Roadha Mihaaru
ދުވަން އުޅެނިކޮށް ހިފަހައްޓައި ފަށް ފޭރިގެންފި

މާޔަން ދުވަން އުޅެނިކޮށް ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ފަށް ފޭރިގެންފި

11 ފެބުރުއަރީ 2024

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު މަރިޔަމް މުހައްމަދު (މާޔަން) ހުޅުމާލޭގައި ފަތިހު ދުވަން ނުކުމެ އުޅެނިކޮށް ބަޔަކު އޭނާ ހިފަހައްޓައި ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު މަރިޔަމް މުހައްމަދު (މާޔަން) ހުޅުމާލޭގައި ފަތިހު ދުވަން ނުކުމެ އުޅެނިކޮށް ބަޔަކު އޭނާ ހިފަހައްޓައި ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރިގެންފި އެވެ.

އެ ހާދިސާއަށް ފަހު ޝޮކެއްގައި ހުރި މާޔަން، "މިހާރު" އަށް ކިޔައިދިން ގޮތުގައި އެކަނ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތު ކަމަށެވެ.

އޭނާ ބުނީ ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދަށް ފަހު ދުވަން ނުކުންނާތީ އެ ސަރަހައްދުގައި އުޅޭ ރޭސް ޖަހާ މީހުން ވެސް އޭނާ އަށް އެނގޭ ކަމަށާއި ދުވަހަކު ވެސް މިކަހަލަ ކަމެއް ދިމާނުވާ ކަމަށެވެ.

މާޔަން ބުނީ މިއަދު ދުވަން ނުކުތް އިރު އެ ސަރަހައްދުގައި ދެ މީހަކު ސައިކަލެއްގެ މަތީގައި ތިބި ކަމަށާއި އެ މީހުން ތިބީ ހެލްމެޓް އަޅައިގެން ކަމަށެވެ. ޖީންސާއި ޓީޝާޓްގައި ތިބި އެ މީހުންނަކީ ކޮން ބައެއްކަން، ހެލްމެޓް އަޅައިގެން ތިބުމުން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ ފަތިސް ނަމާދުކޮށްގެން އަބަދުވެސް ދުވަން ނުކުންނަ މީހެއް. ފަހެއް ޖަހާއިރު ވެސް ދުވަން ނުކުމެފައި ހުންނަނީ. ދުވަހަކު ވެސް މިކަހަލަ ކަމެއް ދިމާނުވޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ދުވަމުން ގޮސް މަގު ހުރަސްކުރަން އުޅެނިކޮށް ކުއްލިއަކަށް ފަހަތުން އައިސް އޭނާގެ ކަރުގައި ހިފި ކަމަށާއި އެ ވަގުތު ފައިން ވާގި ދޫވެ ބިންމައްޗަށް ވެއްޓުނު ކަމަށެވެ. އެ ވަގުތު އެ މީހުން ދިޔައީ ކަރުގައި އޮތް ފަށް ހިފައިގެން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ ދުވަން ނުކުންނައިރު ފޯނެއް، ދަބަހެއް އެއްޗެއް ގެންދާ މީހެއް ނޫން. ކަރުގައި އަޅާފައި އޮތް ފަށް އެކަނި އޮންނާނީ،"

އެ ވަގުތު އެހީއަށް އެދި ބާރަށް ހަޅޭއްލަވަން ފެށުމުން ބިދޭސީއަކު އައިސް އެ މީހުން އަތު ޖެހޭތޯ ފަހަތުން ދުވި ކަމަށާއި އެކަމަކު ސައިކަލަށް އަރައިގެން ވަރަށް ބާރަށް އެ މީހުން ގޮސް ފިލީ ކަމަށް މާޔަން ބުންޏެވެ.

މަރިޔަމް މުހައްމަދު (މާޔަން) ގެ ކަރުގައި އޮތް ފަށް: އޭނާ ވަނީ މި ފަށް ފޭރިގެންފައި ވާތީ އެއްވެސް މީހަކު އެ ވިއްކަން އުޅޭ ނަމަ އެކަން އަންގައިދިނުމަށް އެދިފައި.

މަރިޔަމް މުހައްމަދު (މާޔަން) ގެ ކަރުގައި އޮތް ފަށް: އޭނާ ވަނީ މި ފަށް ފޭރިގެންފައި ވާތީ އެއްވެސް މީހަކު އެ ވިއްކަން އުޅޭ ނަމަ އެކަން އަންގައިދިނުމަށް އެދިފައި.

"އެ ހާލަތުގައި އަޅުގަނޑަށް ސައިކަލުގެ ނަމްބަރެއް ވެސް ނުބެލުނު."

މާޔަން ބުނީ އެ ހާދިސާ ރިޕޯޓުކުރަން ވެސް އޭނާ ހަމަ އެ ވަގުތު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ދިޔަ ކަމަށާއި އެކަމަކު އެއީ ފަށް ލިބޭނެ ކަމުގެ އުންމީދެއް އޮވެގެން ނޫން ކަމަށެވެ. އޭނާ ބުނީ މައްސަލަ ރިޕޯޓްކުރީ ދުވާލު ވެސް އެފަދަ ހާދިސާތައް ހުޅުމާލޭގައި އިތުރުވެ، ނުރައްކާ ބޮޑުވެފައި ވާތީ ކަމަށެވެ.

ހުޅުމާލޭ މަގުތަކުގައި ހުރި ކެމެރާތަކަކީ ރަނގަޅަށް މަސައްކަތްކުރާ އެއްޗެހިތޯ ކަށަވަރުކޮށް، ދުވަން ނުކުންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މިހާ ކުޑަ އެއްޗެއް ލިބޭނެތީއެއް ނޫން ރިޕޯޓްކުރީ. ދުވާ މީހުންނަށް ވަރަށް ބޮޑަށް ނުރައްކާ އޮތްކަމުގެ އިހުސާސް އެބަ ކުރެވޭ. ގިނަ މީހުންނަކީ މިހާ ހެނދުނާ ދުވާ މީހުން. މިކަހަލަ ކަންކަމާ ހުރެ ކަސްރަތަށް ނުކުންނަން މީހުން އެބަ ޖެހިލުންވޭ. އެމީހުންނަށް ރައްކާތެރިކަން ކަށަވަރުވާން އެބަ ޖެހޭ،" މާޔަން ބުންޏެވެ.

މާޔަން ވަނީ އޭނާގެ ފަށުގެ ފޮޓޯ އާންމުކޮށް އެއްވެސް މީހަކު އެ ވައްތަރުގެ ފަށެއް ވިއްކަން އުޅޭ ނަމަ ނުވަތަ އެއާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ އެކަން އޭނާއަށް އަންގައިދިނުމަށް އެދިފަ އެވެ.