު އަމިއްލަ ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މި މައުލޫމާތު އޮތީ، އެސެޓް ރިކަވަރީ ކޮމިޝަންގެ ކުރިން، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުގައި ވެސް އާއްމުވެފަ އެވެ. ގާނޫނާ ޚިލާފަށް ދޫކޮށްފައިވާ ފަޅުތަކާއި އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނަގާފައިވާ ފައިސާގެ އަދަދުތައް ވެސް އޭސީސީގެ ރިޕޯޓުގައި ވެސް ވެ އެވެ.
"އެސެޓް ރިކަވަރީ ކޮމިޝަނުން މި ކުރީ ކަމަކީ ފުރަތަމަ އެކަން [ހިޔާނާތް] ހިނގާފައި އޮތް ގޮތް ބަލައި ހޯދީ. މިއީ ހިނގާފައި އޮތް ކަމެއްތޯ. ހަމަ ޔަގީނުން ވެސް މިހާރު އެބަ ކަށަވަރުވޭ މި ކަންތައްތައް މިހެން ހިނގާފައި ހުރި ކަން. ނާޖައިޒު ފައިދާތަކެއް ބަޔަކަށް ނަގާފައި އޮތް ކަން، ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައި އޮތް ކަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކަންކަން ހޯދުމަށް ފަހު މިހާރު ބަލަމުން އަންނަނީ ވަކި ވަކި ފަރުދުން ޒިންމާވަނީ ކިހާވަރަކަށްތޯ އާއި އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ އެވެ.
ރައީސް އެ އިޝާރާތް ކުރެއްވި ވާހަކަ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައިވެ އެވެ. ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރެއިން އިސްކަންދީގެން 30 މީހެއްގެ މައްސަލަ ބަލަމުން އަންނަ ކަމެވެ. އޭގެތެރެއިން ގިނަ ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭވަރު ވެއްޖެ ކަމަށް ބުނިތާ ވެސް ހަ މަހަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ.
"ބައެއް ކަންކަން ވަނީ ބަލައި ނިމި ޝަރީއަތާ ހަމައަށް ފޮނުވި ހުކުމް ވެސް އައިސްފައި. އެނގިވަޑައިގަންނަވާނެ އަދީބު ވެސް ޒިޔަތު ވެސް އަދި އެހެން ބޭފުޅުން، ރައީސް ޔާމީންގެ މައްޗަށް ވެސް އެއާގުޅިގެން ކަންނޭނގެ ހުކުމެއް އައިސްފައި، ދެން މި ފައިސާ އެކި ދިމަދިމާއަށް ދިޔަ ގޮތް މިހާރު އެ ހޯދަނީ،" ރައީސް ވިދާޅުވި އެވެ.
ފައިސާ ދައުރުވި ދިމާތައް، ރައީސް ވިދާޅުވި ގޮތުގައި، އޮތީ ވަރަށް ބޮޑަށް ހޯދިފަ އެވެ. އިތުރަށް ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު ޝަރީއަތާ ހަމައަށް ފޮނުވަން ޖެހޭ ކަންކަން ފޮނުވާނެ ކަމަށް ވިދާޅުވި އެވެ. އެ ތަހުގީގު ހިނގަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ފުލުހުންނާއި އޭސީސީ ގުޅިގެން ކަން ފާހަގަކުރެއްވި އެވެ.
"މި ދައްކަނީކީއެއް ކުޑަކަމެއްގެ ވާހަކައެއް ނޫން. ވަރަށް ބުރަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަނީ. މިގޮތުން އެ މަސައްކަތް ކުރާއިރުގައި އަޅުގަނޑު ހިތުން މީގައި ނުފެތޭ މީހުން ކުށްވެރި ނުވާނެ މީހުން ވެސް އެބަ ސަލާމަތްވާން ޖެހޭ،" ތަހުގީގު ކުރިއަށްދާ ގޮތާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ކަން ދޭހަވާ ގޮތަށް ރައީސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތީ ކަމާބެހޭ އިދާރާތަކުން އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެ ޕާޓީގެ މެމްބަރުންނާއި އޭގެ ކުރީގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެ އެވެ.
ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ފުލުހުން އާއްމުކުރި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުންނެވެ. މީގެ ތެރެއިން ބައެއް މީހުން ތަހުގީގަށް ހާޒިރުކުރި އެވެ.
ރައީސް ވިދާޅުވީ މަންފާ ލިބުނު ކަމަށް އެތައް ބަޔަކަށް ތުހުމަތު ކުރެވުނަސް މީހަކު ބުނާ ބުނުމަކަށް އެކަނި މައްސަލަތައް ކޯޓުތަކަށް ވެއްދުމަކީ އެންމެ ރަނގަޅު ގޮތް ކަމަަކަށެއް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ. ދިގު ރާސްތާއެއް ނަގަނީ އެ ސަބަބުތަކަށްޓަކައި ކަަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ކޮމިޝަންގެ މަސައްކަތްތައް އެބަކުރޭ،" ރައީސް ވިދާޅުވި އެވެ.
ކޮމިޝަނުން އެކުލަވާލައި ފޮނުވާފައި އޮތް ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ތަކުރާރު ވިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް ސާފުކޮށްދީފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަސައްކަތް އެބަ ދާ ކަމަށާއި ބޭންކިން ނިޒާމް ހަރުދަނާ ކުރުމާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި ދައުލަތުގެ ކުންފުނިތައް ޒިންމާދާރުކުރުވުން ފަދަ 14 ކަމެއް ބަދަލު ގެންނަން ޖެހޭ ކަމަށް ރިޕޯޓުގައި ވެ އެވެ.
މި ސަރުކާރަށް ނިސްބަތްވާ މީހުންނަށް ތުހުމަތެއް ކުރެވުނަސް އިންސާފުން ބަލާނެ ކަމުގެ ޔަގީންކަން ދެއްވަން ވިދާޅުވީ "މުއައްސަސާތައް އެ ހުރީ ހުޅުވާލެވިފައި" ކަމަށެވެ. މި ސަރުކާރުގެ އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކަށް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"ތި ބޭފުޅުން އައްސަވާ އެއިން ކޮމިޝަނެއްގައި. މުއައްސަސާއެއްގައި. މި ސަރުކާރުން އަޅުގަނޑުމެން އެއްވެސް ނުފޫޒެއް އެއްވެސް ކަމެއް ކުރަން އެބައޮތްތޯ އަންގާފައި. ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން
155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ
މަސް ނިމިއްޖެ، ބޮޑު ހިޔާނާތުގެ ރިޕޯޓެއް ނުނެރުނު!
"ހިޔާނާތުގެ ފައިސާ ހޯދޭނެ ކަމުގެ އުއްމީދެއް ލިބިއްޖެ"
ދޮޅު އަހަރު ނިމިއްޖެ، ޚިޔާނާތުގެ ތަހުގީގެއް ނުނިމުނު!
ހިޔާނާތުގެ ރިޕޯޓް އަވަސްކުރެވޭތޯ އެބަ އުޅެން: އޭސީސީ
ބޮޑު ހިޔާނާތް ފަޅާއަރުވާލެވުނީތީ ފަހުރުވެރިވޭ: ގާސިމް