Roadha Mihaaru
މަރުވި ދެމަފިރިންގެ ހަށިގަނޑު ފިލިޕިންސަށް ގެންގޮސްފި

ގެނބިގެން މަރުވި ފިލިޕިންސް ދެމަފިރިންގެ ހަށިގަނޑު ގައުމަށް ގެންގޮސްފި

20 ޖެނުއަރީ 2019

ހަނީމޫނަށް ރާއްޖެ އައިސް އުޅެނިކޮށް ގެނބިގެން މަރުވި ފިލިޕިންސް ދެމަފިރިންގެ ހަށިގަނޑު އިއްޔެ އެ މީހުންގެ ގައުމަށް ގެންގޮސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހަނީމޫނަށް ރާއްޖެ އައިސް އުޅެނިކޮށް ގެނބިގެން މަރުވި ފިލިޕިންސް ދެމަފިރިންގެ ހަށިގަނޑު އިއްޔެ އެ މީހުންގެ ގައުމަށް ގެންގޮސްފި އެވެ.

އެރިކާ ލެގްރަޑިލިއާ، 29، އާއި ލިއޯމާ ލެގްރަޑިލިއާ، 30، ގެނބިގެން މަރުވީ މިދިޔަ އާދިއްތަ ދުވަހު ކ. ދިއްފުށީގަ އެވެ.

މި ދެމަފަރިންގެ ހަށިގަނޑު އަނބުރާ ފިލިޕީންސަށް ގެންދިޔައީ ދިވެހި ސަރުކާރުގެ ހަރަދުގަ އެވެ. ފިލިޕީންސްގެ ނޫހަކުން ބުނި ގޮތުގައި، އެ ދެމަފިރިންގެ ހަށިގަނޑު އެ މީހުންގެ އާއިލާ އުޅޭ ލަގޫނާ ޕްރޮވިންސަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

ކ. ދިއްފުށީގައި މިދިޔަ ހަފުތާގައި މަރުވި އެރިކާ ލެގްރިޑިލިއާ (ކ) އާއި އޭނާގެ ފިރިމީހާ ލިއޯމާ ލެގްރަޑިލިއާ

ކ. ދިއްފުށީގައި މިދިޔަ ހަފުތާގައި މަރުވި އެރިކާ ލެގްރިޑިލިއާ (ކ) އާއި އޭނާގެ ފިރިމީހާ ލިއޯމާ ލެގްރަޑިލިއާ

އޭގެ ތެރެއިން އެރިކާގެ ހަށިގަނޑު ފުރަތަމަ ގެންދާނީ އޭނާގެ އާއިލާގެ ގެއަށެވެ. އެއަށްފަހު އޭނާގެ ފިރިމީހާގެ ގެއަށް ހަށިގަނޑު ގެންދާނެ އެވެ. އެ ދެ މީހުން ވަޅުލަން ނިންމަފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ދެމަފިރިންގެ ހަށިގަނޑު އިއްތިހާދު އެއާވޭސްގެ ބޯޓެއްގައި ފިލިޕިންސަށް ގެންދިޔައިރު، އެއާޕޯޓަށް ގޮސް ތިބި އާއިލާގެ މީހުން ހިތާމަކޮށް ރޮނިކޮށް، ފިލިޕިންސް ނޫސްވެރިޔަކު ޓްވީޓްކޮށްފައިވާ ވީޑިއޯއަކުން ފެނެ އެވެ.

މަރުވި ދެމަފިރިންގެ ހަށިގަނޑު ފެނި އާއިލާގެ ބަޔަކު ރޮނީ

ދިއްފުށީ ކްރައުން ބީޗް ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރި ދެމަފިރިންގެ މަރާ ގުޅޭ ގޮތުން އެ ގެސްޓްހައުސް އިން ތަފްސީލު ނުދޭ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ފިލިޕިންސްގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

މިދިޔަ ހަފުތާގައި ޕެރަޑައިސް ރިސޯޓުގައި ވެސް ވަނީ ދެ ޓޫރިސްޓަކު ގެނބިގެން މަރުވެފަ އެވެ. އެ ދެ މީހުން މަރުވީ ދެ ދުވަހަކު އެވެ. މިފަދަ ހާދިސާތައް އިތުރުވަމުންދާތީ ޓޫރިޒަމް މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފަ އެވެ.