Roadha Mihaaru
ހައްދެއްގެ ތެރޭ "ސްކްރީން ޓައިމް" ނުރައްކަލެއް ނޫން

ހައްދެއްގެ ތެރޭގައި "ސްކްރީން ޓައިމް" ނުރައްކަލެއް ނޫން

11 ޖެނުއަރީ 2019

ސްކްރީން ޓައިމް ނުވަތަ ފޯނު ފަދަ ތަކެއްގައި ބެލުމުގައި ވަގުތު ހޭދަކުރުމަކީ ކުޑަކުދިންނަށް އޭގެ ޒާތުގައި މާބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް ނޫން ކަމަށް ކުޑަކުދިންގެ ޑޮކްޓަރުންގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ސްކްރީން ޓައިމް ނުވަތަ ފޯނު ފަދަ ތަކެއްގައި ބެލުމުގައި ވަގުތު ހޭދަކުރުމަކީ ކުޑަކުދިންނަށް އޭގެ ޒާތުގައި މާބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް ނޫން ކަމަށް ކުޑަކުދިންގެ ޑޮކްޓަރުންގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ތަޖުރިބާކާރުން ބުނީ ކުޑަކުދިން ސްކްރީން ކުރިމަތީ ހޭދަކުރާ ވަގުތާ ގުޅޭ ގޮތުން ސަމާލުވާންޖެހޭ، ވަކި އިންތަކެއް އެބަހުރި ކަމަށާއި އެ ކަންކަމަށް އަމަލުކުރެވޭ ނަމަ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އެކަމަކު މި ގައިޑްލައިންގައި ވަކި ވަގުތަކަށް ސްކްރީން ޓައިމް ފައްތާކަށް ނުބުނެ އެވެ. އެކަމަކު ނިދާ ވަގުތާ ގާތްކޮށްފައި ސްކްރީނަށް ނުބަލަން ބުނެފައިވެ އެވެ.

އަލަށް ދިން ލަފާގައި ބުނެފައިވަނީ ކުދިންގެ ނިދުމާއި ކަސްރަތުކުރުމާއި އާއިލާއާ އެކު ހޭދަކުރާ ވަގުތައް ބުރޫ ނާރާ ނަމަ ސްކްރީން ކައިރީގައި ހޭދަކުރާ ވަގުތުގައި މާބޮޑު މައްސަލައެއް ނެތް ކަމަށެވެ.

ކުޑަކުދިންގެ ޑޮކްޓަރުންގެ މި ވާހަކަތައް، ބީއެމްޖޭ އޯޕަން މެޑިކަލް ޖާނަލްގައި ވެސް ވަނީ ޝާއިއުކޮށްފަ އެވެ.

އާ ރިވިއުގައި ބޮޑަށް ބަލާފައިވަނީ ކުދިން ޓީވީ ކައިރީގައި ހޭދަކުރާ ވަގުތަށެވެ. ނަމަވެސް ފޯނާއި ކޮމްޕިއިޓަރު ފަދަ ތަކެތި ބޭނުންކުރުމުގައި ހޭދަކުރާ ވަގުތަށް ވެސް ބަލާފައިވެ އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ޗައިލްޑް މެޑިސިން ސްޕެޝަލިސްޓުން ތަމްރީންކުރާ ރޯޔަލް ކޮލެޖް އޮފް ޕީޑިއޭޓްރިކްސް އެންޑް ޗައިލްޑް ހެލްތު (އާރްސީޕީސީއެޗް) ގެ ގައިޑްލައިންގައި ބުނެފައިވަނީ ސްކްރީން ޓައިމް އަކީ ސިއްހީ ބޮޑު ގެއްލުމެއްގެ ގޮތުގައި ބައެއް ދިރާސާތަކުގައި ފާހަގަކޮށްފައި ވިޔަސް، މިއީ އޭގެ ޒާތުގައި ގެއްލުން ހުރި ކަމެއް ނޫން ކަމަށެވެ. ކުރީގެ ދިރާސާތަކުގައި، ސްކްރީން ޓައިމް ގިނަވެ ކުދިން ފަލަވުމަށް މަގު ފަހިވާ ކަމަށް ބުންޏަސް އާ ރިވިއުގައި ބުނީ ކަންތައް ދިމާވަނީ އޭގެ އިދިކޮޅަށް ކަމަށެވެ. އެއީ އެކި ސަބަބުތަކާ ހެދި ކުދިންގެ ބަރުދަން އިތުރުވުމުން ދެން އެ ކުދިން ސްކްރީން ކައިރީގައި ގިނައިން ވަގުތު ހޭދަކުރުން ކަމަށެވެ.

މި ރިވިއު އެކުލަވާލުމުގައި ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ތަޖުރިބާކާރުންނާ އެކު އާރްސީޕީސީއެޗްގެ ރައީސް ޕްރޮފެސަރު ރަސެލް ވީނާ ވެސް ބައިވެރިވެ ވަޑައިގަތެވެ. އެ ކޮލެޖުން ބުނީ ސްކްރީން ޓައިމް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ލަފާ ނުދިނީ އެއްވެސް އުމުރެއްގައި، ސްކްރީން ޓައިމްގެ ނުރައްކަލެއް ކުއްޖާ އޮންނަ ކަމަށް ހޯދުންތަކުން ނުދައްކާތީ ކަމަށެވެ. އެކަމަކު އެތަނުން ވަނީ، ސްކްރީން ޓައިމް ކަނޑައެޅުމުގައި މި ސުވާލުތަކަށް އަމިއްލަ އަށް ޖަވާބު ހޯދަން ބުނެފަ އެވެ. އެއީ؛

- އާއިލާގެ ސްކްރީން ޓައިމް އޮތީ ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރޯލް ކުރެވޭ ގޮތަށްތޯ؟

- އާއިލާ އިން ކުރަން ބޭނުންވާ ކަމަކަށް، ސްކްރީން ޓައިމްގެ ސަބަބުން ހުރަސް އެޅޭތޯ؟

- ސްކްރީން ޓައިމްގެ ސަބަބުން ނިދި ގެއްލޭތޯ؟

- ސްކްރީން ކައިރީ އިންނައިރު، ކެއުން ކޮންޓްރޯލް ކުރެވޭތޯ؟

ފޯނާއި ކޮމްޕިއުޓަރު ފަދަ ތަކެއްޗަކީ ކުދިން ދުނިޔެއާ ގުޅުވާލައި މައުލޫމާތު ފޯރުކޮށްދޭ އެއްޗަކަށް ވާއިރު އެ އެއްޗިއްސާ ކުދިން ދުރުކުރުން ރަނގަޅު ނޫންކަން ތަޖުރިބާކާރުން ފާހަގަކޮށްފައިވެ އެވެ.