Roadha Mihaaru
އިތުރު ގައުމުތަކުގައި ދިވެހި/އިސްލާމް ކިޔަވައިދެނީ

އިތުރު ގައުމުތަކުގައި ދިވެހި/އިސްލާމް ކިޔަވައިދޭން މި އަހަރު ފަށަނީ

05 ފެބުރުއަރީ 2024

ރާއްޖެއިން ބޭރުގައި ދިވެހި ދަރިވަރުން ތިބި އިތުރު ގައުމުތަކުގައި ދިވެއްސާއި އިސްލާމް މާއްދާ ކިޔަވައިދޭން މި އަހަރު ފަށާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއިން ބޭރުގައި ދިވެހި ދަރިވަރުން ތިބި އިތުރު ގައުމުތަކުގައި ދިވެއްސާއި އިސްލާމް މާއްދާ ކިޔަވައިދޭން މި އަހަރު ފަށާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެއްސާއި އިސްލާމް މާއްދާ މިހާރު ކިޔަވައިދެމުން އަންނަނީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާގަ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ތައުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް މި ދައުރުގައި ގެންނަވާނެ ކަމަށެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވި އެއް ކަމަކީ ދިވެއްސާއި އިސްލާމް މާއްދާ ކިޔަވައިދޭ ގައުމުތައް އިތުރުކުރުމެވެ.

"ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުން މި އަހަރު އިރާދަކުރެއްވިއްޔާ ފުޅާކުރާނަން،" ރައީސް ވިދާޅުވި އެވެ.

އޭގެ ސަބަބުން ދިވެހި ވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ހުލްގު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ކިޔަވާ ދަރިވަރުންގެ އާއިލާތަކާއެކު ރައީސް މުއިއްޒުގެ ދެކަނބަލުން ފޮޓޯއެއް ނަންގަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ކިޔަވާ ދަރިވަރުންގެ އާއިލާތަކާއެކު ރައީސް މުއިއްޒުގެ ދެކަނބަލުން ފޮޓޯއެއް ނަންގަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ފޮތްކިޔުމަށް އޮތް ލޯބި އިތުރުކުރުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމް ކުރަން ނިންމާފައިވާ ކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.

ބޭރު ގައުމުގައި ދިިރިއުޅޭ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ކިޔަވައިދޭން ފަށަން ނިންމާފައި ވާއިރު، އަންނަ މޭ މަހު ފަށާ ދިރާސީ އަހަރާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާނެކަން ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

އެގޮތުން މިހާރު ވަނީ 11 ސްކޫލެއްގައި ގައުމިއްޔަތު މާއްދާ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ވަނީ ފަށާފައިވެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް، ދިވެހި އަދި ގުރުއާން އުނގެނުމާއި ދިވެހި އާދަކާދައާއި ސަގާފަތް ކިޔަވައިދޭން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރެވެ.

ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އޭރުން ފެށިގެން ދިވެހި ދަރިވަރުން އަންނަނީ އެ މާއްދާތަކުން އޯލެވެލް އިމްތިހާނު ހަދަމުންނެވެ.

އިންޑިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ކިޔަވައިދެމުން އަންނައިރު، މެލޭޝިއާގައި އެ މާއްދާތައް ކިޔަވައިދޭން ފެށީ މިދިޔަ ސަރުކާރުގަ އެވެ.