Roadha Mihaaru
ވިޔަފާރީގެ ތެރެއިން ސަގާފަތް: އާޝިފާ އަކީ މިސާލެއް!

ވިޔަފާރީގެ ތެރެއިން ސަގާފަތް: އާޝިފާ އަކީ މިސާލެއް!

20 ފެބުރުއަރީ 2020

ބައެއް ޒުވާނުންނަށް ފަހަރެއްގައި މިއީ ވަރަށް އޮޑު ކަމެކެވެ. އެކަމަކު ގދ. މަޑަވެއްޔަށް އުފަން އާޝިފާ މުސްތަފާގެ ވިސްނުން މުޅިން ތަފާތެވެ. ކަސަބުން އަންނައުނު ހަދައިގެން އެ ވިއްކައި، އޭނާ ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަތާ މިހާރު ފަސް އަހަރުވީ އެވެ. އޭނާ ބުނާ ގޮތުން މި ވިޔަފާރީގައި "ހަމަ ވަރަށް ރަނގަޅު އެއްޗެއް ލިބެ" އެވެ. އަނެއްކޮޅުން އޭނާ އަށް ލިބޭ ހިތްހަމަޖެހުން ވެސް މާބޮޑެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބައެއް ޒުވާނުންނަށް ފަހަރެއްގައި މިއީ ވަރަށް އޮޑު ކަމެކެވެ. އެކަމަކު ގދ. މަޑަވެއްޔަށް އުފަން އާޝިފާ މުސްތަފާގެ ވިސްނުން މުޅިން ތަފާތެވެ. ކަސަބުން އަންނައުނު ހަދައިގެން އެ ވިއްކައި، އޭނާ ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަތާ މިހާރު ފަސް އަހަރުވީ އެވެ. އޭނާ ބުނާ ގޮތުން މި ވިޔަފާރީގައި "ހަމަ ވަރަށް ރަނގަޅު އެއްޗެއް ލިބެ" އެވެ. އަނެއްކޮޅުން އޭނާ އަށް ލިބޭ ހިތްހަމަޖެހުން ވެސް މާބޮޑެވެ.

ކަވި، އަދި ކެތްތެރިކަމާ އެކު، ވަގުތުތަކެއް ވެސް ހޭދަކޮށްގެން ތައްޔާރުކުރާ މި ދިވެހި އުފެއްދުންތައް މާކެޓް ކުރަން އާޝިފާ، 40، ބޭނުންކުރާ ވަސީލަތަކީ ފޭސްބުކް އެވެ. ދެހާސް ތޭރަ ވަނަ އަހަރު ފޭސްބުކް ޕޭޖަކުން ފެށި މި ވިޔަފާރި އަކީ، މާލޭގައި ދިރިއުޅޭ ހަތަރު ކުދިންގެ މަންމަގެ ހުރިހާ ހަރަދަށް ފައިސާ ހޯދައިދޭ ވަސީލަތް ކަމަށް މިއަދު ވެއްޖެ އެވެ. ޓޫރިޒަމް ސީޒަންތަކާ ދިމާކޮށް، ބައެއް ފަހަރު 20،000ރ. ލިބޭ ކަމަށް އޭނާ ބުންޏެވެ. އާންމުކޮށް ކުޑަ ދިވެހި ލިބާހެއް ވިއްކަނީ 1،800ރ. އަށެވެ. ބޮޑެތި މީހުންގެ ލިބާސް ވިއްކަނީ 2،500ރ. އަށެވެ.

ކަސަބް ގެތުމުގެ މަސައްކަތް އެހެން ބައެއް ޒުވާނުންނަށް އާސިފާ ދަސްކޮށްދެނީ-- ފޮޓޯ:މިހާރު

ކަސަބް ގެތުމުގެ މަސައްކަތް އެހެން ބައެއް ޒުވާނުންނަށް އާސިފާ ދަސްކޮށްދެނީ-- ފޮޓޯ:މިހާރު

އާޝިފާ ކުރަމުން މި އަންނަނީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ މަސައްކަތެކެވެ. އެހެންވެ، މިކަން ދެމެހެއްޓުމަކީ އާޝިފާ އަށް ވެސް، އަދި އޭނާގެ އާއިލާ އަށް ވެސް ވަރަށް މުހިންމު ވެފައި އޮތް ކަމެކެވެ. އެހެންވެ، މި މަސައްކަތް ކުރާގޮތް އޭނާ އަންނަނީ ޒުވާނުންނަށް ވެސް ދަސްކޮށްދެމުންނެވެ. -- މިއީ އާޝިފާ ދިން އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

ކަސަބު ގެތުމުގެ މަސައްކަތަށް ވަދެވުނީ ކިހިނެއް؟

ކަސަބު ވިޔުމަކީ އަޅުގަނޑުމެން ފެމިލީގެ މަސައްކަތެއް. ވަރަށް ކުރީގައި އަޅުގަނޑުމެންގެ މުނިމާމަ މި މަސައްކަތް ކުރަން ފެށީ. ދެން މުނިމާމަގެ ފަރާތުން މާމަ ދަސްކޮށްފައި، މާމަގެ ފަރާތުން މަންމަ އަށް ވެސް ދަސްވީ. އަޅުގަނޑަށް މި މަސައްކަތަށް ވަދެވުނީ ކުޑައިރު ވެސް ގޭތެރެއިން މި މަސައްކަތް ފެނިގެން. މަންމަމެން ކުރާތަން ފެނިގެން އެކަމަކު ކޮންމެހެން މަސައްކަތެއް ކުރުމުގެ ނިޔަތެއްގައެއް ނޫން. އެކަމަކު ދެން އަބަދު ގޭތެރޭގައި ކަސަބު ގަތާތީ ފެނިގެން.

ކަސަބު ވިޔުމުގެ މަސައްކަތް ކުރާ އާސިފާ ލިބާހެއް ކަނޑަނީ--ފޮޓޯ: މިހާރު

ކަސަބު ވިޔުމުގެ މަސައްކަތް ކުރާ އާސިފާ ލިބާހެއް ކަނޑަނީ--ފޮޓޯ: މިހާރު

ކޮން އުމުރެއްގައިތޯ މި މަސައްކަތް ފެށީ؟

އުމުރުން ގާތްގަނޑަކަށް 12 ނުވަތަ 13 ހިސާބުގައި ފެށީ. މަންމަމެން އެހެން ގަތަން ރެޑީކޮށްފައި ހުންނަ އިރު ފޫހިވެގެން ގޮސް އެޔާ ކުޅެލާ އެގޮތަށް. އެގޮތަށް ދަސްވީ.

ވިޔަފާރިއެއްގެ ގޮތުގައި ފެށީ ކިހާ ހިސާބެއްގައި؟

ވިޔަފާރިއެއްގެ ގޮތުގައި ފެށުނީ ފޭސްބުކްގައި ޕޭޖެއް ހަދައިގެން މަސައްކަތް ފެށި ހިސާބުން. ގޭ އެންމެން މި މަސައްކަތް ކުރާއިރު ހިތަށް އެރީ ދިވެހި ހެދުން ބޭނުންވާ ފަރާތްތަކަށް ފެންނަ ޕްލެޓްފޯމެއްގައި މަސައްކަތްތައް ދައްކާނީއޭ. އޭގެ ކުރިން ވެސް ގޭ މީހުން މި މަސައްކަތް ކުރޭ. ވިއްކަން ވެސް ވިއްކާ. ފޭސްބުކް ޕޭޖާ އެކު ގިނަ ބަޔަކަށް މަސައްކަތް ފެނިގެން ދިޔަ. ދެން މިހާރު ވިޔާމް (ވިމެން އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް) ޖަމިއްޔާއާ ގުޅުމުން ވެސް މަސައްކަތް ފުޅާ ކުރުމަށް ފުރުސަތު ލިބުނު.

ވިޔަފާރިއެއްގެ ގޮތުން ކުރަން މިއީ ކޮން ކަހަލަ މަސައްކަތެއް؟

މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް. ގެސްޓުންނަށް ވެސް ވިއްކާލެވޭނެ އެއްޗެއް. ދިވެހި ސަގާފީ ހެދުމަކީ ރީތި ހެދުމެއް. މިހާރު ހަމައެކަނި ސަގާފީ ދުވަސްތަކަކު ނޫން ޑިމާންޑް އޮންނަނީ. ޓޫރިޒަމްގެ ތެރެއިން ވެސް ވިއްކޭނެ ފުރުސަތު އެބައޮތް.

މި މަސައްކަތް ކުރުމަށް ދިމާވާ ދަތިތަކަކީ ކޮބާ؟

އެންމެ ބޮޑު ދަތިކަމަކީ މެޓީރިއަލް ނުލިބުން. ކަސަބު ގެތުމަށް ގެންނަ ސާމާނު ގެންނަން ޖެހެނީ ބޭރުން. ދެން އާންމުކޮށް ލާ ހެދުމަކަށް ނުވާތީ މި ހެދުން ތައްޔާރު ކުރުމަށް ފަހު ވިއްކުމުގައި ވެސް އުނދަގޫތަކާ ކުރިމަތިވޭ. ސީދާ ބޭނުންވާ ދުވަހު ވިއްކާ ނުލެވުނަސް އަންނަ ސީޒަންތަކުގައި ވަރަށް ބޮޑު ފައިދާއެއްވޭ.

ކަސަބު ގެތުމުގެ މަސައްކަތަށް ކިހާ ދުވަހެއް ނަގާ؟

ގާތްގަނޑަކަށް އެންމެ ހިރެއް ގެތުމަށް ނަގާނެ ތިން ދުވަސް ވަރު. ވަރަށް ކެތްތެރިކަމާ އެކު ގޭގައި ކުރަން ޖެހޭ އެހެން މަސައްކަތްތައް ކުރަމުން ލިބޭ ވަގުތުގައި ކުރާ ނަމަ ވަރަށް ދުވަސް ނަގާ. އަޅުގަނޑުމެން ގޭގައި މަންމަ އާއި އެންމެން ތިބެނީ މި މަސައްކަތަށް ހުސްވެގެން. ކަސަބު ގަތާ ނިމޭނީ އެންމެ އަވަހަށް ވެސް 15 ވަރަކަށް ދުވަހުން. އެކަނި ކުރަންޏާ މަސް ދުވަސް ވެސް ނަގާނެ.

ގެތުމުގައި ކޮން ކަހަލަ ތަފާތު ވައްތަރުތަކެއް އުޅޭނެ؟

ގެތުމުގައި އުޅޭނެ 10 ވަރަކަށް ވައްތަރު. ދެން މިކަން ރަނގަޅަށް ކުރަންޏާ އާ ޑިޒައިންތައް ވެސް ގެނެވޭނެ. އޭގައި އުޅޭނެ އާދައިގެ މީހުން އަޅާ ވައްތަރަކާއި، މެދުފަންތީގެ މީހުން އަޅާ ވައްތަރެއްގެ އިތުރުން މުއްސަނދިން އަޅާ ވައްތަރެއް. އިހުޒަމާނުގައި ތަންކޮޅެއް ފޯރާ މީހުން އަޅާނީ "ބާދަލާ ހިރު". އާދައިގެ މީހުން އަޅަނީ "ބަގިޔާ".

އާސިފާ ކަސަބު ގެތުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: މިހާރު

އާސިފާ ކަސަބު ގެތުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: މިހާރު

ގޭގައި ހުރެގެން އުވެމުންދާ ސަގާފީ މަސައްކަތެއް ކުރާ އިރު، ކުރިއަށް އޮތްތަނުގައި ކޮން ކަމެއް ހާސިލް ކުރަން ބޭނުންވަނީ؟

މި މަސައްކަތުގައި އަޅުގަނޑު އުފާވާނީ އުވިގެންދާ މަސައްކަތަކަށް ވާތީ ވީހާ ވެސް ގިނަ ޒުވާނުން މަސައްކަތް ކުރާތަން ފެނުން. ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރާތަން ފެނުން. ބައެއް މީހުން ދެކޭ ގޮތުގައި މިއީ މުސްކުޅިން ކުރާ ކަމެއް. ޒުވާން ކުދިންނަށް ތަންކޮޅެއް އޮޑް ކަމަކަށް ވަނީ. އެކަމަކު އެހެނެއް ނޫން.