Roadha Mihaaru

މަގުމަތީ ބާއްވާފައި އޮތް ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި ބިނދިއްޖެ

މާލޭ މަގެއްގައި ބާއްވާފައި އޮތް ޕެލެޓަކަށް އެރި ފައި ތާށިވެ، އަންހެނެއްގެ ފައި އިއްޔެ ރޭ ބިނދިއްޖެ އެވެ.

ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި ބިނދިއްޖެ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

07 ޖެނުއަރީ 2019

މާލޭ މަގެއްގައި ބާއްވާފައި އޮތް ޕެލެޓަކަށް އެރި ފައި ތާށިވެ، އަންހެނެއްގެ ފައި އިއްޔެ ރޭ ބިނދިއްޖެ އެވެ.

ނަން ހާމަނުކުރަން އެދި އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ހޮނިހިރު ދުވަހުގެ ރޭ މއ. އަލިމަސްގޯޅީގައި ހިނގި އެ ހާދިސާގައި ތިރީހަކަށް އަހަރުގެ އަންހެން މީހާ މަގު ހުރަސްކުރަން ވެގެން އެ ޕެލެޓަށް އަރަން އުޅެނިކޮށް، ދެ ފަތީގެ ދޭ ތެރޭގައި ފައި ތާށިވި އިރު އޭނާ ހުރީ ދެ އަހަރުގެ ދަރިފުޅު ވެސް އުރައިގެން ކަމަށެވެ.

އޭނާ ވެއްޓުމާ އެކު އެ ކުއްޖާ ވެސް ވެއްޓި ބިންމަތީގައި ބޯ ޖެހުނެވެ. ނަމަވެސް މާ ބޮޑު އަނިޔާއެއް ނުލިބެ އެވެ.

އަންހެން މީހާގެ ކަނާތު ފައިގެ ތަނބިކަށި ބިދިފައިވާއިރު ހަމަ އެ ރޭ އައިޖީއެމްއެޗަށް ގެންގޮސް ޕްލާސްޓާ އެޅި އެވެ. އަދި މާދަމާ އޮޕަރޭޝަން ކުރާނެ ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެމަގު ވަރަށް އަނދިރިކޮށް އޮންނަނީ. ދަރިފުޅު ގޮވައިގެން އޭނާ އުޅުނީ މަގަށް ނުކުންނަން. އެތާ ބާއްވާފައި އޮތް ޕެލެޓެއް ހުރަސް ކުރަން އުޅެނިކޮށް ދެ ފިލާ ދޭތެރެއަށް ފައި ވަދެ ތާށި ވެގެން ދަރިފުޅާ އެކު އޭނާ ވެއްޓުނީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގޭގެ އާއި ފިހާރަތަކުގެ ދޮރުމަތީ ޕާކް ކުރިޔަނުދޭން ޕެލެޓް ބެހެއްޓުމަކީ އާއްމު ކަމެކެވެ. ދޭތެރެ ދޭތެރެއިން ފުލުހުން ނުކުމެ އެ ފިލާތައް ނެގި ނަމަވެސް އެ ކަމަށް ހައްލެއް ނުލިބެ އެވެ.

ޕެލެޓް ބަހައްޓާ މީހުން ބުނަނީ އެގޮތަށް ނުހަދާ ނަމަ ޕާކްކުރާތީ ވަދެވެން ނޯންނަނީ ކަމަށެވެ.