Roadha Mihaaru
ވަޒީފާގެ ބިރު ދެއްކުމަށް ނިމުމެއް ނާދޭ: ލޭބަ ޕާޓީ

ވަޒީފާގެ ބިރު ދެއްކުމަށް ނިމުމެއް ނާދޭ: ލޭބަ ޕާޓީ

05 ފެބުރުއަރީ 2019

ސިޔާސީ ބޭނުމަށް ވަޒީފާގެ ބިރު ދައްކައި، ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަމަށް އަދިވެސް ނިމުމެއް ނާންނަ ކަމަށް މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ބޭނުމަށް ވަޒީފާގެ ބިރު ދައްކައި، ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަމަށް އަދިވެސް ނިމުމެއް ނާންނަ ކަމަށް މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން މިއަދު ބުނެފި އެވެ.

މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ލޭބަ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ހިލާފަށް މަސައްކަތްތެރިން ވަޒީފާ އިން ވަކިކުރުމާއި ވަޒީފާގެ ބިރު ދެއްކުން ކުރިމަތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި ގާނޫނާ ހިލާފު އަމަލުތަކަށް ފުރުސަތު ނުދިނުމަށް ހުރިހާ މަސައްކަތްތެރިން އެކަތިގަނޑަކަށް ވުމަށް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

އެކަމަކު ވަޒީފާގެ ބިރު ދައްކަނީ ކޮން އިދާރާއަކުން ކަމެއް އެ ޕާޓީން ބުނެފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ހިންގާ އިއްތިހާދުން ކުރިންސުރެ ބުނަމުން އަންނަނީ ސިޔާސީ ފިކުރު ތަފާތުވެގެން އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން ވަކިކޮށްފައި ވަނީ ހަމައެކަނި ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނެވެ.

ލޭބާ ޕާޓީން ބުނީ އެއްވެސް މީހަކާ ދޭތެރޭގައި ގާނޫނާ ހިލާފަށް ނުހައްގުން ފިޔަވަޅު އަޅައި، ވަޒީފާ އިން ވަކިކޮށްފައިވާ ނަމަ، އެ މީހަކަށް ހައްގު ހޯދައި ދިނުމަށް މަގު އެ ޕާޓީން ދައްކައިދޭނެ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ލޭބާ ޕާޓީން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންވައިގެން އުފެއްދި ލޭބާ ޕާޓީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީ ކުރީ ދާދި ފަހުންނެވެ.

ލޭބާ ޕާޓީން ކުރިން ބުނި ގޮތުގައި މަސައްކަތްތެރިންގެ ހައްގު ހޯދުމަށް ވާން ޖެހޭ ކޮންމެ ގުރުބާނީއެއް އެ ޕާޓީން ވާނެ އެވެ.