Roadha Mihaaru
"މާޔޫސް" އެންމެ ފަހު އެޑިޓިން އަށް

"މާޔޫސް" އެންމެ ފަހު އެޑިޓިން އަށް، މި މަހު ނިންމައިލެވޭނެ

09 ޖެނުއަރީ 2017

ޝޫޓިން ނިމިފައިވާ އޮންނަތާ ތިން އަހަރެއްހާ ދުވަސްވެފައިވާ، މަހުދީ އަހުމަދުގެ ފިލްމް "މާޔޫސް" ގެ އެންމެ ފަހުގެ އެޑިޓިން ފަށާފައިވާ ކަމަށާއި މި މަހުގެ ތެރޭގައި ފިލްމްގެ އެޑިޓިން އެއްކޮށް ނިންމައިލެވޭނެ ކަމަށް އޭނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ނިމިފައިވާ އޮންނަތާ ތިން އަހަރެއްހާ ދުވަސްވެފައިވާ، މަހުދީ އަހުމަދުގެ ފިލްމް "މާޔޫސް" ގެ އެންމެ ފަހުގެ އެޑިޓިން ފަށާފައިވާ ކަމަށާއި މި މަހުގެ ތެރޭގައި ފިލްމްގެ އެޑިޓިން އެއްކޮށް ނިންމައިލެވޭނެ ކަމަށް އޭނާ ބުނެފި އެވެ.

"މާޔޫސް" އަކީ ސާކް ފިލްމް ފެސްޓިވަލުން 2014 ގައި ބްރޯންޒް މެޑެލް ހޯދި "އިނގިލި" އަށް ފަހު، މަހުދީ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސް ކުރި ދެވަނަ ފިލްމެވެ.

ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި ތާށިވެފައި އޮތް ފިލްމް ބެލުންތެރިންނަށް ގެނެސް ދޭން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މި އަހަރުގެ ތެރޭގައި ފިލްމް ރިލީޒް ކުރާނެ ކަމަށް މަހުދީ ބުންޏެވެ.

"މާޔޫސް" އަކީ ކުރިން 2014 ގައި ރިލީޒް ކުރަން ޕްލޭން ކުރި ފިލްމެކެވެ.

"މީގެ ޝޫޓިން އޮތީ އަސްލު ރޭވި ގޮތަށް ހަމަ އޮންޝެޑިއުލަށް ނިމިފައި،" އޭނާ ބުންޏެވެ. "ފިލްމް ރިލީޒް ނުވެ ދިގުލައިގެން ދިޔައީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ނުނިމިގެން."

އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮއަކާ އެކު ހިންގާ ލޯބީގެ ގުޅުންތަކެއް ދައްކުވައިދޭ ދެ ގަޑިއެއްހާ އިރުގެ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ނިއުމާ މުހައްމަދާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ.

މިއީ މި ތިން ތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖުމަލް ތައާރަފުވި "އަނިޔާ" އެވެ.

"މާޔޫސް" ގެ ޝޫޓިންގެ ތެރެއިން.

"މާޔޫސް" ގެ ޝޫޓިންގެ ތެރެއިން.

މަހުދީ ބުނީ "މާޔޫސް" އަކީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ގިނަ ރަހަތަކެއް ފެނިގެން ދާނެ "ޓިޕިކަލް ލަވް ސްޓޯރީއެއް" ކަމަށެވެ. އަދި މި ފިލްމަކީ ކޮމާޝަލް ފިލްމެއް ހަދަން ބޭނުންވެގެން ޕްރޮޑިއުސްކުރި އެއްޗެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ފީޗާ ފިލްމެއް އަލަށް ޑައިރެކްޓް ކުރި އަޖްނާޒް އަލީ (އަޖޫ) އެވެ. އެކަމަކު އޭނާއަކީ ޑައިރެކްޝަނަށް އާ މީހެއް ނޫނެވެ. އަޖޫ ޑައިރެކްޓްކޮށްފައިވާ ބައެއް ވީޑިއޯ ލަވަތައް ބެލުންތެރިންނަށް ފެނިފައި ވާނެ އެވެ.

މަހުދީ ބުނީ ބ. އަތޮޅުގައި ޝޫޓް ކުރި "މާޔޫސް" ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ތަފާތު ވިސްނުންތަކެއް އެބަ ހުއްޓެވެ.

އެގޮތުން ފިލްމްގެ މަސައްކަތް ނިންމައި، ފިލްމު ވިއްކާލުމުގެ ވިސްނުންތަކެއް ވެސް އެބަ ހުއްޓެވެ. އަދި ފިލްމް ސިނަމާގައި ރިލީޒް ކުރުމުގެ ބަދަލުގައި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ފިލްމް ނެރުމުގެ ހިޔާލު ވެސް އޭނާ އަންނަނީ ގެންގުޅެމުންނެވެ.

"ފިލްމްގެ މާކެޓިން ޕްލޭންގެ މަސައްކަތް ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނަން. އެކަމަކު މި ބުނި ކަހަލަ ވިސްނުންތަކެއް ފިލްމާ ދޭތެރޭ އެބަ ގެންގުޅެން،" ގިނަ ފިލްމްތަކާއި ޑްރާމާތަކަށް ސްކްރީންޕްލޭ ލިޔެފައިވާ މަހުދީ ބުންޏެވެ. "މުޅިން ގޮތެއް ނިންމާނީ ފިލްމުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވުނީމަ."

ޓީ ފޯ 2 އާއި ލުޔޫ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ "މާޔޫސް" ގެ ކެމެރާކޮށްފައި ވަނީ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިލްމްގެ އެވޯޑް ހޯދި "ލޫދިފާ" ގެ ޑައިރެކްޓަރު މޫމިން ފުއާދެވެ. ފިލްމުގެ ބެކްމިއުޒިކް ހަދަނީ އައްޔުމަން ޝަރީފެވެ.

"މާޔޫސް" އަކީ މަޝްހޫރު ބަތަލާ ނިއުމާގެ ރިލީޒް ނުވެ ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.