Roadha Mihaaru
މިއީ ރިޔާސީތޯ ނުވަތަ ބަރުލަމާނީތޯ ސާފެއް ނޫން: ރައީސް

މިއީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްކަން ސާފެއް ނޫން: ރައީސް

24 ޖެނުއަރީ 2019

ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމެއް ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެއް ސާފު ނުވާ ކަމަށާއި ނިޒާމް ސާފުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމެއް ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމެއް ސާފު ނުވާ ކަމަށާއި ނިޒާމް ސާފުވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މަހު 6 ގައި ބާއްވާއިރު، އެ މަޖިލީހުގައި ކުރަން ރާވާނެ އެއް ކަމަކީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވާނީ، އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވަފާނަންތޯ ދެންނެވުމުން ރާއްޖޭގައި މިއޮތް ނިޒާމާ މެދު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"ފުރަތަމަ ސުވާލަކީ ރާއްޖޭގައި މިއޮތީ ކޮން ނިޒާމެއްތޯ؟ އެއެއް ނޭނގެ އަޅުގަނޑުމެންނަކަށް. ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ވެސް ހަމައެއް ނުވޭ. ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެއް ވެސް މި ނިޒާމުގައި ހަމައެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ގާނޫނުއަސާސީ އަށް އެބަޖެހޭ ބަދަލު ގެންނަން. ރިޔާސީ ނިޒާމް ފުރިހަމަ އަށް ހިންގަން ބޭނުން ކަމަށް ވަންޏާ އެގްޒެކެޓިވް ޕަވާތަކެއް އިތުރަށް ލިބެން އެބަޖެހޭ. އެހެން ނޫނިއްޔާ ބަރުލަމާނީ ނިޒާމަކަށް ދާންވީ."

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް ނިޒާމު ސާފުވާ ގޮތަށް ގާނޫނުއަސާސީގައި ލިޔަން ޖެހެ އެވެ. ނިޒާމަށް ބަދަލު ގެންނަ ނަމަ އަމަލުކުރަން ޖެހޭ ގޮތް ގާނޫނުއަސާސީގައި ސާފުކޮށްދީފައި އޮތް ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެއީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހުމެވެ.