Roadha Mihaaru
ލޭ ދޭ މީހުންގެ ޑޭޓާބޭހެއް މިއަހަރު ގާއިމްކުރާނެ:އަމީން

ލޭ ހަދިޔާކުރާ މީހުންނާ ގުޅޭ ޑޭޓާބޭހެއް މި އަހަރު ނިމުމުގެ ކުރިން ގާއިމު ކުރާނަން: ހެލްތު މިނިސްޓަރު

15 ޖޫން 2019

ލޭ ހަދިޔާކުރުމުގެ މީހުންނާ ގުޅޭ ޑޭޓާބޭހެއް މި އަހަރު ނިމުމުގެ ކުރިން ގާއިމު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލޭ ހަދިޔާކުރުމުގެ މީހުންނާ ގުޅޭ ޑޭޓާބޭހެއް މި އަހަރު ނިމުމުގެ ކުރިން ގާއިމު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ މި އަހަރުގެ ދުވަހާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ނެޝަނަލް އާޓް ގެލަރީގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ލޭ ހަދިޔާކުރާ މީހުންނާ ގުޅޭ ޑޭޓާބޭހެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ފަދަ ޑޭޓާބޭހެއް ގާއިމްކުރަން ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެންވެ، އެ ކަން ކާމިޔާބު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ލޭ ހަދިޔާ ކުރާ މީހުންނާ ގުޅޭ ޑޭޓާބޭހެއް ގާއިމްކުރަން ޖެހޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ޑޭޓާބޭހެއް ގާއިމްކޮށް، ވުޖޫދު ކުރުމުގެ މަސައްކަތް ކުރާނަން،" އަމީން ވިދާޅުވި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިފަދަ ޑޭޓާބޭހެއް ގާއިމްކުރުމުން ލޭ ހަދިޔާ ކުރާ މީހުންގެ މައުލޫމާތު ރަނގަޅަށް ބަލައިލެވޭނެ އެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް އެ މީހަކު ލޭ ހަދިޔާކުރީ ކޮން ދުވަހެއްގައި ކަން ތަފުސީލާ އެކު ބަލައިލެވޭނެ އެވެ.

މި އަހަރުގެ ލޭ ހަދިޔާ ކުރާ ދުވަހުގެ ޝިއާރު "ރައްކާތެރި ލޭ، އެންމެންނަށް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، ހަދިޔާ ކުރުމުގެ އިތުރުން ހިލޭ ތެލަސީމިއާ ޓެސްޓު ހެދުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މިއަދު ހަވީރު 6:00 ގެ ނިޔަލަށް ހިންގާ މި ހަރަކާތްތަކުގައި އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލޭ ހަދިޔާ ކުރެވޭނެ އެވެ. އެއީ އެ މީހެއްގެ ލޭގައި 12.5 ހިމޮގްލޮބިން ކައުންޓް ހުރެ، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުންނަ ނަމަ އެވެ. ތެލަސީމިއާ ޓެސްޓު ހެދުމުގެ ހިދުމަތް ލިބޭނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިދިޔަ އަހަރު ތިން ފަހަރަށް ވުރެ ގިނައިން ލޭ ހަދިޔާކުރި 13 މީހަކަށް މިއަދުގެ ރަސްމިއްޔާތުގައި އެމްބީއެސް އިން ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އަދި ލޭ ހަދިޔާކުރުމުގެ ކޭމްޕު ހިންގި 37 މީހަކަށް ވެސް ހަނދާނީ ލިޔުން ހަވާލުކުރި އެވެ. އޭގެ ތެރޭގައި ކުންފުނިތަކާއި ރިސޯޓުތަކާއި ޖަމިއްޔާތައް ހިމެނެ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ ލޭ ދޭ މީހުންގެ މައުލޫމާތު ހިމެނޭ ވެބްސައިޓެއް ވެސް އިފުތިތާހު ކޮށްފަ އެވެ. އެލިއާ އިންވެސްޓުމަންޓުގެ އެހީތެރިކަމާ އެކު ތައްޔާރުކުރި އެ ވެބްސައިޓު އިފުތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަމީނެވެ.

ގާތްތިމާގެ މީހަކަށް ލޭ ބޭނުންވުމުން ހަމައެކަނި ލޭ ހަދިޔާ ކުރުމުގެ ބަދަލުގައި، ގަވާއިދުން އެކަން ކުރުމުގެ އާދަ މުޖުތަމައުގައި އަށަގެންނެވުމަކީ މުހިއްމު ކަމެއް ކަމަށް އެމްބީއެސްގެ ކްލިނިކަލް ނާސް ގުލްސިތާން އީސާ "މިހާރު" އަށް ވިދާޅުވި އެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައއެއް ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައއެއް ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އޭރުން ލޭ އެންމެ ބޭނުންވާ ހިނދު ފުރާނަ ސަލާމަތް ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ސިއްހަތު ރަނގަޅު މީހަކު އޭނާގެ އުމުރުން 18 އަހަރުގައި އަހަރަކު ތިން ފަހަރު ލޭ ހަދިޔާ ކުރަން ފަށައިފި ނަމަ، އޭނާގެ އުމުރުން 60 ވާ އިރު 75 ލީޓަރުގެ ލޭ ހަދިޔާ ކުރެވޭނެ އެވެ. އެއީ 500 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ވަރުގެ ލޭ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.