Roadha Mihaaru
ދިވެހި ސިނަމާގެ ސުރުހީތައް

ދިވެހި ސިނަމާގެ ސުރުހީތައް

07 ޖެނުއަރީ 2019

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އިން މި އަހަރު ސިނަމާ ހުޅުވިގެން ދިޔަ އިރު، މި އަހަރަކީ ދިވެހި ފިލްމީ ދާއިރާއާ ދޭތެރޭ އުންމީދުތައް ކުރެވޭ އަހަރެކެވެ. ވަކިން ހާއްސަކޮށް ގިނަ ފިލްމުތަކެއް ނުކުންނާނެ އަހަރެއް ކަމަށް ބެލެވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އިން މި އަހަރު ސިނަމާ ހުޅުވިގެން ދިޔަ އިރު، މި އަހަރަކީ ދިވެހި ފިލްމީ ދާއިރާއާ ދޭތެރޭ އުންމީދުތައް ކުރެވޭ އަހަރެކެވެ. ވަކިން ހާއްސަކޮށް ގިނަ ފިލްމުތަކެއް ނުކުންނާނެ އަހަރެއް ކަމަށް ބެލެވެ އެވެ.

އެހެންވެ ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މި އަހަރަކީ ތަފާތު އެކި ކަހަލަ ފިލްމުތައް ފެންނާނެ އަހަރަކަށް ވާނެ އެވެ. "ނިވައިރޯޅި" އާ އެކު ނިއުމާ އެކްޓިން ކެރިއަރު ނިންމައިލި އިރު، ބުރާސްފަތި ދުވަހުގެ ރޭ އެ ފިލްމުގެ ޕްރިމިއާގެ ތެރެއިން ވަނީ އޭނާގެ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ. ނިއުމާމުހައްމަދު.ކޮމް ލޯންޗްކޮށް ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނިއުމާ ދެން ސްކްރީނުން ނުފެނުނަސް ކެމެރާގެ ފުރަގަހުން އޭނާ ފެންނާނެ އެވެ. އެހެންވެ ފިލްމީ ދާއިރާއަކުން ނިއުމާ ނުއެއް ގެއްލޭނެ އެވެ.

ނިއުމާގެ އެކްޓިން ކެރިއަރު ނިންމައިލާކަން އިއުލާން ކުރަން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އޭނާގެ ބައޮގްރަފީ "މައި ސްޓޯރީ" ވެސް ނެރޭކަން ހިއްސާކޮށްފައިވެ އެވެ.

އެހެންވެ މި އަހަރަކީ ޔަގީނުން ވެސް ބެލުންތެރިން އެއަށް އިންތިޒާރު ކުރާނެ އަހަރެކެވެ.

ރަވީގެ އާ ފިލްމަކީ "ގޯނާ"

ދެހާސް ސަތާރަ ވަނަ އަހަރު ފިލްމު "ވިޝްކާ" ގެނެސް ދިން ޑައިރެކްޓަރު ރަވީގެ އާ ފިލްމެއް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

"ގޯނާ" ގެ ނަން ދީފައިވާ މި ފިލްމު ލޯންޗްކޮށްފައި ވަނީ ބަތަލާ ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޕްރިމިއާގެ ތެރެއިންނެވެ. މި ފިލްމަކީ ނި"ވައިރޯޅި" ވެސް ގެނެސް ދިން ޕްރޮޑަކްޝަން ހައުސް ނިއުޒޯ ފިލްމްސް އިން ހަދާ ފިލްމެކެވެ. އެއީ ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާގެ ފިލްމު ކުންފުންޏެވެ.

ފިލްމު "ގޯނާ" ގެ ފަސްޓްލުކް.

ފިލްމު "ގޯނާ" ގެ ފަސްޓްލުކް.

"ގޯނާ" ލޯންޗް ކުރި ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ފިލްމުގެ ތަފުސީލު ހޯދަން ކުރި މަސައްކަތް ވެސް އަދި ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

"ވިޝްކާ" ގެ އިތުރުން ރަވީ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "އިނގިލި"، "މިކޮއެ ބައްޕަ ބައޭބައޭ" އަދި "މި ހަށިން ފުރާނަ ދަންދެން" ހިމެނެ އެވެ.

"ކަނޑު އިނބިލީސް" ފެބްރުއަރީ 1 ގައި

މިދިޔަ މަހު ހދ. ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާގައި ޕްރިމިއާ ކުރި ކުޑަކުދިންގެ ފިލްމު "ކަނޑު އިނބިލީސް" އަންނަ މަހުގެ 1 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމައިފި އެވެ.

"ކަނޑު އިބިލީސް" ގެ ޕޯސްޓެއް.

މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

"ކަނޑު އިބިލީސް" އަކީ އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު ޑައިރެކްޓްކޮށް، ޓައިލްޓްލް ރޯލު ކުޅެފަިއވާ ފިލްމކެވެ. ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ފެނިގެންދާ ފިލްމުގެ މަންޒަރުތައް ވެސް ނަގާފައި ވަނީ އެ ރަށުގަ އެވެ.

"ގޮށްރާޅު" ގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ މަހުގެ 4 ގައި އަޅުވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ގޮށްރާޅު" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

މި ފިލްމު އެޅުވުމަށް ފަހު، ކޮންމެ ދުވަހަކު ތިން ޝޯ ދައްކަން ހަމަޖެހިފައިވެ އެވެ. "ގޮށްރާޅު" އަކީ މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުން އާ އެކްޓަރުންތަކެއް ވެސް ފެނިގެންދާ އިރު، މަޝްހޫރު ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، ނުޒުހަތު (ނުޒޫ) ޝުއައިބް، ކޮޕީ އިއްސެ އަދި މަރިޔަމް ޝަކީލާ ފަދަ ތަރިން ހިމެނެ އެވެ.