06 ފެބުރުއަރީ 2019
ތިމާވެށި މެނޭޖުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މާހިރެއްގެ ގޮތުގައި އައިޝާ ނިޔާޒު އޭނާގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވީހާ ވެސް ކުޑަކުރަން މަގުފަހިކޮށްދެއްވުމެވެ. މަޝްރޫއުތަކުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓުތައް ހެދުމުގެ މަސައްކަތް އޭނާ ހުއްޓާލެއްވީ، އައިޝާ ވިދާޅުވާ ގޮތުގައި، އެ ވާޖިބު އަދާނުކުރެއްވިގެންނެވެ. އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ކުރިމަތިވެދާނެ މަޝްރޫއުތައް ނުހިންގަން ނުވަތަ ބަދަލުކުރަން ބާރުއެޅުމަކީ އީއައިއޭ ކޮންސަލްޓެންޓުގެ ޒިންމާއެއް ކަމަށް އެހެން މީހުން ބަލައިނުގަންނާތީ އައިޝާ އީއައިއޭ ހެދުން ހުއްޓާލެއްވީ އެވެ.
ތިމާވެށި މެނޭޖުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މާހިރެއްގެ ގޮތުގައި އައިޝާ ނިޔާޒު އޭނާގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވީހާ ވެސް ކުޑަކުރަން މަގުފަހިކޮށްދެއްވުމެވެ. މަޝްރޫއުތަކުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓުތައް ހެދުމުގެ މަސައްކަތް އޭނާ ހުއްޓާލެއްވީ، އައިޝާ ވިދާޅުވާ ގޮތުގައި، އެ ވާޖިބު އަދާނުކުރެއްވިގެންނެވެ. އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ކުރިމަތިވެދާނެ މަޝްރޫއުތައް ނުހިންގަން ނުވަތަ ބަދަލުކުރަން ބާރުއެޅުމަކީ އީއައިއޭ ކޮންސަލްޓެންޓުގެ ޒިންމާއެއް ކަމަށް އެހެން މީހުން ބަލައިނުގަންނާތީ އައިޝާ އީއައިއޭ ހެދުން ހުއްޓާލެއްވީ އެވެ.
"ތިމާވެއްޓަށް ގެއްލުންދެވެނީ ކަމުގެ އިހުސާސްކުރެވޭތީ އެކަމާ ދުރަށް ދިޔައީ،" މިހާރު، ދެމެހެއްޓެނެވި ތަރައްގީގެ މަޝްރޫއުތަކަށް ފަންނީ ލަފާދިނުމުގެ މަސައްކަތްކުރައްވާ އައިޝާ ވިދާޅުވި އެވެ.
"ކްލަޔަންޓް ބޭނުންވާ ގޮތަކީ އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭ ކަމަކަށް ވެއްޖެއްޔާ އީއައިއޭ ކޮންސަލްޓެންޓު ޕްރިކޯޝަނަރީ ޕްރިންސިޕަލް އެޕްލައިކުރަން ޖެހޭނެ. އޭގެ މާނައަކީ ބަދަލުތަކެއް ގެންނަން ނުވަތަ މަޝްރޫއު ނުހިންގަން ލަފާދޭން ޖެހޭނެއޭ. އެކަމަކު މިހާރު ކަން ހިނގަނީ އެ ގޮތަކަށް ނޫން. އީއައިއޭ ހަދައިދެވެނީ ޕްރޮޖެކްޓަށް ހުއްދަ ލިބޭ ގޮތަށް."
ބައެއް މާހިރުންނާއި އެކްޓިވިސްޓުން ސިފަކުރާ ގޮތުގައި އީއައިއޭތަކަކީ ތިމާވެށި ހަލާކުކޮށްލައިގެން ތަންތަން ހަދަން ހުއްދަ ހޯދައިދޭ އެއްޗަކަށް ވަނީ ވެފަ އެވެ. މި ފަހުން އެއްފަހަރާ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަން ފެށުމާ ގުޅިގެން މި ޝަކުވާ ވަކިން ބޮޑުވެ، އީއައިއޭ ކޮންސަލްޓެންޓުންނަށް ސީރިއަސް ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އޮތީ ހޫނު ފެނުގަ އެވެ.
މި ހުރިހާ ފަރާތެއްގެ ވާހަކަތައް އަޑުއަހާލާ އިރު ދެ ކަމެއް ސާފެވެ؛ އީއައިއޭ ހެދުމުގައި މައްސަލަތައް އެބަ ހުއްޓެވެ. އަދި އެކަން ކުރަން މިހާރު އޮތް ނިޒާމުގައި ބޮޑެތި ބާގަނޑުތަކެއް ވެސް އެބަ ހުއްޓެވެ.
އީއައިއޭ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދެއް އޮވެ އެވެ. ރިޕޯޓެއް ހެދުމުގެ މަސައްކަތް ފެށެނީ މަޝްރޫއު ހިންގާ ފަރާތުން ޕްރޮޖެކްޓްގެ ތަފްސީލްތައް އީޕީއޭ އަށް ހުށަހެޅުމުން އެކަމާ ބެހޭ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުމަކުންނެވެ. އެ މަޝްރޫއުއަކާ ގުޅޭ، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ލޯކަލް ކައުންސިލްތަކަށް ދައުވަތު ދީގެން ބާއްވާ އެ ބައްދަލުވުމުގައި، އީއައިއޭގައި ބަލަން ޖެހޭނެ ކަންކަން ކަނޑައަޅަ އެވެ. އަދި އީޕީއޭ އިން ނެރޭ "ޓާމްސް އޮފް ރިފަރެންސް" (ޓީއޯއާރު) އަށް ބިނާކޮށްގެން އީއައިއޭ ހަދަނީ އެ އޭޖެންސީގައި ރަޖިސްޓްރީކޮށްދީފައިވާ ކޮންސަލްޓެންޓުންނެވެ. އީއައިއޭ ހެދުމުގެ ހުއްދަ ލިބިފައިވާ ކޮންސަލްޓެންޓުންނަކީ ކޮބައިކަން (ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ނަންތައް ވެސް ވަކިވަކިން) އީޕީއޭގެ ވެބްސައިޓުން ބަލައިލެވެ އެވެ.
ކޮންމެ އީއައިއޭ ރިޕޯޓެއް ވެސް އީޕީއޭގެ ވެބްސައިޓުގައި ޝާއިއުކޮށް އާއްމުންގެ ޚިޔާލަށް ފުރުސަތު ހުޅުވާލަ އެވެ. އީއައިއޭ ރިޕޯޓު ރިވިއުކުރަނީ މިނިވަން މާހިރުންނެވެ. އެއީ އީޕީއޭ އިން ކަނޑައަޅާފައި ތިބޭ ބަޔެކެވެ. ކޮންމެ ރިޕޯޓެއް ވެސް ރިވިއު އަށް ހުޅުވާލުމުން، ރިވިއުކުރަން ކުރިމަތިލާ މީހުންގެ ތެރެއިން ދެ މީހަކާ މަސައްކަތް ހަވާލުކުރެ އެވެ. އެ މީހުންގެ ކޮމެންޓްތައް އީޕީއޭގެ ފަންނީ މީހުން އިތުރަށް ބެލުމަށް ފަހު ރިޕޯޓާ މެދު ގޮތެއް ނިންމަނީ އެ އޭޖެންސީންނެވެ.
"އެ ޑިސިޝަނަކީ އެ ރިޕޯޓް އެޕްރޫވްކުރުން ނުވަތަ ރިޕޯޓުގެ ފެންވަރު ދަށިއްޔާ ރިޖެކްޓްކުރުން، ނުވަތަ އިތުރު މައުލޫމާތެއް ބޭނުންވަންޏާ އިތުރު މައުލޫމާތަށް އެދުން،" އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަމްދާން ޒުހައިރު ވިދާޅުވި އެވެ.
އިތުރު މައުލޫމާތު ހުށަހެޅުމުން އެ ވެސް އީއައިއޭގެ ވެބްސައިޓުގައި ޝާއިއުކުރެ އެވެ.
އީއައިއޭ ރިޕޯޓު ގަބޫލުކުރިކަން ނުވަތަ ނުކުރާކަން އެންގުމުގެ ގޮތުން އީޕީއޭ އިން ލިޔުމެއް (ޑިސިޝަން ސްޓޭޓްމެންޓް) ނެރެ އެވެ. ރިޕޯޓު ބަލައިގެންފި ނަމަ މަޝްރޫއު ހިންގަން ހުއްދަ ލިބުނީ އެވެ. ބަލައިނުގެންފި ނަމަ އެކަން އެންވަޔަރްމެންޓް މިނިސްޓަރަށް އިސްތިއުނާފުކުރުމުގެ ފުރުސަތު، މަޝްރޫއު ހިންގާ ފަރާތަށް އޮވެ އެވެ. އެ ހިސާބުން، އީޕީއޭ އިން ކަނޑައަޅާފައި ތިބޭ ރިވިއުއާސްގެ ތެރެއިން މިނިސްޓަރު ބޭނުން ދެ މީހަކު ލައްވައި އަލުން ރިވިއުކުރުވުމަށް ފަހު މިނިސްޓަރަށް ގޮތެއް ނިންމިދާނެ އެވެ. ހދ. ކުޅުދުއްފުށީ ކުޅިން ބައެއް ހިއްކައިގެން އެއާޕޯޓު އެޅީ އެ ގޮތަށެވެ. އީޕީއޭ އިން ރިޖެކްޓްކުރި އީއައިއޭ ރިޕޯޓު ބަލައިގަންނަވައި މަޝްރޫއު އަށް ހުއްދަ ދެއްވީ އޭރުގެ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.
އީޕީއޭ އިން ބުނާގޮތުގައި އީއައިއޭތަކުގައި "ވަރަށް ބޮޑަށް" މައްސަލަތައް ހުރެ އެވެ. އެގޮތުން ގިނަ އީއައިއޭތަކުގައި މައުލޫމާތު މަދުކަން އެ ތަނުން ފާހަގަކުރެ އެވެ.
"ތަފާސްހިސާބަށް ބަލާ އިރު، މައްސަލައެއް ނުޖެހި އެޕްރޫވްވާ އީއައިއޭތައް މަދު. ރިޕޯޓުތަކުގެ ފެންވަރު ދަށްވެގެން ނުވަތަ މައުލޫމާތު މަދުވެގެން ގިނަ ރިޕޯޓްތަކެއް ރިޖެކްޓްކުރަން،" އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިބްރާހިމް މުހައްމަދު (އިއްބެ) ވިދާޅުވި އެވެ.
އީއައިއޭ ހެދުމުގެ ގަވާއިދަށާއި އެންމެ ރަނގަޅު އުސޫލުތަކަށް ކޮންސަލްޓެންޓުން އަމަލު ނުކުރުމުގެ ބޮޑެތި މައްސަލަތައް ރިޕޯޓުތަކުގައި ހުރިކަން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ފާހަގަކުރެ އެވެ.
"އީއައިއޭ ހަދާ މީހުން ކަންފަސޭހަކޮށްލަނީ އަމަށަކު ވަރަކަށް ނޫން،" ސޭވް މޯލްޑިވްސް ހަރަކާތުގައި އުޅުއްވާ ހުމޭދާ އަބްދުލްޣަފޫރު ވިދާޅުވި އެވެ.
އޭގެ އެއް ހެއްކަކީ ތަފާތު މަޝްރޫއުތަކުގައި، އެއް ރިޕޯޓުން އަނެއް ރިޕޯޓަށް ލިޔުން ނަކަލުކޮށްފައި ހުރުމެވެ. ރިޕޯޓެއްގެ ވަކި ހިސާބަކުން މުޅިން އެހެން ރަށެއްގެ ނަން އަތުވެދާނެ އެވެ. ރ. ފައިނު އެއާޕޯޓު އެޅުމުގެ މަޝްރޫއު އަށް ކޮންސަލްޓަންޓަކު ހެދި އީއައިއޭގައި ކ. ހުރާގެ ހުރިހާ ފަރާތްތަކަކާ މަޝްވަރާކުރި ކަމަށް އޮތުމަކީ އެއް މިސާލެވެ.
ކޮޕީ ކުރުމުގެ މައްސަލައިން އުފެދިފައިވާ މައިގަނޑު ކަންބޮޑުވުމަކީ، އެކި މަޝްރޫއުތަކާއި އެކި ރަށްރަށުގެ ހާލަތުތައް ވަކިވަކިން ވަޒަން ނުކުރާކަން އެއިން ދޭހަވުމެވެ.
އެއާޕޯޓެއް އަޅަން ދޫކޮށްފައިވާ މަޑިވަރު ކުރިން އޮތް ގޮތް: ބައެއް އީއައިއޭތައް މިހާރު ހަދާ ގޮތުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ބޮޑު
"ކޮންމެ ރަށެއްގެ ކޮންމެ ހާލަތެއް ތަފާތު. ތިމާވެއްޓާއި ޖިއޮގްރަފީގައި އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް އިޖުތިމާއީ، ސަގާފީ، އިގްތިސޯދީ ކަންކަން ކޮންމެ ރަށެއްގައި ތަފާތު،" ހުމޭދާ ފާހަގަކުރެއްވި އެވެ.
"ޕްރޮޖެކްޓުން އެ ކަންކަމަށް ފޯރާ އަސަރު، އޭގެ އެކައްޗާ ކުޅުނީމަ އަނެކައްޗަށް ވާނެ ގޮތަކަށް އީއައިއޭގައި ބަލައިފައެއް ނުހުރޭ."
އީއައިއޭގައި ބަލަން ޖެހެނީ ހަމައެކަނި ތިމާވެއްޓަކަށް ނޫނެވެ. އެހެންކަމުން، ކަންބޮޑުވުން އުފެދިފައިވާ މައިގަނޑު އެއް މައްސަލައަކީ މަޝްރޫއުއެއްގެ އަސަރު އެކި ގޮތްގޮތުން ފޯރާނެ ކަމަށް ބެލެވޭ އެންމެންނާ މަޝްވަރާކުރަން ޖެހޭ ފުޅާމިނުގައި ނުވަތަ އެކަށީގެންވާ ގޮތަކަށް ކޮންސަލްޓެންޓުން އެކަން ނުކުރުމެވެ. މިހާރު އީޕީއޭގައި އުޅުއްވާ ހަމްދާންގެ ޔުނިވާސިޓީ ދުވަސްވަރު ޕްރިޔާ އޭ. ކުރިއަންއާ އެކު ލިޔުއްވާފައިވާ އެކެޑެމިކް އާޓިކަލްއެއްގައި ހެއްކާ އެކު އެ މައްސަލަ އަށް އަލިއަޅުވާލައްވާފައިވެ އެވެ.
"އަސަރު ފޯރާނެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން [މަޝްވަރާ] ބައްދަލުވުންތައް ބޭއްވި ކަމަށް ބުނެފައި ވަނީ އިންޓަވިއުކުރެވުނު ހަތަރު ކޮންސަލްޓެންޓުންގެ ތެރެއިން އެންމެ މީހެއް އަދި އެނަލައިޒްކުރެވުނު 12 ރިޕޯޓުގެ ތެރެއިން އެންމެ ރިޕޯޓެއްގައި،" ރާއްޖޭގައި އީއައިއޭ ހެދުމުގައި އާއްމުންގެ ބައިވެރިވުން އޮތް މިންވަރާ ބެހޭ ގޮތުން 2016ގައި ޝާއިއުކޮށްފައިވާ ދިރާސާ އާޓިކަލްގައި ބުނެފައިވެ އެވެ.
"އިމްޕެކްޓް އެސެސްމެންޓް އެންޑް ޕްރޮޖެކްޓް އެޕްރެއިޒަލް" ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ބައްދަލުވުންތަކަށް ކިޔާ އިރު، މީހުންނަށް އެކަށީގެންވާ ވަގުތެއް ނުދެ އެވެ. ކައުންސިލްތަކަށް ހަފްތާއެއްހާ ދުވަސް ދޭ އިރު، ޖަމްއިއްޔާތަކާއި އެހެނިހެން ފަރާތްތަކަށް ދެނީ އެއަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއް ކަމުގެ މިސާލެއްގެ ގޮތުން މީހަކު ކިޔައިދީފައިވާ ގޮތުގައި ބައްދަލުވުން އޮތްކަން އޭނާ އަށް އެންގީ އެންމެ ދެ ގަޑިއިރު ކުރިންނެވެ.
މަޝްރޫއުތަކުގެ ތަފްސީލް ކައުންސިލްތަކާއި އާއްމު ފަރާތްތަކާ ހިއްސާ ނުކުރުމަކީ އަނެއް މައްސަލަ އެވެ. އާޓިކަލް އަށް ދިރާސާކުރި 12 އީއައިއޭ ރިޕޯޓުގެ ތެރެއިން، މަޝްރޫއުގެ ތަފްސީލީ މައުލޫމާތު ކޮންސަލްޓެންޓުން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވުނީ އެންމެ ތިން ރިޕޯޓުން ކަމަށް ހަމްދާން އާއި ޕްރިޔާ ލިޔުއްވާފައިވެ އެވެ.
ތިމާވެއްޓަށް ވުރެ ބޮޑަށް، އަމިއްލަ ވިޔަފާރީގެ މަސްލަހަތު އިސްކުރާ ކަމުގެ ތުހުމަތު ކޮންސަލްޓެންޓުންނަށް އަމާޒުވެފައިވާ އިރު އީއައިއޭ ހެދުމަކީ، ޚާއްސަކޮށް މީގެ ކުރިން، ވަރަށް ބޮޑެތި އަގުތައް ނަގާ މަސައްކަތެކެވެ. މި ދާއިރާގެ ބައެއް މީހުން ބުނާ ގޮތުގައި އީއައިއޭ ރިޕޯޓެއްގެ އަގު އޭރު 2،000 ޑޮލަރާއި 75،000 ޑޮލަރާ (30،000-1.1 މިލިއަން ރުފިޔާ) ދެމެދަށް އަރަ އެވެ. އަދި ކުރީގެ އާއްމު އަގަކީ 10،000 ޑޮލަރު (154،000ރ.) އެވެ.
އެކަމަކު އެ މަސައްކަތް ކުރާ ކުންފުނިތަކާއި ވަކިވަކި މީހުން ގިނަވެ، ވާދަވެރިކަން ބޮޑުވުމާ ގުޅިގެން މިހާރުގެ އާއްމު އަގުތައް 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދަށް ވެއްޓިފައިވާ ކަމަށްވެ އެވެ. އެކަމަކު މި ދާއިރާގެ ނަގާކިޔާ ކުންފުނިތަކުގެ ވިޔަފާރި ކުރިއަރައި ފުޅާވުމުގެ ފަހަތުގައި އީއައިއޭގެ ދައުރު ބޮޑު ކަމަށް ބައެއް މީހުން ދެކެ އެވެ.
"އީއައިއޭ ހެދުމުގައި މި އޮންނަނީ އީއައިއޭ ހަދައިދޭ ފަރާތުގެ މާލީ މަސްލަހަތު. އެހެންވީމާ އެ މަސްލަހަތުގެ ތެރެއިން އެކަނި އެކަން އައިމާ ތިމާވެށި ހިމާޔަތެއް ނުކުރެވޭ. އީއައީއޭ ރިޕޯޓް މި އޮންނަނީ ކްލަޔަންޓް ބޭނުންވާ ގޮތަކަށް މަޝްރޫއު ހިންގަން މަގުފަހިކޮށްދޭ އެއްޗަކަށް ވެފައި،" ހުމޭދާ ވިދާޅުވި އެވެ.
މި ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ އެއް ތަނަކީ ފެށުނީއްސުރެ އީއައިއޭ ހަދަމުން އަންނަ ސީޑީއީ ކޮންސަލްޓިން އެވެ. އީއައިއޭ ހަދާ މީހުން، ތިމާވެއްޓަށް ކޮންމެ ގޮތެއް ހަދާފައި ވިޔަސް، ކްލަޔަންޓަށް ކަންކަން ފަހިކޮށްދެއޭ ބުނާ ވާހަކަ އެ ކުންފުނިން ބަލައެއް ނުގަނެ އެވެ.
"ނަހަދާނެ. އަހަންނަށް ބުނެވިދާނެ، ނަހަދާނެ. މި އުޅޭ ތިމާވެށީގެ އެއްވެސް މީހަކު [އެހެނެއް ނަހަދާނެ]،" އީއައިއޭ ކޮންސަލްޓެންޓުން ރިޕޯޓު ލިޔުމުގައި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާކަމުގެ ތުހުމަތާ ބެހޭ ގޮތުން ސީޑީއީގެ މެނޭޖިން ޑިރެކްޓަރު ޑރ. ސިމާދު ސައީދު ވިދާޅުވި އެވެ.
"ރިޕޯޓުގައި އޮންނާނެ ސެންސިޓިވް އޭރިއާއެކޭ، ބަޔޯޑައިވާސިޓީ އަށް ނުރައްކާވާނެއޭ، މިހިރީއޭ ކުރާނެ އަސަރުތަކަކީ، މިހިރީއޭ ގެއްލުން ކުޑަކުރަން ކުރާނެ ކަންކަމަކީ އަދި މި ވަރުން ވެސް ގެއްލުން ކުޑަ ނުކުރެވިދާނެއޭ. ގިނަ ފަހަރު ކްލަޔަންޓްސް ކައިރީގައި ބުނީމަ އެ މީހުން އަޑުއަހާނެ، ބަދަލު ގެންނާނެ، ވަރަށް މަދު މީހަކު ފިޔަވައި."
ސިމާދު ފާހަގަކުރެއްވި ގޮތުގައި އީއައިއޭއެއް ހަދަން ބަޔަކު އެދޭ ހިސާބުން ފެށިގެންނާއި އީއައިއޭ ހެދުމަށް ފަހު ވެސް ޕްރޮޖެކްޓްތައް ނުހިންގަން ސީޑީއީ އިން ލަފާދީފައި ހުންނާނެ އެވެ. އެގޮތުން ށ. ފަރުކޮޅުގައި އެއާޕޯޓު ހަދަން ދެކޮޅުހެދިކަމާއި އއ. ރަސްދޫ ކައިރީގައި، ވަށައިގެން ބިޔަ ދޮންވެލިގަނޑެއް އޮންނަ މަޑިވަރު ފިނޮޅުގައި ރިސޯޓެއް ހަދަން ނުފެންނަ ކަމަށް އީއައިއޭ ރިޕޯޓުގައި ލިޔެފައިވާނެ (ޑިވެލޮޕަރު ލިޔަން ބުނި ގޮތަށް) ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރ. ފައިނު އެއާޕޯޓަށް ހުށަހެޅި ޑިޒައިނާ އެއްގޮތަށް އެކަން ކުރަން ސީޑީއީ އިން ދެކޮޅުހެދިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމާ މިއީ ތި ހީކުރާހާ ނުލަފާ ބައެއް ނޫން،" ސިމާދު ވިދާޅުވި އެވެ.
ކޮޕީ/ ޕޭސްޓްކުރުމާ ބެހޭ ގޮތުން ސިމާދު ވިދާޅުވި ގޮތުގައި މޫސުން ފަދަ ބައެއް ކަންކަން ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްގޮތެވެ. އެހެންވެ، އެފަދަ ތަފްސީލްތައް ދޭން އެއް ލިޔުންގަނޑެއް ބޭނުންކުރާތީ ބައެއް ފަހަރު ކުށް ހުރެދާނެ އެވެ. އެކަމަކު މުޅިން ތަފާތު ކަންތައްތަކެއް ހުރި ދެ މަޝްރޫއުއެއްގައި ރަށުގެ ނަން އެއްގޮތްވުން ފަދަ ކުށްތައް ޖެހުމަކީ "ސީރިއަސް މައްސަލައެއް" ކަމަށް ސިމާދު ވެސް ގަބޫލުކުރައްވަ އެވެ.
މި ފަހުން އެންމެ ބޮޑަށް ހޫނުވި ރުއްގަސް ނެގުމުގެ މައްސަލައާ އެކު ސީޑީއީ އިން މިހާރު ވަނީ އެފަދަ މަޝްރޫއުތަކަށް އީއައިއޭ ހެދުން ހުއްޓާލައިފަ އެވެ. ސިމާދު ފާހަގަކުރެއްވި ގޮތުގައި ފަޅު ހިއްކައިގެން ރިސޯޓުތައް ހަދަން ފެށި އިރު އެ ތަންތަން ފެހިކުރާނެ ގޮތުގެ ސިޔާސަތެއް ނުވަތަ ޕްލޭނެއް ސަރުކާރުން ހަދާފައި ނެތުމުން ދެން އެކަން ކުރަން ބޭނުން ނުވަނީ އެވެ.
ރުއްގަސް އުފުރުމުގެ އީއައިއޭ ސީޑީއީ އިން ހަދާފައި ހުންނާނީ ރިސޯޓަކަށް ހިއްކި ބިމެއް ފެހިކުރަން ކުރާ ކަމެއްކަން އެނގިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ބ. ފުޅަދޫގެ މަގަކުން ބިން ސާފުކުރުމަށާއި އެ ތަނުން އުފުރާ ރުއްގަސް، ކ. ބޮލިދުއްފަރުގައި ފަޅު ހިއްކައިގެން ހަދާ ރިސޯޓަށް ގެންދިއުމުގެ މަޝްރޫއު އަށް އީއައިއޭ ހަދައިދީފައިވަނީ ސީޑީއީ އިންނެވެ. އެ އީއައިއޭއާ ބެހޭ ގޮތުން ސުވާލުކުރުމުން ސިމާދު ވިދާޅުވީ އެއީ ވެސް ރަށު ކައުންސިލުން މަގެއް ހަދަން ބޭނުންވެގެން އެދުމުން ކައުންސިލަށް ހަަދައިދިން އީއައިއޭއެއް ކަމަށެވެ. އެ ރިޕޯޓު ބުނާ ގޮތުން، ރަށުގައި މަގެއް ހަދަން ބޭނުންވާ ސަރަހައްދެއްގެ ބިން ސާފުކުރެވޭނެ ގޮތެއް ކައުންސިލަށް ނެތިފައި އޮއްވާ، ބޮލިދުއްފަރު ރިސޯޓުގެ ލޭންޑްސްކޭޕިން ކޮންސަލްޓެންޓުގެ ފަރާތުން އެ މަސައްކަތް ކޮށްދޭން ހުށަހެޅީ އެވެ؛ ބަދަލުގައި، އެ ރިސޯޓަށް ރުއްގަސް ދޭ ގޮތަށެވެ.
"އެއްކަލަ ހިއްކި ތަން ފެހިކުރަން ބޭނުންވެގެން ރުއް ގަންނަން ދިޔައިމަ ކައުންސިލުން، އެންމެ ގިނަ ރުއް ހުރި ދިމާލުގައި ފުޓުބޯޅަ ދަނޑެއް އަޅަން ބޭނުންވާތީ އެ ކަމަށް ލޭންޑް ޔޫޒް ޕްލޭން ހައްދާފައި އެކަމަށް ރަށު އެންމެން އަހުލުވެރިކުރުވާފައި، އީއަިއިއޭ ކޮންސަލްޓެންޓް ދާއިރު މި އޮންނަނީ މުޅި އެތި ސެޓްވެ ނިމިފައި. އެހެންވީމާ އަހަރެމެން ކިހިނެއް ބުނާނީ، އެއީ އެ ރަށަށް ބޭނުން ނުވާ މަޝްރޫއުއެކޭ؟" ސިމާދު ސުވާލުކުރެއްވި އެވެ.
އޭނާ އެ އިޝާރާތްކުރައްވަނީ އީއައިއޭ ކޮންސަލްޓެންޓުންނަށް ނެގެން އޮތް އެންމެ ބޮޑު ދިފާއަށެވެ.
އެންމެން ވެސް އެއްބަސްވާ ގޮތުގައި ހުރިހާ ކަމެއްގެ އަސްލު މައްސަލައަކީ ޕްރޮޖެކްޓް ހިންގާނެ ތަނާއި ހިންގާނެ ގޮތް ކަނޑައެޅުމަށް ފަހު އީއައިއޭ ހަދާ ގޮތަށް ނިޒާމު ބައްޓަންކޮށްފައި އޮތުމެވެ.
"ސަރުކާރާއި ކޮމިއުނިޓީން ބޭނުންވޭ. ފައިސާ ހަމަޖެއްހިއްޖެ. ބޭރުގެ އެހީގައި ކުރަން އޮތް ކަމެއް. މަޝްރޫއު ނުނިންމައިގެން، އެހީ ދިން ފަރާތުން ރުޅި އައިސްގެން ގައުމަށް ދެން ދޭން ހުރި ލާރިކޮޅު ވެސް ނުދީ. އެހެންވީމާ އަޅުގަނޑުމެންނަށް މި ތިބެވެނީ ކޮން ތާކު؟" ސިމާދު ފާހަގަކުރެއްވި އެވެ.
"އަހަރެމެންނަކަށް ނެތް ތިހެން ތިކަން ނުކުރާށޭ ބުނުމުގެ ބާރެއް ވެސް. އަހަރެމެން ކައިރީގައި ނުވެސް އަހާ. އެތައް ފަހަރަކު އަހަރެމެންނާ ދިމާއަށް ބުނޭ، ސިމާދުމެންނާ ހަވާލުކުރީ ފީޒިބިލިޓީ ހަދާކަށް ނޫނޭ."
އީޕީއޭ އިން ދެކޭ ގޮތަކީ ވެސް އެއީ އެވެ. އިއްބެ ވިދާޅުވި ގޮތުގައި އީއަިއއޭ ހެދުމަކީ މަޝްރޫއުއެއް ހިންގާނެތޯ ނޫންތޯ ކަނޑައަޅާ ގޮތަށް ފަރުމާކޮށްފައި އޮންނަ އެއްޗެއް ނޫނެވެ. ސަބަބަކީ، އީއައިއޭއާ ހަމައަށް ދަނީ ސަރުކާރުން ވަކި ތަނެއްގައި ވަކި މަޝްރޫއުއެއް ހިންގަން ނިންމައި އެ ކަމެއް ބަޔަކާ ހަވާލުކުރާ ފަހުން ކަމަށް ވުމެވެ.
ކުރީގެ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު: ކުޅުދުއްފުށި އެއާޕޯޓް އެޅުމުގެ ހުއްދަ ދެއްވީ މިނިސްޓަރަށް ލިބޭ ބާރުގެ ތެރެއިން
"ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮންނަ ކަމެއް އެއީ. އަސްލު އީއައިއޭ މި ހަދަނީ ޕްރޮޖެކްޓް ފީޒިބަލްތޯ ބަލާކަށް ނޫން. ތިމާވެއްޓަށް ވީހާ ވެސް ގެއްލުން ކުޑަކޮށް ޕްރޮޖެކްޓް ހިންގޭނެ ގޮތަކީ ކޮބައިތޯ ބަލަން،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އީއައިއޭ ސްޓޭޖުގައި ޕްރޮޖެކްޓެއް ރިޖެކްޓެއް ނުކުރެވޭނެ."
ރާއްޖޭގައި މައްސަލަތައް ދިމާވެގެން މި އުޅެނީ، އިއްބެ ފާހަގަކުރެއްވި ގޮތުގައި، ގައުމީ ތަރައްގީގެ ޕްލޭނަކާ އެއްގޮތަށް ސްޓްރެޓީޖިކް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް ނަހަދާތީ އެވެ.
"އެއީ އީއައިއޭ އަށް ވުރެ މަތީގައި އިންނަ އެއްޗެއް. ސަރުކާރުން ތަރައްގީގެ މެނިފެސްޓޯ ހިފައިގެން އަންނަ އިރު އެއަށް އޮންނަން ޖެހޭނީ ސްޓްރެޓީޖިކް އީއައިއޭ ހެދިފައި. އެ ޕްލޭން ހަދާ އިރު ހުންނާނީ ތިމާވެށީގެ ގޮތުން މުހިއްމު ތަންތަން ބާކީކޮށްފައި. އޭގައި އޮންނާނެ ހިއްކާނެ ފަޅުތަކާއި ރިސޯޓު ހަދާނެ ތަންތަނާއި އެއާޕޯޓު ހަދާނެ ތަންތަން ކަނޑައަޅާފައި. އޭރުން އެނގޭނެ، މިސާލަކަށް ޗަސްބިމެއް އޮތިއްޔާ އެ ތަނެއްގައި އެއާޕޯޓެއް ނާޅާނެކަން،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ޕްރޮޖެކްޓް ރިޖެކްޓް ކުރެވޭނީ މަތީގައި މި އޮންނަން ޖެހޭ ލެވެލް އައިސްގެން."
ސްޓްރެޓީޖިކް އީއައިއޭ ތައާރަފްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އީޕީއޭ އިން ބުނިގޮތުގައި އެ ތަނުން ވަނީ އޭގެ ކޮންސެޕްޓް ހަދައި މިނިސްޓަރަށް ފޮނުވައިފަ އެވެ.
އެއް ބަޔަކު ދެކޭގޮތުގައި އީއައިއޭތަކުގެ މައްސަލައިގެ އަސްލަކީ މަޝްރޫއު ހިންގާ ފަރާތުން ކޮންސެލްޓެންޓަކު ލައްވައި އެކަން ކުރުވުމެވެ. ފައިސާ ދޭ މީހާ އަށް ވަފާތެރިވުމުގެ ގޮތުން ކޮންމެ ކަމެއް ވެސް ކުރަން ޖާގަ ލިބެނީ އެވެ. އެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް އައިޝާ ވެސް ދެކެވަޑައިގަންނަވަ އެވެ.
"އީއައިއޭ ކޮންސަލްޓެންޓު އިޚްތިޔާރުކޮށް އައްޔަންކުރަނީ މަޝްރޫއު ހިންގާ ފަރާތުން. އެހެންވީމާ މަސްލަހަތު ފުށުއަރާ،" އޭނާ ފާހަގަކުރެއްވި އެވެ.
"ސިސްޓަމްގައި ހުރި ވަރަށް ބޮޑު މައްސަލައަކުން އެހެން އެ ވަނީ. ޑިވެލޮޕަރެއް ނޫން އީއައިއޭ ކޮންސަލްޓެންޓެއް ހޯދަން ވާނީ."
މިނިވަންކޮށް ނުވަތަ އީޕީއޭގެ ދައުރެއް އޮންނަ ގޮތަށް ކޮންސަލްޓެންޓުން އައްޔަންކުރާ ގޮތަށް ހަމަޖެއްސިދާނެތޯ ސުވާލުކުރުން އީޕީއޭ އިން ސީދާ ޖަވާބެއް ނުދެ އެވެ. އެ ތަނުން ފާހަގަކުރި ގޮތުގައި އީއައިއޭ ހެދޭނީ އީޕީއޭ އިން ލައިސަންސް ދީފައި ތިބޭ މީހުންނަށް އެކަންޏެވެ. އަދި އިއްބެ ވިދާޅުވީ ސްޓްރެޓީޖިކް އީއައިއޭ ހަދާފައި ހުންނަ ނަމަ މަޝްރޫއު "ރިޖެކްޓް ނުކުރެވިގެން އުޅޭކަށް ނުޖެހޭނެ" ކަމަށެވެ.
އައިޝާ ވެސް ފާހަގަކުރެއްވިގޮތުގައި "އެ މަޅީގައި އެ ޖެހެނީ މާ ފަހު މަރުހަލާއެއްގައި އީއައިއޭ ހަދާތީ" އެވެ.
"އެކަން ކުރަން ޖެހޭ ގޮތަކީ ޕްރޮޖެކްޓް ހިންގާ ތަން ކަނޑައެޅުމުގެ ކުރިން އީއައިއޭ ހެދުން،" އޭނާ ވިދާޅުވި އެވެ.
"މިހާރު އޮންނަ ގޮތުން ކުރެހުންތަކާ އެއްޗެހި ވެސް ފައިނަލްކޮށްފައި އީއައިއޭ ހަދަނީ. އޭގެ މާނައަކީ ބަދަލެއް ގެންނަންޏާ އަނެއްކާވެސް ކުރަހަން ޖެހޭނީ. ކުރެހުމަކީ ވެސް އަގުބޮޑު ކަމެއް."
އީއައިއޭ ރިޕޯޓުތަކުގެ މައްސަލައިގައި އީޕީއޭ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ އެ އޭޖެންސީ އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ކޮންސަލްޓެންޓުން ރިޕޯޓު ހުށަހަޅަނީ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކޮށް ގަވާއިދު ތަންފީޒުކުރުމުގައި އިހުމާލުވަމުންދާ ކަމުގެ ތުހުމަތެވެ. އެކަމަކު އީޕީއޭ އިން އެފަދަ ވާހަކަތައް ދޮގުކުރެ އެވެ.
"އަޅުގަނޑުމެން ޔަގީންކުރަން ގަވާއިދުގައި ހުންނަ ހުރިހާ މަރުހަލާއަކުންކަން މި ޕްރޮސެސް މި ދަނީ،" އިއްބެ ވިދާޅުވި އެވެ.
ގަވާއިދުގައި އޮންނަނީ އީއައިއޭތައް ރިވިއުކުރާ މީހުން ހާމަ ނުކުރާ ގޮތަށެވެ. އެއީ މައްސަލައެއްގެ ގޮތުގައި ނަގާ މީހުން ބުނަނީ ރިވިއުކުރަނީ ކޮން ބައެއް ކަމާއި އެ މީހުން ކުރާ ކޮމެންޓްތަކަކީ ކޮބައިކަން އާއްމުންނަށް އެނގެން ޖެހޭނެ ކަމަށެވެ. އެކަމަކު އީޕީއޭ އިން ބުނަނީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ބެސްޓް ޕްރެކްޓީސްއަކީ މިއީ ކަމަށެވެ.
"ރިޕޯޓެއް ރިވިއުކުރާ މީހާ އެންމެންނަށް އެނގެންޏާ ކިހާ ފަސޭހަވާނެތޯ، އެ މީހާ އަށް ނުފޫޒު ފޯރުވަން؟ ހާމަކުރީމާ އިތުރަށް ވަނީ ކޮން ރަނގަޅެއްތޯ ސުވާލަކީ،" އެ ތަނުގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވި އެވެ.
"ރިވިއުކުރާ މީހުންނާއި ޕްރޮޖެކްޓްގެ ޑިވެލޮޕަރާ ވާހަކަދެކެވި ކަންތައްތަކެއް ކުރެވުމަކީ ރަނގަޅު ކަމެއް ނޫން. ރިވިއުކުރީ ކާކުތޯ، ރިވިއުގައި އޭނާ ލިޔުނީ ކޯއްޗެއްތޯ އެ ހުރިހާ އެއްޗެއް ހާމަކުރަންޏާ އެކަން ކުރާނެ މީހަކު ވެސް ނުވާނެ. އެ މީހުން ވެސް ކޮންމެވެސް ކަހަލަ ސަލާމަތްތެރިކަމެއް ބޭނުންވާނެ."
ނައީމް ވިދާޅުވި ގޮތުގައި ރިވިއުކުރާ މީހުންގެ ކޮމެންޓްތައް އީޕީއޭ އިން ބަލައިނުގަންނަ ހާލަތްތައް ވެސް އަންނަ އިރު އެ ކޮމެންޓްތައް ހާމަކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.
"ދެ ރިވިއުއާ ތިބޭ އިރު، އެކަކު އިނދެދާނެ އޭތި ރިޖެކްޓްކޮށްފައި، އެކަމަކު ދެން ހުންނަ ރިވިއުއާގެ ކޮމެންޓަށް ބަލާފައި އަޅުގަނޑުމެން އޭތި އެޕްރޫވްކޮށްފާނެ،" އޭނާ ފާހަގަކުރެއްވި އެވެ.
"ރިވިއުއާސް ރަނގަޅަށް ރިޕޯޓް ނުބަލާ ހުރިކަން ފާހަގަކުރެވިއްޖެއްޔާ ވެސް އަޅުގަނޑުމެން ހުންނާނެ ފިޔަވަޅު އަޅާފައި. އިތުރަށް ރިޕޯޓުތައް ނުދީ ދުވަސްކޮޅަކަށް ހިފަހައްޓާލާފައި ވެސް ހުންނާނެ،" ހަމްދާން ވިދާޅުވި އެވެ.
އެހެން ބައެއް މައްސަލަތަކުގައި އީޕީއޭ އިން އިނގިލި ދިއްކުރަނީ ޕީޕީއެމް ސަރުކާރުން އީއައިއޭގެ އުސޫލުތަކަށް ގެނައި ބަދަލުތަކަށެވެ. ޓޫރިޒަމްގެ މަޝްރޫއުތަކަށް ހަދާ އީއައިއޭތަކުގެ މެންޑޭޓް ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލުކުރި ކުރުން މިހާރު ވަނީ އިސްލާހުކޮށްފަ އެވެ. ނައީމް ވިދާޅުވި ގޮތުގައި "ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް މިކަން ކުރި ގޮތަށް ވުރެ މިހާރު ހާސް ބައި ރަނގަޅުވާނެ" އެވެ.
އީއައިއޭ ހެދުމުގެ ގަވާއިދަށް ގެނައި ބައެއް ބަދަލުތައް އުވާލަން އީޕީއޭ އިން ވަނީ ނިންމައިފަ އެވެ. ޚާއްސަ ގޮތެއްގައި، ރިވިއުކުރާ ދެ މީހުންނަށް 20،000 ރުފިޔާ ދީގެން ފަސް ދުވަހުގެ ތެރޭ ރިވިއު އަވަސް އަރުވާލައިގެން އެ މުއްދަތުގައި ހުރިހާ ކަމެއް ނިންމާ ގޮތަށް އޮތް އުސޫލެވެ. ގަވާއިދުގައި ދެން އޮތް ދެ ގޮތަކީ 10،000 ރުފިޔާ އަށް 10 ދުވަހުން އަދި 5،000 ރުފިޔާ އަށް 15 ދުވަހުން ރިވިއުކުރުވުމެވެ. އީޕީއޭ އިން ބުނީ ގަވާއިދަށް ބަދަލު ގެނެސް، މަދުވެގެން 10 ދުވަހުގެ މުއްދަތެއް ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. އެކަމަކު އޭރުން އަނެއްކާވެސް ވިޔަފާރިވެރިންގެ ފިއްތުންތައް ކުރިމަތިވާނެ ކަމުގެ ކަންބޮޑުވުން އެ ތަނަށް އެބަ އޮތެވެ. އިއްބެ ފާހަގަކުރެއްވި ގޮތުގައި އީއައިއޭ ކޮންސަލްޓެންޓުން ޑިވެލޮޕަރުންނަށް ނުބައި ވިސްނުމެއް ވިސްނައިދެނީ އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން ނަގަމުން އައީ 28 ދުވަހުގެ މުއްދަތެއް. އެއީ ރަނގަޅު އަދަދެއް. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އެއީ. އެކަމަކު ފާސްޓް ޓްރެކްކުރުން މި އޮތީ 28 ދުވަހުން، 14 ދުވަހުން، އެންމެ ފަހުން ގޮސް ފަސް ދުވަހަށް ހަދާފައި،" އޭނާ ވިދާޅުވި އެވެ.
"އީއައިއޭ ކޮންސަލްޓެންޓުން ހަދާ ގޮތަކީ ބްލޭމް ޝިފްޓްކޮށްލަނީ. ޑިވެލޮޕަރު ހާދަ ލަސްވެއްޖެއޭ ބުނީމާ އެ މީހުން ބުނަނީ އީޕީއޭ އިން ލަސްވެގެންނޭ. އެކަމަކު ގަވާއިދުގައި މިވެނި ދުވަހެއްގެ ތެރޭގައި ޑިސިޝަން ސްޓޭޓްމެންޓް ދޭން ޖެހޭނެއޭ ބުނެފައި އޮއްވާ އަޅުގަނޑުމެންނަކަށް އޭތި ހިފަހައްޓައިގެން ނުވެސް ތިބެވޭނެ. އެކަމަކު އީއައިއޭ ކޮންސަލްޓެންޓުގެ ސަބަބުން އިންވެސްޓަރަށް އެ އިމްޕްރެޝަން ލިބިފައި އޮތީމާ އެ މީހުން ސަރުކާރަށް ޑިމާންޑްކުރަނީ މިކަން އަވަސްކުރަން."
އިއްބެ ފާހަގަކުރެއްވި ގޮތުގައި ރިޖެކްޓްކުރާ އީއައިއޭތަކުގެ މައްސަލަ މިނިސްޓަރަށް އިސްތިއުނާފުކުރުމުން އަލުން ރިވިއުކުރާނެ މީހުން ކަނޑައަޅާ އިރު މިނިސްޓަރު ބޭނުން ބަޔަކު އިޚްތިޔާރުކުރެވޭ އުސޫލު ވެސް ބަދަލުކުރަން ޖެހޭކަން ކުޅުދުއްފުށީ އެއާޕޯޓު މައްސަލައިން ވަނީ ހާމަވެފަ އެވެ.
"އީޕީއޭ އިން ކުރަން ޖެހޭ ކަންތައްތަކެއް ނުކުރެވޭ. އީޕީއޭގެ މައްސަލައެއް މި ކަމުގައި އެބަ އޮތް، ކަންތައް ހިނގާ ގޮތުން. އީޕީއޭ އިން ދައްކާ ވާހަކަ ދިމާނުވަނީ. ބުނޭ، މިކަން ކުރަމޭ އެކަން ކުރަމޭ. ކަން ކުރާ ނަމަ ނުކުންނާނެ ނަތީޖާ،"
ނައީމް ވިދާޅުވީ މިދިޔަ ސަރުކާރުގައި "މި ހުރިހާ ކަމެއް ވިޔާނުދާކޮށް އޮތް ދުވަސްކޮޅުގައި" ގޯސްކޮށް ކޮށްފައިވާ އެތައް ކަމެއް އިސްލާހުކުރަމުން އަންނަ ކަމަށެވެ.
"ގަވާއިދަށް ބަދަލު ގެނައީ އޭރުގައި އޮތް ސަރުކާރުން ނާޖާއިޒުކޮށް މިކަން ކުރަން،" އޭނާ ވިދާޅުވި އެވެ.
"އޭރު ކަންކަން ހުރި ގޮތް އެނގޭނެ ހުރިހާ އެންމެންނަށް ވެސް. ކޮންސަލްޓޭޝަނެއް ނުވެސް އޮވޭ. ތަންތަން ސިލެކްޓްކޮށްފައި ހުންނަނީ ވެސް ވަރަށް ވިޔާނުދާކޮށް. މިސާލަކަށް އަތޮޅެއްގައި އޮންނަ އެންމެ ދޫނި އަރާ ފިނޮޅާއި އެން ނަގާ ތަން އޮވެދާނެ ބަޔަކަށް ދީފައި، ލާރި ނަގާ، އެ ލާރިކޮޅު ކާލާފައި."
ގިނަ އީއައިއޭތަކުގައި މައްސަލަތައް ހުންނަކަން އީޕީއޭ އިން ވެސް ފާހަގަކުރާ އިރު، ކޮޕީކޮށްފައި ހުންނަކަން ވެސް އެ ތަނަށް އެނގެ އެވެ. އެކަމަކު އީއައިއޭ ކޮންސަލްޓެންޓަކާ މެދު މިހާތަނަށް މާ ބޮޑު ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް އެ ތަނުން އެއްބަސްވެ އެވެ.
މައްސަލަތައް ފާހަގަކުރެވުމުން ފިޔަވަޅު އެޅުމުގެ ބާރު ގަވާއިދުގެ ދަށުން އީޕީއޭ އަށް ލިބެ އެވެ. ކޮންސަލްޓެންޓު ރިޕޯޓު ހުށަހަޅަން ޖެހެނީ ވެސް، ދޮގު މައުލޫމާތެއް ދީފައި ނުވާނެ ކަމުގެ އިގުރާރަކާ އެކުގަ އެވެ.
"ޕްލެޖަރައިޒްކޮށްފިއްޔާ ފިޔަވަޅު އެޅެން އެބަ އޮވޭ. އޭގައި އޮންނަނީ ޖޫރިމަނާއެއް،" އިއްބެ ފާހަގަކުރެއްވި އެވެ.
"އެ މީހުން ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް މައްސަލައެއް ފެނިއްޖެއްޔާ، ބޯޑަށް ހުށަހަޅައިގެން ލައިސަންސް ހިފެހެއްޓުން ކަހަލަ ކޮންޓްރޯލްތަކެއް ވެސް އެބަހުރި،" ހަމްދާން ވިދާޅުވި އެވެ.
އެކަމަކު ގަވާއިދުގައި ހުރި އެފަދަ ފިޔަވަޅުތައް ތަންފީޒެއް ނުކުރެ އެވެ. ނައީމް ވިދާޅުވީ "އެހާ ބޮޑު ފިޔަވަޅެއް" އަޅާފައި ނުވާނެ ކަމަށެވެ.
"[އަޅާފައި ހުރި ފިޔަވަޅަކީ] ނަސޭހަތާއި އިންޒާރު ދިނުން،" އޭނާ ވިދާޅުވި އެވެ.
"ވާ ގޮތަކީ އެހާ ގިނަ ކޮންސަލްޓެންޓުންނެއް އަދި ނޫޅޭ. އުޅެނީ ވިއްސަކަށް މީހުން."
އިއްބެ ފާހަގަކުރެއްވި ގޮތުގައި މައުލޫމާތު މަދުވާ މައްސަލައިގައި ފިޔަވަޅެއް އެޅޭކަށް ނޯންނާނެ އެވެ. ސަބަބަކީ، ޓީއޯއާރުގައި ބުނާ އެއްޗެއް ސާފުނުވީ ކަމަށް ބުނެ ދިފާއުވުމުގެ ފުރުސަތު އޮންނާނެތީ އެވެ.
އެކަމަކު ބައެއް ސީރިއަސް މައްސަލަތަކުގައި ވެސް ކޮންސަލްޓެންޓުން ރެކިގަންނަކަން ނައީމްގެ ވާހަކައިން ދޭހަވެ އެވެ.
"ޑިވެލޮޕަރު އެހެން ރަށެއް ބޭނުންވެގެން ކޮންސަލްޓެންޓު ލައްވައި މި ރަށް ކަމުނުދެޔޭ ލިޔުއްވާފައި ވެސް އެބަހުރި. އެކަމަކު އޭގައި ވެސް ވާނެ ގޮތަކީ ދެލިގަނޑުގައި އެކަން ޖަސްޓިފައި ކޮށްދީފައި އޮތިއްޔާ އަޅުގަނޑުމެންނަށް ޖެހޭނީ ރިޖެކްޓްކޮށްލަން،" އޭނާ ވިދާޅުވި އެވެ.
އެއީ އަނެއްކާވެސް، މަސްލަހަތު ފުށުއެރުމުން ނަތީޖާ ނުކުންނަ ގޮތުގެ މިސާލެކެވެ.
އީއައިއޭ ކޮންސަލްޓެންޓުންނާ މެދު ފިޔަވަޅު ނޭޅުމަކީ އީޕީއޭ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ އެވެ. އަނެއް ކަމަކީ ތިމާވެއްޓަށް ފޯރާ އަސަރުތައް ކުޑަކުރަން އީއައިއޭ ރިޕޯޓުގައި އަޅަން ބުނެފައި ހުންނަ ފިޔަވަޅުތައް އަޅާތޯ ބަލައި ނާޅާ މީހުންނާ މެދު އެކަށީގެންވާ ގޮތަކަށް ފިޔަވަޅު ނާޅާ މައްސަލަ އެވެ. އެއާއެކު، އިހުމާލުވުމާއި ނުފޫޒުތަކުގައި ޖެހުމުގެ ތުހުމަތު އެ ތަނަށް ވަނީ އަމާޒުވެފަ އެވެ.
"އީޕީއޭ އިން ކުރަން ޖެހޭ ކަންތައްތަކެއް ނުކުރެވޭ. އީޕީއޭގެ މައްސަލައެއް މި ކަމުގައި އެބަ އޮތް، ކަންތައް ހިނގާ ގޮތުން. އީޕީއޭ އިން ދައްކާ ވާހަކަ ދިމާނުވަނީ. ބުނޭ، މިކަން ކުރަމޭ އެކަން ކުރަމޭ. ކަން ކުރާ ނަމަ ނުކުންނާނެ ނަތީޖާ،" ހުމޭދާ ވިދާޅުވި އެވެ.
"ސަރުކާރުގެ އޮފީސްތަކުގައި ހުންނަ ލިމިޓޭޝަންސް އަންޑަސްޓޭންޑްވޭ. އެކަމަކު އެއީ ގަވާއިދު ތަންފީޒުކުރޭތޯ ބަލަން ތިބޭ ބައެއް."
މަޝްރޫއުތައް ހިންގާ މީހުން އީޕީއޭ އަށް ގަވާއިދުން ހުށަހަޅަން ޖެހޭ މޮނިޓަރިން ރިޕޯޓުތައް ހުށަހަނާޅާކަން އެ ތަނުން ވެސް ފާހަގަކުރެ އެވެ.
"ގަވާއިދުން މޮނިޓަރިންތަކެއް ނުލިބޭ. އެއާ މެދު އަޅުގަނޑުމެން ފިޔަވަޅުތައް ވެސް އަޅަމުން މި ގެންދަނީ،" ހަމްދާން ވިދާޅުވި އެވެ.
އީއައިއޭ ރިޕޯޓުތަކާއި އެކަން ކުރަން ހަމަޖެހިފައި އޮތް އުސޫލުގައި ބޮޑެތި އެތައް މައްސަލަތަކެކެވެ. އީޕީއޭގެ ޒިންމާ އަދާނުކުރާ ކަމުގެ ކަންބޮޑުވުމެވެ. އައިޝާ ވިދާޅުވާ ގޮތުގައި އީއައިއޭތައް ގޯސްވަނީ ކޮންސަލްޓެންޓުންނަށް ބާރުފޯރުވެން ނެތް ނިޒާމީ މައްސަލަތަކަކާ ވެސް ހެދި ކަން ގަބޫލުކުރެއްވެ އެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ކަންކަމަށް ހައްލު ހޯދަން ބާރުއެޅުމުގެ ބަދަލުގައި އެ މީހުން ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް އަމަލުކުރަމުން ގެންދާކަށް ހުއްޖަތެއް ނެތެވެ؛ އަދި އެކަން ބަލައެއް ވެސް ނުގަނެވޭނެ އެވެ.
ގިނަ ރަށްތަކަކަށް އެއް އީއައިއޭ ހުށަހަޅާ މައްސަލަ ބޮޑު
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
އޮޅުވެލި ރިސޯޓު ތިން ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
ގަވާއިދާ ހިލާފަށް ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން
ހުޅިދޫ/އަންބާރާގެ ގެއްލުމަށް ޖަވާބުދާރީވާން އަންގައިފި
ކޮމަންޑޫ މަޝްރޫއުގެ އީއައިއޭ އޮތީ ނިންމާފައި: އީޕީއޭ