07 ޑިސެމްބަރ 2021
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ފުރިހަމައެއް ނޫނެވެ؛ މި މައްސަލަ މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރުމާ އެކު އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ތަހުގީގީ އިދާރާއެއްގެ ގޮތުން، ފުލުހުންގެ އިތުރުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަން މި ވެރިކަން ފެށުމާ އެކު އުފެއްދި ރިޔާސީ ކޮމިޝަނަށެވެ. ޒިންމާއެއްގެ ގޮތުގައި އެ ކޮމިޝަނާ ހަވާލުކުރީ ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބެލުމެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ފުރިހަމައެއް ނޫނެވެ؛ މި މައްސަލަ މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރުމާ އެކު އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ތަހުގީގީ އިދާރާއެއްގެ ގޮތުން، ފުލުހުންގެ އިތުރުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަން މި ވެރިކަން ފެށުމާ އެކު އުފެއްދި ރިޔާސީ ކޮމިޝަނަށެވެ. ޒިންމާއެއްގެ ގޮތުގައި އެ ކޮމިޝަނާ ހަވާލުކުރީ ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބެލުމެވެ.
ތިން އަހަރު ވި އިރު ކޮމިޝަނުން އިސްކަން ދިނީ އެމްއެމްޕީއާރުސީގެ ހިޔާނާތަށެވެ. އެކަމަކު އެ މައްސަލަތައް ވެސް ކޮޅެއްގައި ނުޖެހި ހުރި އިރު ބާކީ ގިނަ މައްސަލަތަކުގެ ތަހުގީގު ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެވުނެވެ.
ދައުލަތަށް ގެއްލުނު މުދަލާއި ފައިސާ ހޯދަން މިހާތަނަށް ކުރި މަސައްކަތުން މާބޮޑު ނަތީޖާއެއް ވެސް ފެންނާކަށެއް ނެތެވެ. ކޮމިޝަނުން ނިންމި މައްސަލައެއްގައި މަދަނީ ދައުވާ ކުރަން މިހާތަނަށް ފޮނުވައިފައެއް ނުވެ އެވެ. ކޮމިޝަންގެ ގާނޫނުގައި އޮންނަނީ މައްސަލަތައް ނިންމައި ހުށަހެޅުމުން ދައުވާކުރަން ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އެޓާނީ ޖެނެރަލް އެވެ.
އެކަމަކު ފުލުހުންނާއި އޭސީސީއާ އެކު ހިންގާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ޖޮއިންޓް އިންވެސްޓިގޭޝަންގައި ބައެއް މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވެ އެވެ.
އުފެއްދި މަގްސަދު ހާސިލްވާނެ ކަމުގެ އުއްމީދެއް، އިތުބާރެއް ނެތި އެސެޓް ރިކަވަރީ ކޮމިޝަނަށް އަމާޒުވެފައި އޮތީ ހުސް ފާޑުކިއުމެވެ. ދައުލަތުން ކުރާ ބޭކާރު، އިސްރާފެއްގެ ގޮތުގަ އެވެ. އެހެންކަމުން މި ކޮމިޝަން ދެމިއޮތުމުގެ ބޭނުމެއް މިހާރު އެބައޮތް ހެއްޔެވެ؟
ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018، ގަ އެވެ.
އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަންކުރައްވައި ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ [އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމާ] ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. އޭރުު މި މައްސަލަތައް ބަލަން ޖެހޭ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުފޫޒު ވަދެ އިތުބާރު އޮތީ ގެއްލިފަ އެވެ.
އެހެންވެ ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރަން ފޮނުވުމުގެ ބާރު ވެސް ގާނޫނަކުން އެސެޓް ރިކަވަރީ ކޮމިޝަނަށް ދިނެވެ.
އެމްއެމްޕީއާރުސީ އާއި ކުންފުނިތައް މެދުވެރިކޮށް ހިންގި ހިޔާނާތް ބަލަން ގޮންޖެހުންތަކެއް ހުއްޓެވެ. އެ ޖަރީމާ ހިންގި މީހުންނާއި މަންފާވި މީހުންނަށް ހަމައަށް ވާސިލްނުވެވޭ މިންވަރަށް އެކި ފަށަލަތަކުގައި ކަންކަން ފޮރުވަން ވެސް މަސައްކަތް ކޮށްފައި ހުއްޓެވެ.
ހިޔާނާތުގައި ގިނަ މުއާމަލާތް ހިންގާފައި ވަނީ ނަގުދު ފައިސާއިންނެވެ. ތަހުގީގަށް ފާހަވީ، އެމްއެމްޕީއާރުސީގެ ސްކީމުގައި ހޯދި އެ ފައިސާ މުދަލަށް ބަދަލުކޮށްފައިވާ ކަމެވެ. ބައެއް މީހުން ބިން ގަނެފައިވާ އިރު ވިޔަފާރި ފަށައި ނުވަތަ ވެހިކަލް ވެސް ގަނެފައި އެބަހުއްޓެވެ. މި މައްސަލަތަކުގައި، ކޯޓަށް ސާބިތުކުރެވޭ ވަރަށް ހެކި ހޯދުމުގައި އުނދަގުލެވެ.
މިހާތަނަށް ފެންނަން އޮތް ގޮތުގައި ޖޮއިންޓް ތަހުގީގުގެ ތެރެއިން ކޮމިޝަނުން ނިންމައި ދައުވާކޮށްފައި ވަނީ އާރަށާއި ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދެ ދައުވާއާ އެކު ކުރީގެ މެމްބަރު އަހްމަދު ނިހާން އާއި އޭސީސީގެ އިންވެސްޓިގޭޓަރަކަށް އުޅުނު އަބްދުﷲ އާޒިމްގެ މައްޗަށް އުފުލި ދައުވާ އެވެ.
ހިޔާނާތުން މަންފާވި މީހުންގެ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރި ނަމަވެސް ގިނަ ބައެއްގެ މައްސަލަތައް ނުނިމެނެ އެވެ.
ހިޔާނާތުން މަންފާވި 281 މީހުންގެ ލިސްޓެއް މަޖިލީހުން މިދިޔަ މެއި މަހު އާއްމުކުރިއިރު، އޭގައި 63 ޕަސެންޓް މީހުންގެ ތަހުގީގެއް ނުފަށަ އެވެ. ގިނަ މީހުންގެ މައުލޫމާތު ދިޔައީ އޭރު އެއްކުރަމުންނެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ޖުލައި، 23 2020 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދޫކުރި ރަށްތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓެއް ވަނީ ރައީސަށް އަރުވައިފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އެހާތަނަށް ހޯދުނު މައުލޫމާތުތައް ހިއްސާކޮށްދެއްވަމުން ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވެފައި ވަނީ 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކުރުމުން ދައުލަތަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އޭރު އޭނާ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީއާ ގުޅޭ މައްސަލަތަކުގެ ތެރެއިން 30 މައްސަލައެއް ކުރިއަށް އެބަދާ ކަމަށެވެ. ތަރުތީބެއް އެކުލަވާލައި ދައުވާކުރަން ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މީގެތެރެއިން ބައެއް ރަށްތައް ދޫކޮށްފައި ހުރީ އެއްބަސްވުމެއް ނެތި އެވެ. ދެ މީހަކަށް އެއް ރަށް ވިއްކާފައި އޮތް އިރު ރަށް ދޫކުރީ ކާކަށް ކަން ނޭނގޭ މައްސަލަތައް ވެސް ފެންމަތިވި އެވެ.
މި ރަށްތައް ދޫކޮށްގެން ދައުލަތަށް ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުގައި ފެންނަން އޮތީ 91 މިލިއަން ޑޮލަރެވެ. އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓާ ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، އެ ރަށްތަކުގެ އިކުއިޒަޝަން ކޮސްޓާ އެކު ބެލުމުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުމެއް ވި ކަން ފެންނަން އެބައޮތް ކަމަށެވެ.
ދޫކުރި ރަށްތަކުގެ ތެރެއިން އޭރު އޮޕަރޭޓް ކުރަމުން އައީ 12 ރަށެވެ. ބާކީ ހުރި ރަށްތަކުގެ މަސައްކަތް ކުރިއަށް ދިޔައިރު އަތްނުލައި ހުރި ރަށްތަކެއް ވެސް ހުއްޓެވެ.
"އެސެޓް ރިކަވަރީ ކޮމިޓީގެ ރިޕޯޓް ފައިނަލްވުމާ އެކީގައި، އަޅުގަނޑުމެން އެ ރަށްތަކުން ހަމަ އަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން. އަދި އެއާއެކުގައި މިހާރުން މިހާރަށް ވެސް އެގްރީމަންޓް ބާޠިލުކުރެވެން އޮތް ރަށެއް އޮތް ކަމަށްވަންޏާ، އެކަންވެސް އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވެފައިވެ އެވެ.
ރަށްތަކުން ހަމަ އަގު ހޯދުން ނުވަތަ އަނބުރާ ދައުލަތަށް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަކަށް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެމްއެމްޕީއާރުސީގެ އަސްލު މައްސަލައަކީ މިއީ ކަމަށްވާ އިރު، މި ރަށްތައް ދޫކޮށްގެން ހިންގި ހިޔާނާތުން މަންފާވި މީހުންގެ ފަހަތުން ގޮސް މައްސަލައިގެ އަމާޒު ގެއްލުމުގެ ކަންބޮޑުވުން ވެސް ދަނީ ފާޅުކުރަމުންނެވެ.
ޓޫރިޒަމަށް ދޫކުރި ރަށްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދޭނެ ގޮތެއް ހޯދުމާ އެކު އެމްއެމްޕީއާރުސީގެ ހިޔާނާތް ފަދަ ކަމެއް މެދުވެރިވިޔަ ނުދޭން 12 ކަމެއް އިސްލާހުކުރަން ވެސް އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި ލަފާތަކެއް ދީފައިވެ އެވެ. އޭގެތެރޭގައި ހިޔާނާތް ބަލަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގާނޫނުތައް ހެދުމާއި މުދާ ދައުލަތަށް ނެގޭނެ މަގު ތަނަަވަސްކުރެވޭނެ ގޮތް ހެދުމުގެ އިތުރުން ބޭންކިން ނިޒާމާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކޮމިޝަނަށް ފެންނަ ކަންކަން ވެސް ހިއްސާކޮށްފައިވެ އެވެ.
ހިޔާނާތް ބަލަން ހަވާލުކުރި ކޮމިޝަނަށް ނަތީޖާ ނުނެރެވޭ ކަމަށް ދޭތެރެއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގެންދަވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ފާޑުވިދާޅުވަމުންނެވެ. ހިޔާނާތް ބެލުމުގައި ކޮމިޝަން ފެއިލްވެއްޖެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ.
ހިޔާނާތުގެ މައްސަލަތައް ލަސްވާ އެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުުގެ ކޮމިޓީތަކުގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުން ކޮމިޝަނުން ބުނެފައި ވަނީ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ހެކި ހޯދަން އުނދަގޫވުން ކަމަށެވެ.
އެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަމެއް ނެތުމުން ހިޔާނާތުގެ މައްސަލަތައް ބަލަން ކޮމިޝަނަށް އެކަށީގެންވާ އެއްބާރުލުމެއް ފުރަތަމަ ހަ މަސް ތެރޭގައި ނުލިބުނެވެ. ފައިސާ ދައުރުވި ގޮތް ބަލަން ކުރި މަސައްކަތުގައި ބޭންކިން ނިޒާމުގެ ތެރެއިން ވެސް ހުރަސްތައް ކުރިމަތިވި ކަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކި ދުވަސް މަތިން ބުނެފައިވެ އެވެ.
ހިޔާނާތުގެ މައްސަލައަކީ ބޮޑު، ފުނަށް ފީނަން ޖެހޭ މައްސަލައެއްގެ ގޮތުގައި އޮތް އިރު ކޮމިޝަނަށް އިންވެސްޓިގޭޓަރުންގެ ދަތިކަން ވެސް ކުރިމަތިވި އެވެ. އޭސީސީގެ ހަތް އޮފިސަރުންނާއި ކޮމިޝަނުގެ ތިން އޮފިސަރުންނާ އެކު ތަހުގީގު ޓީމުގައި ހިމެނުނީ 10 ވަރަކަށް މީހުންނެވެ.
މައްސަލަތައް ބެލުމުގައި، ކޮވިޑުގެ ގޮންޖެހުންތައް ކުރިމަތިވެ މީހުން ހާޒިރުކުރަން ދަތިވެ ތަހުގީގު ލަސްވި ކަމަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ލަސްވި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކޮވިޑަށް ފަހު ކުރި މަސައްކަތުގައި، ހިޔާނާތާ ގުޅުން ހުރި 13 ކުންފުންޏެއްގެ މައްސަލަ ބަލާފައިވެ އެވެ. އޭގެތެރެއިން ހަތް ކުންފުންޏެއްގެ މައްޗަށް ދައުވާކުރަން އޮތީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ.
މަޖިލީހުގެ ކޮމިޓީއެއްގައި ތަހުގީގާ ގުޅޭ ގޮތުން ޖުމްލަކޮށް ވާހަކަ ދައްކަވަމުން އަސްއަދު ވިދާޅުވެފައި ވަނީ މުޅި ތަހުގީގުގެ ބޭނުމަކީ ބަޔަކު ކުށްވެރިކޮށް ފިޔަވަޅު އެޅުން ނޫން ކަމަށާއި މުޅި ދައުލަތް ފޫއަޅުވާލައި އެފަދަ އިތުރު ކަމެއް ހިނގިޔަ ނުދިނުމުގެ މަސައްކަތް ވެސް ކުރުން ކަމަށެވެ. ފައިސާއާ ގުޅިފައިވާ މިފަދަ ތަހުގީގަކީ ފަސޭހަކަމެއް ނޫން ކަމަށާއި މިކަމުގައި އެއްބާރުލުން ނުލިބުމަކީ ވެސް މައްސަލަ ލަސްވުމުގައި ދިމާވި ކަމެއް ކަމަށް އަސްއަދު ވިދާޅުވި އެވެ.
މި ކޮމިޝަން އުފެއްދީ އޭސީސީއަށް އިތުބާރު ގެއްލިފައި އޮތުމުންނެވެ. މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަނަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު މިތަން އުވާލައި މައްސަލަތައް އޭސީސީއާ ހަވާލުކުރުމުގެ ވިސްނުން ސަރުކާރުން ކުރިން ގެންގުޅުނެވެ.
އެކަމަކު އެކަން ލަސްވެ މި އަހަރުގެ އެޕްރީލްއާ ހަމައަށް ކޮމިޝަންގެ މަސައްކަތް ދިގު ދެންމީ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމާ ހަވާލުވާން އޮތް އޭސީސީގެ މަސައްކަތްތަކާ ދޭތެރޭގައި ވެސް މިހާރު އޮތީ ސުވާލު އުފެދިފަ އެވެ. އެ ކޮމިޝަނުގައި ފުނިޖެހިފައި ހުރި މައްސަލަތައް ބެލުން ލަސްވުމާއި ދައުވާކުރަން ފޮނުވާ މައްސަލަތަކުގެ އަދަދު މަދުވުމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ތަކުރާރުކޮށް އޭސީސީ ހާޒިރުކޮށްފައިވެ އެވެ.
އެ ކޮމިޓީން ފަހުން ނިންމާފައި އޮތީ މެމްބަރުންގެ އޮޑިޓެއް ކުރުމަށް ފަހު އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ މެމްބަރުން ވަކިކުރާށެވެ. އެހެންކަމުން، ރިޔާސީ ކޮމިޝަން އުވާލިޔަސް އޭސީސީއަށް ހިޔާނާތުގެ މައްސަލަތައް ބަލަން ގޮންޖެހުންތަކެއް އެބަހުއްޓެވެ.
އޭސީސީގައި މިހާރު ހުރި މައްސަލަތައް ވެސް ބެލުން ލަސްވެފައި ވަނީ އެކަށީގެންވާ ވަސީލަތްތައް ނެތިގެން ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެތަނަށް އިންވެސްޓިގޭޓަރުން އިތުރުކުރަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ ފައިސާ ހަމަޖައްސައިދީފައި ވިޔަސް މައްސަލަތައް ނިމޭނެ ދުވަހެއް އަންދާޒާކުރަން ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
ހިޔާނާތް ބެލުމުގައި އަދި ފެންނަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް ނަތީޖާ ނުނެރެވި އޮތް ތަނެވެ. މި ސަރުކާރުގައި އެ ކޮމިޝަން އުފެއްދީ މުހިއްމު ވައުދެއް ފުއްދަން ވިޔަސް އެ އުއްމީދަށް އަދި ވާސިލެއް ނުވެވެ އެވެ. ނަތީޖާ ނުނެރެވި "ބޭކާރު، ބޮޑު އިސްރާފެއް"ގެ ގޮތުގައި ދެކުން ހުއްޓުވައި މައްސަލަތައް ބެލޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!
މުދަލާއި ފައިސާ ހޯދުމުގެ ދައުވާއެއް އަދި ނުލިބޭ: އޭޖީ
ރައީސަށް އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން!
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން
މައުސޫމަކީ ނަޒާހަތްތެރިއެއް، އިތުބާރު އެބައޮތް: ނަޝީދު
155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ