Roadha Mihaaru
ދަރިފުޅުގެ ފަރުވާއަށް ދާން ހޯދި ފައިސާ ގެއްލިއްޖެ

ދަރިފުޅުގެ ކިޑްނީ ބަލީގެ ފަރުވާއަށް ބޭރަށް ދާން ހޯދި ފައިސާ ގެއްލިއްޖެ

09 ފެބުރުއަރީ 2022

ދެ އަހަރުގެ އަންހެން ދަރިފުޅުގެ ކިޑްނީ ބައްޔަކަށް ފަރުވާ ހޯދަން އިންޑިއާއަށް ދާން މީހުން ގާތު އެދިގެން ހޯދި ފައިސާ ގެއްލި އެ ހޯދުމުގައި އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދެ އަހަރުގެ އަންހެން ދަރިފުޅުގެ ކިޑްނީ ބައްޔަކަށް ފަރުވާ ހޯދަން އިންޑިއާއަށް ދާން މީހުން ގާތު އެދިގެން ހޯދި ފައިސާ ގެއްލި އެ ހޯދުމުގައި އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ފައިސާތައް ގެއްލުނު މީހާގެ އާއިލާ އިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ވޮލެޓް ގެއްލުނުއިރު އޭގައި 700 ޑޮލަރު (10،794ރ.) އާއި 300ރ. އަދި ބައެއް ކާޑުތައް ވެސް ހުންނާނެ އެވެ.

ވޮލެޓް ގެއްލުނުކަން އިއްޔެ ރޭ އެނގުނީ ފިހާރައަކަށް ވަދެ، އެއްޗެއް ގަންނަން ފައިސާ ދައްކަން ބެލި އިރު އެވެ.

"ހުޅުމާލޭ ފޭސް އެކެއްގެ އެލްމޯބައިލް ކައިރިއަށް ޓެކްސީއެއްގައި ދިޔައީ. ދެން ގެއްލުނީ ޓެކްސީ ތެރެއަށްކަމެއް ނޫނީ ޓެކްސީން ފޭބި އިރު ވެއްޓުނީ ކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަތުރުކުރެވުނީ ކޮން ސެންޓަރެއްގެ ޓެކްސީއެއްގައި ކަމެއް ވެސް ޅިޔަނަކަށް ނޭނގެ އެވެ. އެހެންވެ، އެކި ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ވޮލެޓެއް ފެނުނުތޯ އަހަމުން އަންނަ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން އެކި ސެންޓަރުތަކަށް މިހާރު ވެސް ގުޅައިފިން. އެ މީހުން ބުނަނީ ވޮލެޓެއް ބާއްވާފައި މީހަކަށް ފޭބުނު މައްސަލައެއް އަދި ނުލިބޭ ކަމަށް،" ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތް ކިޔައިދެމުން އޭނާ ބުންޏެވެ.

ވޮލެޓް ގެއްލުނުއިރު އެ އާއިލާ އިން ތައްޔާރުވަމުން އައީ އަންނަ ހޮނިހިރު ދުވަހު އެ މީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބޭހަށް ދާށެވެ. ނެޕްރޮޓިކް ސިންޑްރަމްއަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފަރުވާ ހޯދަމުން އަންނަ އެ ކުއްޖާގެ ހާލު ގޯސްވެ، ވީއެންމެ އަވަހަކަށް ބޭރަށް ދާން ޑޮކްޓަރުން ލަފާދެ އެވެ.

"ކިޑްނީ މައްސަަލަ ދިމާވެ މިފަހުން ވަރަށް ސީރިއަސް. އެހެންވެ ޑޮކްޓަރުން މިކޮޅުން އަންގާފައި އޮތީ ބޭރަށް ގޮސްގެން ފަރުވާ ހޯދުމަށް،" ކުއްޖާ ގޮވައިގެން އިންޑިއާއަށް ފުރަތަމަ ފަހަރަށް ފަރުވާއަށް ދާން އުޅޭކަން ފާހަގަކުރަމުން އޭނާ ބުންޏެެވެ.

އެހެންވެ، އާސަންދަ ވެސް ހޯދާފައިވާ ކަމަށާއި އެކަމަކު ބޭރަށް ގޮސް ތިބެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގޭތީ އިތުރު ހަރަދުތަކަށް އެހީ ހޯދީ، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ގާތު އެދިގެންނެވެ.