Roadha Mihaaru
ލޭ ހަދިޔާކުރުން އާދައަކަށް ހެދުން މުހިންމު: އަމީން

އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާކުރުން އާދައަކަށް ހަދަން ހެލްތު މިނިސްޓަރު ގޮވާލައްވައިފި

23 ޖެނުއަރީ 2019

ސިއްހަތުން ރަނގަޅު މީހަކަށް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާކުރެވޭނެ ކަމަށާއި، އެ އާދަ ދިވެހިންގެ ތެރޭގައި ހިފެހެއްޓުން މުހިއްމު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސިއްހަތުން ރަނގަޅު މީހަކަށް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާކުރެވޭނެ ކަމަށާއި، އެ އާދަ ދިވެހިންގެ ތެރޭގައި ހިފެހެއްޓުން މުހިއްމު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ މުވައްޒަފުން ލޭ ހަދިޔާކުރަން ފެށި ކޭމްޕުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ލޭ ހަދިޔާކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

"އަހަރަކު ހަތަރު ފަހަރު މަދުވެގެން ލޭ ދެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހަކު އަމިއްލައަށް އަޒުމް ކަނޑައަޅައިގެން ކުރަންވީ ކަމެއް ގޮތުގައި ދުށުން ވެސް މުހިންމެވެ. އަދި މިހާރު ވެސް ގަވާއިދުން ލޭ ހަދިޔާކުރާ ދިވެހިން އުޅޭކަން ފާހަގަކުރަައްވައި، އެ މީިހުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި އުޅޭ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހަދިޔާކުރަން ހުރިހާ ރައްޔިތުން ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އެއް ސަދަގާތް ކަމަށް ވެސް ވިދާޅުވި އެވެ.

"ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށް ކުރެވޭނެ އެންމެ ބޮޑު އެހީތެރިކަން. އަޅުގަނޑުމެންނަށް މީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވެވޭނެ އެހީތެރިކަމަކީ، އެންމެ ބޮޑު ސަދަގާތަކީ، ލޭ ހަދިޔާ ކުރުން،" އަމީން ވިދާޅުވި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާ މިއީ މިފަދަ ފުރަތަމަ ކޭމްޕެވެ. އެ ކޭމްޕް ކުރިއަށް ގެންދަން މިނިސްޓްރީން ނިންމީ، ލޭ ހަދިޔާ ކުރުމުގައި ހެލްތު މިނިސްޓްރީން ނަމޫނާ މިސާލެއް ދައްކަން ކަމަށް އަމީން ވިދާޅުވި އެވެ.

މި ކޭމްޕު ހުޅުވުމަށް ފަހު، އެންމެ ފުރަތަމަ ލޭ ހަދިޔާކުރެއްވީ ހެލްތު މިނިސްޓަރެވެ.

ހެލްތު މިނިސްޓްރީގެ މުވައްޒަފުން ލޭ ހަދިޔާކުރާ ކޭމްޕުގައި އެމްބީއެސްގެ ޑައިރެކްޓަރު ނަޔާޒު ވާހަކަދައްކަވަނީ  -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ހެލްތު މިނިސްޓްރީގެ މުވައްޒަފުން ލޭ ހަދިޔާކުރާ ކޭމްޕުގައި އެމްބީއެސްގެ ޑައިރެކްޓަރު ނަޔާޒު ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެން ވަހީދު/މިހާރު

މި ރަސްމިއްޔާތުގައި އެމްބީއެސްގެ ޑައިރެކްޓަރު ނަޔާޒު އަހުމަދު ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ހަފްތާއަކަށް 160 ޕައިންޓު ލޭ ބޭނުންވާ ކަމަށެވެ. އަދި މަހަކަށް 440 ޕައިންޓުގެ ލޭ ބޭނުންވާ އިރު އެކަށީގެންވާ ވަރަށް އެ ތަނުގައި ލޭ ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލޭ ބޮޑަށް ލިބެމުން ދަނީ ކޮންމެވެސް ތަނަކުން ބްލަޑް ކޭމްޕެއް ބޭއްވުމުން. އަދި ކޮންމެ ވެސް ވަރަކަށް ވޮލަންޓިއަރުން ވެސް މިކަން ކުރިއަށްގެންދޭ،" ނަޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު އެމްބީއެސްގައި ހުރީ، ބޭނުންވާ ނިސްބަތަށް ބަލާ ނަމަ، 33 ޕަސެންޓު ލޭ ކަމަށެެވެ. އެތަނުގެ އަމާޒަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފައިވާ ގޮތަށް 2020 ވަނަ އަހަރުގެ ނިޔަލަށް އެ ކެޕޭސިޓީ 100 ޕަސެންޓަށް އިތުރު ކުރުން ކަމަށް ވިދާޅުވި އެވެ.

"މިކަން ހައްލުކުރަން ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އެކުދިން އުޅޭ ރަށަކުން ފޯރުކޮށްދިނުމަކީ އާ ސަރުކާރުގެ ވައުދެކެވެ. އެގޮތުން އެ ވަސީލަތްތައް ފަސޭހައިން ލިބޭނެ ނިޒާމެއް މިދިޔަ މަހު ހެލްތު މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.