Roadha Mihaaru

ބޭލްގެ ހެޓްރިކުން ރެއާލް ފައިނަލަށް

އަބޫ ދާބީ، ޔޫއޭއީ (ޑިސެމްބަރު 20) - އެގާރަ މިނިޓް ތެރޭ ގަރެތު ބޭލް ހެދި ހެޓްރިކުން 3-1 އިން ޖަޕާންގެ ކަޝިމާ އެންޓްލާސް ބަލިކޮށް ރެއާލް މެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ،

ބޭލްގެ ހެޓްރިކުން ރެއާލް ފައިނަލަށް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

20 ޑިސެމްބަރ 2018

އަބޫ ދާބީ، ޔޫއޭއީ (ޑިސެމްބަރު 20) - އެގާރަ މިނިޓް ތެރޭ ގަރެތު ބޭލް ހެދި ހެޓްރިކުން 3-1 އިން ޖަޕާންގެ ކަޝިމާ އެންޓްލާސް ބަލިކޮށް ރެއާލް މެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ،

މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މި ފަހަރުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ޔޫއޭއީގެ އަލް އައިންއާ ދެކޮޅަށެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ފުރުސަތު ދިން އަލް އައިން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ހައިރާންކުރަނިވި ގޮތަކަށް އާޖެންޓީނާގެ ގަދަބާރު ރިވަ ޕްލޭޓް ބަލިކުރުމަށް ފަހު އެވެ.

އަބޫ ދާބީގެ ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ރެއާލަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. ރެއާލަށް ލީޑުނަގައިދިން ލަނޑު ބޭލް ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު މެޗުގެ 44 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ހާފްގެ ކުުޅުން ފަށައިގެން އަށް ވަނަ މިނިޓްގައި ބޭލް ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އޭނާ އޭގެ ދެ މިނިޓް ފަހުން ހެޓްރިކް ފުރިހަމަކުރި އެވެ.

ބޭލް އަކީ ރެއާލަށް ކުރިން ކުޅުނު މިހާރު ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒަށް ފަހު މި މުބާރާތުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ރޮނާލްޑޯ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ފަހު ތިން ކްލަބް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް އޭޝިއާގެ ޗެމްޕިއަން ކަޝިމާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޝޮމާ ޑޯއީ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ސަންޓިއާގޯ ސޮލާރީ ވެސް ވަނީ ބޭލް އަށް ތައުރީފްކޮށްފަ އެވެ.

"ބޭލް މި މެޗުގައި ދައްކުވައިދީފި އޭނާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން. ހަގީގަތުގައި އޭނާގެ ކޮލިޓީން ކޮންމެ މެޗެއް ވެސް ބަދަލުކުރެވިދާނެ. ފުޓްބޯޅަ ކުޅުންތެރިންނަކީ ހުރިހާ މެޗަކު އެއް ފެންވަރަކަށް ކުޅެވޭނެ ކުޅުންތެރިންނެއް ނޫން. އެކަމަކު ހަގީގަތުގައި ޓީމު ބޭނުންވާ ހާލަތަށް ތައްޔާރުވާ ކުޅުންތެރިންނަކީ މީގެ މޮޅު ކުޅުންތެރިން. ބޭލް އަކީ އެ ކެޓަގަރީގައި އޮތް ވަރުގަދަ ނަމެއް،" ސޮލާރީ ބުންޏެވެ.

ރެއާލް މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފިނަމަ އެ ޓީމު ވެގެންދާނީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަށެވެ. މި ވަގުތު ބާސެލޯނާ އާއި ރެއާލް ތެރެއިން ކޮންމެ ޓީމެއްގެ އަތުގައި އޮތީ މި މުބާރާތުގެ ތިން ތަށްޓެވެ.