Roadha Mihaaru
މޫނަށް ސްޕްރޭ ޖަހައި ފައިސާތަކެއް ފޭރިގެންފި

މޫނަށް ސްޕްރޭ ޖަހައި ފިއުލް ސަޕްލައިގެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

20 ޖެނުއަރީ 2019

ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ހުންނަ އިސާލްމިކް ބޭންކަށް ފައިސާ ޖަމާކުރަން ދިޔަ މީހާގެ މޫނަށް "މޫވް" ސްޕްރޭ ޖަހައި ދެ މީހަކު ފައިސާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާގެ މޫނަށް ސްޕްރޭ ޖެހީ ސެންޓްރަލް މޯލް ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިގެ އޮފިޝަލަކު ވިދާޅުވީ، ސްޕްރޭ ޖެހުމަށް ފަހު، ފޭރިގަތީ މިދިޔަ ހަފުތާގެ ބަންދުގައި ޕެޓްރޯލް އަޅައިދީގެން ލިބުނު ރުފިޔާ ކަމަށެވެ. ގާތްގަނޑަކަށް 250،000ރ. ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ފައިސާ ޖަމާކުރަން ދާއިރު، އުސޫލުގައި އޮންނަނީ ކާރުގައި ދިއުމަށެވެ. ނަމަވެސް ދިވެހި މުވައްޒަފު މިއަދު ފައިސާ ޖަމާކުރުމަށް ދިޔައީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މިިދިޔަ އަހަރު ވެސް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް ވަނީ ފޭރިގެންފަ އެވެ.