Roadha Mihaaru
ސްކޫލްތަކުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފަށަނީ

ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފަށަނީ

05 ފެބުރުއަރީ 2019

ސްކޫލުތަކުގައި ދިވެހި އަދަބިއްޔާތު، ވަކި މާއްދާއެއްގެ ގޮތުގައި ތައާރަފުކޮށް އަންނަ އަހަރު ކިޔަވައިދޭން ފަށަން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތަކުގައި ދިވެހި އަދަބިއްޔާތު، ވަކި މާއްދާއެއްގެ ގޮތުގައި ތައާރަފުކޮށް އަންނަ އަހަރު ކިޔަވައިދޭން ފަށަން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ނިންމައިފި އެވެ.

އެ އިންސްޓިޓިއުޓުގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު އަޒްރާ ތައުފީގު މިއަދު ވިދާޅުވީ ކީ ސްޓޭޖް ހަތަރެއް އަދި ކީސްޓޭޖް ފަހަކަށް އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި، އަންނަ އަހަރު ދިވެހި އަދަބިއްޔާތު ތައާރަފުކުރާނެ ކަމަށެވެ. އެހެންކަމުން މަޖުބޫރު ހަތަރު މާއްދާގެ އިތުރުން ދިވެހި އަދަބިއްޔާތު ކިޔެވުމުގެ ފުރުސަތު އަންނަ އަހަރުން ފެށިގެން އެ ގްރޭޑުތަކަށް އޮންނާނެ އެވެ.

ކީސްޓޭޖް ހަތަރެއްގައި ހިމެނެނީ ގްރޭޑު 9-10 އެވެ. އެ ސްޓޭޖުގައި ތައާރަފުކުރާނީ ދިވެހި އަދަބިއްޔާތު-1 އެވެ. ގްރޭޑު 11 އަދި 12 ގައި ހިމެނޭ ކީ ސްޓޭޖު ފަހެއްގައި ކިޔަވައިދޭނީ އަދަބިއްޔާތު-2 އެވެ.

އަޒްރާ ވިދާޅުވީ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ މަސައްކަތުން ވަރަށް ފުރިހަމަ ފޮތްތަކެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

"ދިވެހި އަދަބިއްޔާތު ތައާރަފުކުރުމުން ބަހަށް އޮންނަ ޝައުގުވެރިކަން އިތުރުވާނެ ކަމަށް ބެލެވޭ. ވަރަށް ހިތްހަމަޖެހޭ ވަރަށް ޓީޗަރުންނާއި ދަރިވަރުންގެ ފޮތްތައް ތައްޔާރުކުރެވިފައި މިވަނީ،" އަޒްރާ ވިދާޅުވި އެވެ.

ކުރިން ހަމަޖައްސާފައިވަނީ މިއަހަރު ދިވެހި އަދަބިއްޔާތު ކިޔަވައިދޭށެވެ. ނަމަވެސް އެކަމުގެ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވިފައިނުވާތީ އެކަން އަންނަ އަހަރަށް ފަސްކުރީ އެވެ.

އަޒްރާ ވިދާޅުވީ އަދަބިއްޔާތު ކިޔަވައިދޭން ފެށިޔަސް އިމްތިހާނު ބާއްވާނެ ގޮތެއް އަދި ނުނިންމާ ކަމަށެވެ.

ރާއްޖޭގެ ތައުލީމީ މުގައްރަރުގައި މިހާރު ކިޔަވައިދޭ ދިވެހި ބަސް މާއްދާގައި ވެސް އަދަބިއްޔާތު ކޮންމެވެސް ވަރަކަށް ހިމެނެ އެވެ. އެގޮތުން އަދަބިއްޔާތުތަކުގެ ބައިތަކާއި ބައެއް އުފެއްދުންތަކާއި އަދީބުންގެ ފިލާވަޅުތައް އެ މާއްދާގައި ކިޔަވައިދެ އެވެ. އެކަމަކު ދިވެހި އަދަބިއްޔާތު އެއަށް ވުރެ ފުޅާ ދާއިރާއެއްގައި، ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ވަރަށް ގިނަ ބަޔަކު އައީ އެދެމުންނެވެ.

ދިވެހި އަދަބިއްޔާތު ބެހިގެންވަނީ ލިޔުންތެރިކަމާއި ވަޒަން ބަހުރުވައިގެ މައްޗަށެވެ. އޭގެ ތެރޭގައި ކުރު ވާހަކަ، ދިގު ވާހަކަ، ޅެން، ރައިވަރު، ބަނދި، ފަރިހި، ލަވަ ފާހަގަކޮށްލެވެ އެވެ.