Roadha Mihaaru
ވިލާ ކޮލެޖުގެ ޔޫވީ ކޯސްތަކުގެ ތަރުހީބު ބޮޑު ވަނީ

ވިލާ ކޮލެޖުގެ ޔޫވީ ކޯސްތަކުގެ ތަރުހީބު ބޮޑު ވަނީ

26 ޑިސެމްބަރ 2018

މީގެ 11 އަހަރު ކުރިން ވިލާ ކޮލެޖު އުފެއްދުމުގެ ބޭނުމަކީ ވެސް މިއީ އެވެ. ރާއްޖޭގައި ތިބެގެން ދަރިވަރުންނަށް ދުނިޔޭގައި މަޝްހޫރު ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތައް ކިޔެވުމުގެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހުރި އަމިއްލަ އެންމެ ބޮޑު ކޮލެޖުން އަންނަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑު (ޔޫވީ) ގެ ކޯސްތައް ހިންގަމުންނެވެ.

މީގެ 11 އަހަރު ކުރިން ވިލާ ކޮލެޖު އުފެއްދުމުގެ ބޭނުމަކީ ވެސް މިއީ އެވެ. ރާއްޖޭގައި ތިބެގެން ދަރިވަރުންނަށް ދުނިޔޭގައި މަޝްހޫރު ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތައް ކިޔެވުމުގެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހުރި އަމިއްލަ އެންމެ ބޮޑު ކޮލެޖުން އަންނަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑު (ޔޫވީ) ގެ ކޯސްތައް ހިންގަމުންނެވެ.

އެ ކޮލެޖުގެ ބިޒްނަސް ފެކަލްޓީގެ ޑީން އަބްދުﷲ ނާފިޒު ވިދާޅުވިގޮތުގައި ވިލާ ކޮލެޖުގައި ހިންގަމުން އަންނަ ޔޫވީގެ ޕްރޮގްރާމްތަކަށް ދަރިވަރުންނާ އަދި ވަޒީފާދޭ ފަރާތްތަކުން ވަރަށް ރަނގަޅު ތަރުހީބެއް ލިބެ އެވެ. އެގޮތުން އެކައުންޓިން އާއި ފައިނޭންސް އަދި ވިޔަފާރިއާ ގުޅޭ އެހެން ދާއިރާތަކުން ހިންގަމުން އަންނަ ޔޫވީގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ހިންގާ ގިނަ ކޯސްތަކަށްވުރެ ޔޫވީގެ ކޯސްތައް ތަފާތުވާނެ. އެއީ ޔޫކޭގެ ކޮލިޓީ ސްޓޭންޑަޑްތަކުގެ އިތުރަށް ބައިނަލްއަގުވާމީ ފެންވަރަށް ހިންގާ ކޯސްތަކެއް. އެހެންވެ އެ ކޯސްތަކަށް ލިބޭ ތަރުހީބު ވެސް ވަރަށް ރަނގަޅު،" ނާފިޒު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ މައި ކެމްޕަހުގެ އިތުރުން ސ. ހިތަދޫ އަދި ޅ. ނައިފަރުގައި ހުންނަ ކެމްޕަހުގައި ވެސް ޔޫވީގެ ޑިގްރީ ޕްރޮގްރާމްތަކަށް ކިޔަވައިދެ އެވެ. އެއީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކުން، މާލޭން ބޭރުގައި ހިންގާ ބޭރުގެ ޔުނިވަރސިޓީއެއްގެ ހަމައެކަނި ކޯސްތަކެވެ.

ނާފިޒު ވިދާޅުވީ އެ ފެކަލްޓީގައި ހިންގަމުން އަންނަ ޔޫވީގެ ފަސް ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެނީ ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓާއި އެކައުންޓިން އަދި ފައިނޭންސް ފަދަ ރާއްޖޭގެ އިގުތިސޯދާ ގުޅުންހުރި ދާއިރާތަކަށް ކަމަށެވެ. އޭގެ އިތުރުން އިގުތިސޯދީ ދާއިރާއިން ވެސް ޑިގްރީއަށް ކިޔަވައިދެމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކައުންޓިން އެންޑް ފައިނޭންސް ޑިގްރީ އަކީ އޭސީސީއޭ އަދި ސީމާ ފަދަ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީސްތަކުން އެގްޒެމްޕްޝަން ލިބޭ ކޯހެކެވެ. މިގޮތުން އޭސީސީއޭގެ ނުވަ ޕޭޕަރަކުން އެގްޒެމްޕްޝަން ލިބުމުގެ ފުރުސަތު މި ޑިގްރީ ފުރިހަމަ ކުރުމުން ލިބެއެވެ.

މިދިޔަ އަހަރު ޔޫވީގެ ފަސް ކޯހަކުން 131 ދަރިވަރުން ގްރެޖުއޭޓްވި އެވެ. ނަމަވެސް މި އަހަރު އެ އަދަދު ވަނީ 319 އަށް އިތުރުވެފަ އެވެ. އެއީ 14 ޕްރޮގްރާމަކުންނެވެ. އޭގެ ތެރެއިން 75 ދަރިވަރުންނަކީ މާލޭން ބޭރުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރި ދަރިވަރުންނަށްވުމުން، އެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާކަން ވިލާ ކޮލެޖުން ފާހަގަކުރި އެވެ.

ނާފިޒު ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރުމަށް ފަހު ކޮންމެ ތަނެއްގައި މަސައްކަތްކުރި ކަމުގައި ވިއަސް ބަދަލުވަމުން އަންނަ ވާދަވެރި މާހައުލެއްގައި މަސައްކަތް ކުރަން އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދު އަދި ވިޔަފާރީގެ މަސްރަހު ބަދަލުވަމުންދާ ސްޕީޑަށް ބަލާއިރު މީގެ ކުރިން އުނގަންނައިދެމުން އައި އިލްމާ އަދި ފަންނީ ހުނަރުތަކުން ނުފުދޭ ކަމަށާއި އެއަށްވުރެން މާ މައްޗަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހުނަރުތައް ޔޫވީގެ ޕްރޮގްރާމްތަކުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ އެހެން ޕްރޮގްރާމްތަކާއި ޔޫވީން ކިޔަވަމުން އަންނަ ދަރިވަރުންގެ ތަފާތު ފެންނާނެ ކަމަށެވެ. ޔޫވީން ގްރެޖުއޭޓްވާ ދަރިވަރުންނަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ވަޒީފާ އަދާކުރުމަށް ތައްޔާރުކުރެވިފައިވާ ދަރިވަރުން ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް މި ޕްރޮގްރާމްތަކުގައި ސިމިއުލޭޝަން ހިމަނާފައިވާނެ. މިއީ ކަޓިން-އެޖް ލާނިން ޓެކްނޮލޮޖީ. އެހެންވީމަ އެހެން ޕްރޮގްރާމްތަކާއި ޔޫވީގެ ޕްރޮގްރާމްތަކުން ދަސްވާ އެއްޗެހި ވަރަށް ތަފާތުވާނެ. ގްރެޖުއޭޓުން ވޯކް ރެޑީ ވާނެ. އަދި ދަސްވެނިންގެ ކިބައިގައި ހުންނަ ސިފަތައް ވެސް ތަފާތުވާނެ،" ނާފިޒު ވިދާޅުވި އެވެ.

ޔޫވީގެ ބިޒްނަސް މެނޭޖްމަންޓުން ޑިގްރީ ހާސިލްކޮށް މިހާރު އެސްޓީއޯގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޝައްފާހު ބުނިގޮތުގައި ރާއްޖޭގައި ހުރެގެން އިނގިރޭސިވިލާތް ފެންވަރުގެ މަތީ ތައުލީމަށް ކިޔެވުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އެ ކޯހުން ދަސްވި ކަންތައްތައް، މަސައްކަތުގެ މާހައުލާ ވެސް ވަރަށް ބޮޑަށް ގުޅި އެކަމުގެ ފައިދާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ފެންވަރު ރަނގަޅު ޕްރޮގްރާމެއް ހަދަން އެދޭ ފަރާތްތަކުން ޚިޔާރު ކުރަން އެންމެ ރަނގަޅު ޕްރޮގްރާމް ކަން އޭނާ ގަބޫލް ކުރެއެވެ.

ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ހުރެގެން އެކަށީގެންވާ އަގެއްގައި ދުނިޔޭގެ ފެންވަރަށް ކިޔެވޭނެ މަގު ފަހިވެފައި އޮތުމުން ބެލެނިވެރިންނާ ދަރިވަރުން އަދި އިންޑަސްޓްރީން ބަލައިގަންނަކަން އެފަރާތްކުން ދޭ ފީޑްބެކަށް ބަލާއިރު އެނގިގެންދާ ކަމަށް ބިޒްނަސް ފެކަލްޓީގެ ޑީން ނާފިޒު ވިދާޅުވި އެވެ. ހިތްގައިމު އަދި އުފާވެރި މާހައުލެއްގައި މަތީ ތައުލީމު ފޯރުކޮށްދިނުމަކީ ވިލާ ކޮލެޖުގެ އެންމެ މުހިންމު އެއް އަމާޒެވެ.