Roadha Mihaaru
ފަސް އަހަރު ފަހުން "ވީ ބޭވަފާ" ސިނަމާ އަށް

އެންމެ ފަހުން "ވީ ބޭވަފާ" އަންނަ މަހުގެ 30 ގައި ރިލީޒް ކުރަނީ

24 އޮކްޓޯބަރ 2016

"ވީ ބޭވަފާ" އަކީ މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ ފުރަތަމަ ޑައިރެކްޝަނެވެ. މިއީ 2011 ގައި މަސައްކަތް ފެށި ފިލްމެކެވެ. އެ އަހަރުގެ ތެރޭގައި ފިލްމުގެ ވަރަށް ބޮޑު ބައި ވަނީ ޝޫޓްކޮށް ވެސް ނިންމައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ވީ ބޭވަފާ" އަކީ މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ ފުރަތަމަ ޑައިރެކްޝަނެވެ. މިއީ 2011 ގައި މަސައްކަތް ފެށި ފިލްމެކެވެ. އެ އަހަރުގެ ތެރޭގައި ފިލްމުގެ ވަރަށް ބޮޑު ބައި ވަނީ ޝޫޓްކޮށް ވެސް ނިންމައިފަ އެވެ.

އެކަމަކު ބައެއް ސަބަބުތަކާ ހެދި ފިލްމް ތާށިވެ، ސްކްރީނަށް ނުގެނެވި ދިގުލައިގެން ދިޔައީ އެވެ.

ޝޫޓް ކުރިތާ ފަސް އަަހަރު ފަހުން "ވީ ބޭވަފާ" ސްކްރީނަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި ފިލްމް އަންނަ މަހުގެ 30 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.

ސަން ޝައިން ޕްރޮޑަކްޝަނާއި ކިޑްސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ "ވީ ބޭވަފާ" ގެ ޕްރޮޑިއުސަރުންނަކީ ކަނޑިގެ ކޮއްކޮ އަދި ޑައިރެކްޓަރު/ކެމަރާމަން ހުސައިން މުނައްވަރު (ކުޑަ ފޫޅު) އާއި ކުރީގެ އެކްޓަރު އަހުމަދު ޝާހެވެ.

"ވީ ބޭވަފާ" ކާސްޓުންނަށް ބަލާ އިރު، މިއީ މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންތަކެއް ހިމެނޭ ފިލްމެކެވެ.

އެގޮތުން ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ "ހިތް ރޮއްވާ ނުލާ" ގެ ލީޑް ތަރިންނެވެ. އެއީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު އަދި އަބްދުﷲ މުއާޒް (މުއާ) އެވެ.

މިއީ މުއާގެ ފިލްމެއް ދުވަސްތަކެއް ފަހުން ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2013 ގައި ރިލީޒް ކުރި "އިނގިލި" އިންނެވެ.

"ވީ ބޭވަފާ" ގެ މުހިއްމު ރޯލަކުން ނިއުމާ ފެނިގެން ދާނެ.

"ވީ ބޭވަފާ" ގެ މުހިއްމު ރޯލަކުން ނިއުމާ ފެނިގެން ދާނެ.

އަނެއްކޮޅުން "ވީ ބޭވަފާއަކީ" ނިއުމާ ވެސް 2014 ގެ "އާދޭސް" އަށް ފަހު ބޮޑު ރޯލަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. މިއީ މަސައްކަތް ނިމި ރިލީޒް ނުވެ އޮތް ނިއުމާގެ ތިން ފިލްމުގެ ތެރެެއިން އެއް ފިލްމް ވެސް މެ އެވެ.

"ވީ ބޭވަފާ" ގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެގެ ކުރީގެ އަންހެނުން ފާތުމަތު ފަރީލާ އާއި ޒީނަތު އައްބާސް އަދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވެސް ހިމެނެ އެވެ.

ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިދިޔަ އަހަރު އަލީ ސީޒަން ގެނެސް ދިން "އަހްޝަމް" ގެ ސްކްރީންޕްލޭ ގުޅިގެން ލިޔުނު މަހުދީ އަހުމަދާއި އަހުމަދު ޒަރީރެވެ.