Roadha Mihaaru

ރާއްޖޭން ގަވާއިދުތަކަށް އިހުތިރާމްކުރާނެކަން ކަމުގެ ޔަގީންކަން ފީފާ އަށް ދީފި

ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ދެއްވައިފި އެވެ.

ގަވާއިދުތަކަށް އިހުތިރާމްކުރާނެކަން ކަމުގެ ޔަގީންކަން ފީފާ އަށް ދީފި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

06 ޖެނުއަރީ 2019

ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ދެއްވައިފި އެވެ.

އަބޫ ދާބީގައި އިއްޔެ ފެށި އޭޝިއަން ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މަހުލޫފު ވަނީ އިންފަންޓީނޯގެ އިތުރުން އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

"ރާއްޖޭން ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކަށް އިހުތިރާމްކުރުމާ އެކު، ގާތްކޮށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު އޭނާ އެ އިޝާރާތްކުރެއްވީ، ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން މިނިސްޓްރީން ކޮމިޓީއެއް ހެދުމުން، އެފްއޭއެމުން އެކަން އޭއެފްސީގެ ސަމާލުކަމަށް ގެނައުމާ އެކު އެ ޖަމިއްޔާ އިން ޒާތެއްގެ އިންޒާރެއް ދިން ދިނުމަށެވެ. އެ ފަހަރު އޭއެފްސީން ބުނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށެވެ. އަދި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރުގެ އެ މަސައްކަތް ހުއްޓާލަން ނުސީދާކޮށް އިންޒާރު ވެސް ދިނެވެ.

އެކަމަކު ފަހުން މަހުލޫފު ވިދާޅުވީ މިނިސްޓްރީން ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަންގަވާފައިވާ ކަމަށެވެ.

އަދި މަހުލޫފު ވަނީ އޭއެފްސީގެ ރައީސް ސަލްމާންގެ ދައުވަތަކަށް ލަންޑަނަށް ވަޑައިގެން އޭނާއާ ބައްދަލުކުރައްވައިފަ އެވެ. އެ ފަހަރު ވެސް މަހުލޫފު ވަނީ ކޮމިޓީން އިމުގެ ތެރޭގައި މަސައްކަތްކުރާ ކަމުގެ ޔަގީންކަން އޭއެފްސީގެ ރައީސް ސަލްމާނަށް ދެއްވައިފަ އެވެ.

އޭއެފްސީގެ ދައުވަތަކަށް އަބޫ ދާބީ އަށް ވަޑައިގެން މަހުލޫފު ވަނީ ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ކްރޮއޭޝިއާ އާއި އޭސީ މިލާނުގެ ކުރީގެ ކުޅުންތެރިޔާ ޒޮވޮނިމިރް ބޮބާން އާއި އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަން ޓިމް ކޭހިލާ އެކު ވެސް ހިޔާލުބަދަލުކުރައްވައިފަ އެވެ. ރާއްޖޭގެ އަމިއްލަފުށި ރިޒޯޓުގައި ދާދި ފަހުން ޓްރެއިނިން ކޭމްޕެއް ވެސް ބޭއްވި ކޭހިލަށް ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އެހީވެދޭނެ ގޮތްތަކާ މެދު ވާހަކަ ދެކެވުނު ކަމަށް މަހުލޫފު ވިދާޅުވި އެވެ.