Roadha Mihaaru
ސުއޫދުގެ ވާހަކަތައް ދޮގުކޮށް ކްރިމިނަލް ކޯޓުން އިންޒާރު

ސުއޫދުގެ ވާހަކަތައް ދޮގުކޮށް ކްރިމިނަލް ކޯޓުން އިންޒާރު ދީފި

31 ޑިސެމްބަރ 2018

ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އެ ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެ، އެ ކޯޓާ ބެހޭ ގޮތުން، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރު ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އެ ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެ، އެ ކޯޓާ ބެހޭ ގޮތުން، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރު ދީފި އެވެ.

ސުއޫދުގެ ވާހަކަތަކުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަމުގެ ހަގީގަތް ބަލާނެ ކަމަށް ސުޕްރީމް ކޯޓުން ބުނިތާ އިރުކޮޅެއް ފަހުން ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ސުއޫދު ވާހަކަތަކަކީ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، މިނިވަން ޖުޑީޝަރީ އަޅުވެތިކޮށް، ގައުމު ހަލަބޮލިކުރަން ދެއްކި ވާހަކަތަކެއް ކަމަށެވެ.

ކޯޓުން ބުނީ މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދި ކޮމިޝަނުގެ ބޭނުމަކީ ވަކި މައްސަލަތަކެއް ބެލުން ކަމަށް ވާއިރު ސުއޫދު ވާހަކަ ދެއްކެވީ ކޮމިޝަންގެ އިހްތިސާސުން ބޭރުން ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

"މި ކޯޓުގެ ހުރުމަތްކެނޑޭހެން މީޑިއާގައި ވާހަކަ ދައްކައި މި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް ދެއްކުމުގެ ގޮތުން ހުސްނުއްސުއޫދު ދައްކާފައިވާ ވާހަކަތައް މި ކޯޓުން ކުށްވެރިކުރަމެވެ." ބަޔާނުގައިވެ އެވެ.

ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅޭނެ ނިޒާމު ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައި ވަނިކޮށް އޭގެ ބޭރުން ކަންތައް ކުރުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަ ބެލިކަމުގައި ވިޔަސް ކްރިމިނަލް ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ސުއޫދު ވިދާޅުވުމަކީ އެ ކޯޓުގެ ފަނޑިޔާރުންނާ މެދު ސުއޫދު ވަކި ގޮތެއް ނިންމަވައިގެން ދެއްކެވި ވާހަކަތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބަޔާން ނިންމާލާފައި ވަނީ ކްރިމިނަލް ކޯޓާއި އެތަނުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނެހެން ކުރާ ކަންކަން ބަލާނެ ކަމަށް ބުނަމުންނެވެ.

ރައީސް އޮފީހުގައި ސުއޫދު އިއްޔެ ވިދާޅުވި ގޮތުގައި މީހުން ހައްޔަރުކުރުމާއި ކުށްސާބިތުކުރުމާއި ކުށުން ބަރިއްޔަ ކުރުމުގައި ފަނޑިޔާރުންނާއި ގޭންގުތައް ގުޅިގެން ކަންތައްތައް ކޮށްފައި އެބަހުއްޓެވެ.

"ހަމަ އެގޮތަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ބައެއް ގޭންގުތައް ބޭނުންކޮށްފައި އެބަހުރި. ބައެއް ގޭންގުތަކަށް އެބަ އޮވޭ ކޯޓާއެއް ލިބިފައި ފަނޑިޔާރުން އައްޔަން ކުރަން ބައެއް ކޯޓްތަކަށް. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޯމިޓޭޓްކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބުން. ހިނގާފައި ހުރި ކަންތައްތައް މިއީ،" ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގެ ސަސްޕެންޝަނެއްގައި ހުންނެވި ސުއޫދު އިއްޔެ ވިދާޅުވި އެވެ.