Roadha Mihaaru
އަބްދުﷲ ސައީދާއި 2 މެމްބަރަކަށް ކުރި ދައުވާ ނަގައިފި

ކުރީގެ އުއްތަމަ ފަނޑިޔާރާއި ދެ މެމްބަރަކަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް އަނބުރާ ގެންގޮސްފި

28 ޖެނުއަރީ 2019

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރަކަށް ކުރި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރަކަށް ކުރި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ގެ އިތުރުން އަނބުރާ ގެންދިޔައީ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އެވެ.

އެ ބޭފުޅުންގެ މައްޗަށް އެ ދައުވާކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން އުޅުނު ކަމަށް ބުނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފުތާގައި އެ ބޭފުޅުންނަށް ފޮނުއްވި ލިޔުމުގައި ވަނީ އެ ބޭފުޅުންނަށް ކުރި ޓެރަރިޒަމްގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، ފުލުހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އަބްދުﷲ ސައީދަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔަޔަސް، އެހެން ދެ މައްސަލައަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައިސްފަ އެވެ. އޭގެ ތެރެއިން އެއް މައްސަލައެއްގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް މިދިޔަ އަހަރު ނިމުމާ އެކު، އުއްތަމަ ފަނޑިޔާރުގެ މަގާމު ވެސް އެމަނިކުފާނަށް މިދިޔަ އަހަރު ވަނީ ގެއްލިފަ އެވެ. އެމަނިކުފާނު މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

އަބްދުﷲ ސައީދާއި އިލްހާމާއި ސިނާންގެ އިތުރުން އެހެން ބައެއް ބޭފުޅުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ވެސް ދައުލަތުން އޮތީ އަނބުރާ ގެންގޮސްފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން ވަނީ އަނބުރާ ގެެންގޮސްފަ އެވެ.