Roadha Mihaaru
ޑަބްލިއު ކޮންސްޓްރަކްޝަނަށް އަލުން ހުއްދަ ދީފި

ޑަބްލިއު ކޮންސްޓްރަކްޝަނަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފި

07 ޖެނުއަރީ 2019

ސިމެންތި ބަސްތާއެއް ވެއްޓި ރަވްޝާން ޖިއާން މަރުވި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ހުއްޓުވުމަށް ފަހު އެކުންފުންޏަށް އަލުން ހުއްދަދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިމެންތި ބަސްތާއެއް ވެއްޓި ރަވްޝާން ޖިއާން މަރުވި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ހުއްޓުވުމަށް ފަހު އެކުންފުންޏަށް އަލުން ހުއްދަދީފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަލީ "މިހާރު"އަށް ވިދާޅުވީ ޖިއާން މަރުވި ހާދިސާ ހިނގި ސައިޓް ނޫން އެހެން ސައިޓްތަކުގައި މަސައްކަތް ކުރިއަށް ގެންދަން ޑަބްލިއު ކޮންސްޓްރަކްޝަނަށް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހުއްދަ ދީފައިވާ ކަމަށެވެ.

އެކަމަކު މ. ނަލަހިޔާ މަންޒިލްގައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުއްދަ ނުދީ އޮތީ، އެ ހާދިސާގެ ތަހުގީގު ނުނިމޭތީ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"އެ ސައިޓަށް ހުއްދަ ނުދީ އޮތީ އެ ތަހުގީގުގެ ރިޕޯޓާ، އެފަދަ ހާދިސާއެއް ދެން ހިނގިޔަ ނުދިނުމަށް އެޅި ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް ލިބެންދެން. އެ ރިޕޯޓެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ޖިއާން މަރުވި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނާ ދެކޮޅަށް އަދި އެއްވެސް ފިޔަވަޅެއް ނާޅާ އޮތީ ވެސް ތަހުގީގު ނުނިމޭތީ އެވެ.

އަހުމަދު ވިދާޅުވީ ޑަބްލިއުގެ އެހެން ސައިޓްތަކަށް ހުއްދަ ދިނީ ތަހުގީގަށް ހޭދަވާ މުއްދަތުގެ ދިގުކަމުން، އެ މަސައްކަތްތައް ހުއްޓުވާފައި ނުބާއްވަން ވެގެން ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ޖިއާން، ޑިސެމްބަރު 16 ގައި މަރުވީ ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ޖިއާން މަރުވި ހާދިސާއާ ގުޅިގެން މާލޭގެ ވަރަށް ގިނަ ތަންތަނުގެ މަސައްކަތް މާލޭ ސިޓީކައުންސިލާއި ޕްލޭނިން މިނިސްޓްރީން ހުއްޓުވި އެވެ. އެކަމަކު އެ ފިޔަވަޅު އެޅުމުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އޭރު ބުނީ މަސައްކަތް އެގޮތަށް ހުއްޓުވުމަކީ ހައްލެއް ނޫން ކަމަށެވެ.

އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑު މެންބަރު މުހައްމަދު އަލީ ޖަނާހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކުންފުނިތައް ވެސް ހިމެނޭ ކަމަށާއި އެންމެ ކޮންޓްރެކްޓަރެއްގެ މައްސަލަޔަކުން އެންމެން ކުށްވެރިވާން ނުޖެހޭ ކަމަށެވެ.