Roadha Mihaaru

ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށް ރެއާލަށް ރެކޯޑެއް

އަބޫދާބީ، ޔޫއޭއީ (ޑިސެމްބަރު 23) - ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޔޫއޭއީގެ އަލް އައިން އަތުން 4-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ރެކޯޑަކާ އެކު ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށް ރެއާލަށް ރެކޯޑެއް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

23 ޑިސެމްބަރ 2018

އަބޫދާބީ، ޔޫއޭއީ (ޑިސެމްބަރު 23) - ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޔޫއޭއީގެ އަލް އައިން އަތުން 4-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ރެކޯޑަކާ އެކު ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

މިއީ ރެއާލުން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މި ފަހަރުގެ ތަށްޓާ އެކު ރެއާލުން ވަނީ ބާސެލޯނާ ފަހަތައް ޖައްސާލުމަށް ފަހު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ރެއާލުން ހަތަރު ފަހަރު ކާމިޔާބުކުރިއިރު، ބާސެލޯނާ އިން ވަނީ ތިން ފަހަރު މި ތަށި އުފުލާލައިފަ އެވެ.

ރޭގެ ފައިނަލުގެ 14 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ދުނިޔޭގެ މޮޅު ކުޅުންތެރިއާ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ރެއާލުގެ ދެ ވަނަ ލަނޑު ޖެހީ މާކޯސް ލޮރެންޓޭ އެވެ. މިއީ ރެއާލުގެ ސީނިއާ ޓީމަށް ލޮރެންޓޭ ޖަހައިދިން ފުރަތަމަ ގޯލެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

ރެއާލުގެ ތިން ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ސާޖިއޯ ރާމޯސް ޖެހިއިރު، އެ ޓީމުގެ ފަހު ގޯލަކީ އިތުރު ވަގުތުގައި އަލް އައިންގެ ނާދިރު މުސްތަފާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން މި ފަހަރުގެ މުބާރާތުގައި ކުޅުނު އަލް އައިންގެ ހަމައެކަނި ލަނޑު ޖެހީ ސުކާސާ ޝިއޮޓާނީ އެވެ.

މި ފަހަރުގެ ކްލަބް ވޯލްޑް ކަޕާ އެކު އެންމެ ބޮޑު ކާމިޔާބެއް ލިބުނީ ރެއާލުގެ ޓޮނީ ކްރޫސް އަށެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަ ކްލަބް ވޯލްޑް ކަޕްގެ ތެރެއިން ފަސް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ ބަޔާން މިއުނިކާ އެކު 2013 ވަަނަ އަހަރު ތަށި އުފުލާލުމަށް ފަހު އޭގެ ފަހުން ރެއާލާ އެކު ވަނީ ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލަށް ސެމީ ފައިނަލުގައި ހެޓްރިކެއް ހަދައިދިން ގަރެތު ބޭލް އެވެ.

މިއީ ދާދި ފަހުން ރެއާލުގެ ކޯޗުކަމާ ހަވާލުވި ސަންޓިއާގޯ ސޮލާރީއާ އެކު ރެއާލުން ހޯދި ފުރަތަމަ ކާމިޔާބެވެ. ސޮލާރީ ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށާއި މީގެ ކްރެޑިޓް ހައްގުވަނީ އެ ކުޅުންތެރިންނަށް ކަމަށެވެ.